ކުޅުދުއްފުށީ ދަޅު ބަންދާއި ވައްލެ ނޫޑެ!

ހދ. ކުޅުދުއްފުށިން: ނާޒިމް ހަސަން

ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު (ސޯދުބެ) އާ އެއްފަހަރަކު ބައްދަލުވި އެވެ؛ އޭނާއާ އަހަންނާ ދެމެދު ދެކެވުނު ވާހަކައެއްގެ ކުރިފަޅައިގެން ގޮސް ހިއްސާ ކުރެއްވި ވާހަކަ އެއްގައި އުތުރުގެ ހދ. ކުޅުދުއްފުށީ މީހުންނަކީ ބަސް ހެދުމުގައި އެވަރުގެ ދެވަނައެއް ނެތް ބައެކޭ ވިދާޅުވި އެވެ. އެއީ ތެދެކެވެ. ތަފާތު މޮޅެތި ބަސްތައް އެމީހުން އަމިއްލައަށް އުފައްދަ އެވެ. އިނގިރޭސި ބަސްބަސް ދިވެހި ކޮށްލަނީ އެހާ މޮޅަށް އެހާ މަޖާ ގޮތަކަށެވެ. ކުޅުދުއްފުށީން އުފަންވެގެން އައި ގިނަ ބަސްތަކެއް މިހާރު ވަނީ އެންމެން ދަންނަ އަދި ބޭނުން ކުރާ ރީތި ދިވެހި ބަހުގެ ގޮތުގައި ރަދީފަށް އަރާފަ އެވެ.

އެކަމަކު އެއީ ހަމައެކަނި ކުޅުދުއްފުށީ އިހު މީހުން އިސް ރަށްވެހީންގެ އެކަނި ހުނަރެއް ކަމަކަށް ބެލޭކަށް ނެތެވެ. މިހާރުގެ ކުޅުދުއްފުށީ ޒުވާނުންގެ ފަރާތުން ވެސް އެކަން ފެންނާން އެބައޮތެވެ. ކުޅުދުއްފުށީގެ އާ ޒުވާނުން ވެސް ބަސް ހަދަ އެވެ.

ތިޔައީ އިންސްޓަގްރާމާއި ފޭސްބުކުން ކުޅުދުއްފުށީ ޒުވާނެއްގެ ރަހުމަޔްތެރި ނަމަ މިފަހުން މި ދެ ބަސް ކޮންމެ މީހަކަށް ވެސް އޮންނާނީ ފެނިފަ އެވެ. އެއީ "ދަޅު ބަންދު" އާއި "ވައްލެ ނޫޑް" އެވެ.

މިއީ ކޮން ވަލެއް ނޫޑެއް ހެއްޔެވެ؟ އަދި މިއީ ކޮން ދަޅުބަންދެއް ހެއްޔެވެ؟

"ވައްލެ ނޫޑަ"ކީ މާ ތަފާތު ކަމެއް ނޫނެވެ. ކޮންމެ ތާކު ކޮންމެ ރަށެއްގައި ވެސް މިއީ ވަރަށް އާންމު ކަމެކެވެ. އެކަމަކު، އާންމުކޮށް ކިޔާ އުޅެނީ "ޕިކްނިކް ދިއުން" އާއި "ވަލަށް ދިޔުން" އަދި "ދަތުރު ދިއުން" ފަދަ ނަންނަމެވެ.

މި ކުޅުދުއްފުށީގެ "ވައްލެ ނޫޑަ" އަކީ އެކުވެރީން ބައި ހަދާފައި ވަލުތެރެއަށް ނޫނީ ރުއްގަނޑަށް ތުނިޑިއަކަށް، އެހެންނާ ފަޅުރަށަށް ގޮސް މަޖަލަށް ކައްކާ ނޫޑްލިސް ގަނޑެވެ. މިއީ ކުޅުދުއްފުށީގެ އާ ޒުވާނުން އެކަމަށް ދީފައި އޮތް ހާއްސަ ނަމެވެ. ދަރުކޮޅެއް ހޮވައިގެން ގަލުން އުނދުން ހަދައި، ދަޅުގަނޑެއްގައި ކައްކާ އެ ނޫޑްލުހުގައި ހުންނަނީ މުޅިން ތަފާތު ރަހައެކެވެ. -- ވައްލެ ނޫޑު މި ބަސް އުފެދުނު ގޮތަކީ ވަލުތެރޭގައި ކައްކާ ނޫޑްލީސް ކުރުކޮށްލައިގެނެވެ. އެކަމަކު މިއީ ދަތުރު ދިއުމަށާއި ވަލަށް ދިއުމަށާއި ރުގަނޑަށް އަދި ތުނޑިމައްޗަށް ގޮސް މަޖާކޮށް ކައްކައި ހީނސަމާސާކޮށް އުޅުމަށް ވެސް މިހާރު ބޭނުން ކުރާ ނަމެކެވެ.

ދެން މިއޮތީ ކުޅުދުއްފުށީ "ދަޅު ބަންދެ" ވެ. މިއީ ސީދާ ކުޅުދުއްފުއްޓަށް ހާއްސަވެފައި އޮތް ކަމެކެވެ. މިވެސް ކުޅުދުއްފުށީގެ އާ ޒުވާނުން "އީޖާދު" ކޮށްގެން އުޅޭ ބަހެވެ. މިއީ ވެސް ހަމަ ވަލުތެރެއަށް ގޮސްގެން ކުރާ ކަމެކެވެ.

ކުޅުދުއްފުށީގައި މި މަޖަލެއް އާންމުކޮށް ނަގަނީ ރަށުގެ ފުއްޓަރު ދިމާ ރުއްގަނޑުގެ ތެރޭގަ އެވެ. ފުއްޓަރު ރުއްގަނޑުގެ "ދަޅު ބަންދަކަށް" ނުދާ ކުޅުދުއްފުށީ ޒުވާނެއް މިހާރު ނުހުންނާނެ އެވެ.

"ދަޅު ބަންދަ"ކީ މައިލޯ ނޫނީ ފުއް ދަޅެއްގައި -- ހިކި ކިރު ހުސްކުރި ދަޅު -- ފިހާ ކުކުޅަށް ދީފައިވާ ނަމެވެ. އެ ކުކުޅު ފިހަނީ ދަޅުގެ ތެރޭގައި ހާވާދުލީ ކުކުޅު ބާއްވައިގެނެވެ. ވަލުން ދަރު ހޮވައި ގަލުން އުނދުން ހަދައިގެންނެވެ. ދަޅުގައި ކުކުޅު ބަންދުކޮށް ފިހެވެންދެން އެ އުނދުނުގައި ބާއްވަ އެވެ. މިކަމަށް ދަޅު ދަށުންނާއި މަތިން ހުޅު ޖަހަ އެވެ. ބަންދުވެފައި އެ ދަޅުގައި އުފައްދާ އާވިން ނެރެލާ ކުކުޅުގެ ރަހަ، އެއީ އަވަނަކުން ފިހެލާ ކުކުޅަކުން ލިބޭނެ ރަހައެއް ނޫނެވެ. ކުޅުދުއްފުށީ ބަހުރުވައިންނަމަ އެއީ "މާ ފަހި" އެވެ.

-- ދަޅު ބަންދު މި ބަސް އުފެދުނު ގޮތަކީ ދަޅެއްގެ އެތެރޭގައި ބަންދުކޮށްގެން ފިހާ ފިހުމަކަށްވާތީ އެވެ.

ކުޅުދުއްފުއްޓަށް އެރޭ ގޮތް ވެއްޖެ ނަމަ ކޮންމެހެން ވެސް "ދަޅު ބަންދަކަށް" ނޫނީ "ވައްލެ ނޫޑަކަށް" ގޮސްލަން ވާނެ އެވެ. އެ ރަށުގައި އެންމެ ފޯރީގައި ޒުވާނުން ނަގާ މަޖަލަކީ މިއީ އެވެ. މަޖަލާ އެއްވަރަށް މި ނަންތައް ވެސް މަޖާވެފައި ދިވެއްސެއް ނޫން ހެއްޔެވެ؟