މޫސައާ ނާޒިމް ރޯދަވީއްލަން ފާޅު ބޯޓަށް!

މާލޭ ބަނދަރުގައި އޮތް ހދ. ކުޅުދުއްފުށީ ފާޅު ބޯޓުގައި ރޯދަ ވީލަން ދިޔަ އަވަސްގެ ދެ ނޫސްވެރިންނާއެކު ރޯދަ ވީއްލަން ހަދާފައިވާ ތަކެއްޗާއި ރޯދަ ވިއްލުން ދައްކުވައިދޭ ވީޑިއޯ | އަހުމަދު ޝުރާއު | އަވަސް

ރޯދަ ވީއްލަން އެންމެ ކަމުދަނީ ކޮން ތަނެއް ހެއްޔެވެ؟ އާއިލާއާއެކު ގޭގެ ސުފުރާމަތީގައި ހެއްޔެވެ؟ ނުވަތަ މިސްކިތެއްގައި ހެއްޔެވެ؟ އެހެންނާ ރެސްޓޯރެންޓެއްގައި ނޫނީ އާދައިގެ ކަޑައެއް، ސައި ހޮޓަލެއްގައި ހެއްޔެވެ؟ ރިސޯޓެއްގައި ހެއްޔެވެ؟ ރޯދަ ވީއްލާތަނާއި ގޮތް، ބަދަލުކޮށްލައި ރަހަ ތަފާތުކޮށްލިއްޔާ ކީއް ހެއްއެވެ. ރޯދަ ވީއްލަން ބަނދަރުގެ ނާލު ބޯޓަކަށް އެރުން ކިހިނެއްވާނެ ހެއްޔެވެ؟ އެވެސް ގޮތެކެވެ. ހަޔާތުގެ އާ ތަޖުރިބާއަކަށްވާނެ އެވެ. ނާލު ބޯޓެއްގެ ދަތުރުވެރި ރޯދައަށް ތިބެ، ބާޒާރާއި މާލޭގެ ފަޅުތެރޭގައި އުފުލާ ބުރައާއި ތަކުލީފު އިހުސާސްކޮށްލައި ނާލު ބޯޓެއްގައި ވަގުތު ހޭދަކޮށްލައި އެ މީހުންނާއެކު އެމީހުންގެ ސުފުރާގައި ރޯދަ ވިއްލާން ކަމަށް ހީކޮށް ބަނދަރަށް ދާތާ ދެ ދުވަހެއް ވެއްޖެ އެވެ.

ނޯތު ހާބަރުގެ "އަންނި ޖެޓީ" މި އޮންނަނީ ވަރަށް ފާޑަކަށެވެ. އޮންނަނީ ބިޔަ ބޮޑެތި ނާލު ބައްތެލި ފަހަރާއި އޮޑިދޯނި ފަހަރާއި މުދާ އުފުލާ ބޯޓުތައް ފަޅުތެރޭގައި މަކުނުވާ ފުރާފަ އެވެ. އޮޑިފަހަރު ފުރި ބާރުވެފަ އެވެ. ކާރޫބާރޫ އެހާ ބޮޑެވެ. އެއްޗެކޭ އަހާލައިފިއްޔާ ރުންކުރު ނުވާ މީހަކު ލައްކަ މަދެވެ.

ދެ ދުވަހެއްގެ މަތިން މުޅި ބަނދަރުގައި ހިނގި އިރު ރޯދަ ވީއްލަން އަރަން ގަޔާވާކަހަލަ ބޯޓަކާ ލައްވާ ނުލަނީއެއް ނޫނެވެ. ބަސްމަގު ހުންނަަ ގޮތުން އެއިން ބޯޓަކަށް ހަތަރުދަން ފަށަށް ކައިރިވާން ނުކެރުނީ އެވެ. އެހެން ނޫނަސް ގިނަ ދޯނި ފަހަރާއި ބޯޓުފަހަރުގައި ވެސް ހޭލަމޭއްޔަށް "ބީޒީވެގެން" އުޅެނީ ބިދޭސީންނެވެ. ގިނަވެގެން ދެތިން ދިވެއްސަކު އުޅޭ ބޯޓެއް ނެތެކޭއެއް ވެސް ނޫނެވެ. އެކަމަކު ހުރިހާ ބޯޓެއްގައި ވެސް ފަޅުވެރިންގެ ތެރެއިން ގިނައީ "ބަންގާޅު ދިވެހިން" ނެވެ.

ބޯޓްތަކުގެ ތެރެއިން އަރަން ވަރަށް ޝައުގުވެރިވާ ކަހަލަ ބޯޓަކަށް ކަރާ މާރުކޭޓު ކުރިމަތިން "ފާޅުވީ" އުތުރުގެ ހދ. ކުޅުދުއްފުއްޓާއި މާލެ ދެމެދު ދުއްވާ މަޝްހޫރު "ފާޅު" ބޯޓެވެ. ފާޅު ބޯޓަށް އަރައި ކައްޕިއާ ބައްދަލުވެ އަނގަ ތަޅައިލި އިރު ބޯޓުގައި މަސައްކަތް ކުރަނީ މުޅީން ދިވެހީންނެވެ.

ކުޅުދުއްފުށީ މީހުންގެ ގޮތް ފޮތާއި ފާޑު ދެން އެނގޭ ނޫން ހެއްޔެވެ؟ ފިސާރި ބޮޑެތި ސަމާސާ ވާހަކަގަނޑު ދައްކައިގެންފައި ހިތް އަތުލަނީ އެވެ. މިތާނގައި ވެސް ވީއެހެނެވެ. އަހަރެން ދިޔަ އެދުމުގެ ވާހަކަ ނުބުނަނީސް ކައްޕި ހަމަ ފާޅުގައި ފާޅު ބޯޓުގައި ރޯދަ ވީއްލައިގެން ނޫނީ ބޯޓުން ފައިބައިގެން ނުވާނެއޭ ބުނެ ދައުވަތެއް ދީފ އެވެ. އެެހެންވާން ނެތުމުން ހޯމަ ދުވަހު ދާން ވައުދުވުމުން އަހަރެން "މިނިވަން" ކުރީ އެވެ.

ހަވީރު 4:30، ހޯމަ ދުވަސް

ކުޅުދުއްފުށީ ބޯޓަކަށްވެފައި އެމީހުންގެ ފާޑު ރަނގަޅަށް އެނގޭތީ އެ ބޯޓުގައި ރޯދަ ވީއްލާން އަހަރެން ބަރާބަރު ގަޑިއަށް ފާޅު ބޯޓު ކުރިމައްޗަށް ދިޔަމެވެ. ކުޅުއްދުއްފުއްޓަށް އުފަން ނޫސްވެރިޔާ ނާޒިމް ހަސަން ވެސް ގޮވައިގެނެވެ. އެއީ ކުޅުދުއްފުށީ މީހުންގެ ޖެއްސުމާއި ސަމާސާގެ ސުވާލުތަކުން ރެކޭން ފަސޭހެއް ވެދާނެ ކަމަށް ބަލައިގެނެވެ. އެކަމަކު އެއަކުން ވީކަމެއް ހަރާމެވެ. ވިއްޔާވީ އުނދަގުލެކެވެ.

އަހަރެމެން ދިޔަ ވަގުތު ދިމާވީ ފާޅު ބޯޓުގެ އެންމެން ވެސް ވަރަށް އަވަދިނެތި މުދާ ބަރު ކުރުމުގައި އުޅުނު ވަގުތަކަށެވެ. ބޯޓު ކައިރިން އެއްގަމު ތޮށީގައި ފުނިޖަހާލާފައި ފާޅު ބޯޓަށް އަރުވާ މުދާ ހުއްޓެވެ. ޕިކަޕްތަކުގައި އޭރުވެސް މުދާ ބާލަނީ އެވެ. ބުރަކަށި މަތީގައި ބޯޓަށް ލޯޑް ކުރަނީ އެވެ. އެންމެން ވެސް ބިޒީ އެވެ. އެކަމަކު ވެސް ކައްޕިގެ އިޝާރާތަށް ބޯޓަށް އަރައިފީމެވެ. އަތު ހިފައިގެން ގެންގުޅޭ ކުޑަކުއްޖެއްގެ ގޮތަށް ތޮށިގަނޑާއި ބޯޓާ ދެމެދުގެ ހުރަސް ފިލާމަތީގައި ނާޒިމްގެ ވެސް އެ ގަޑީގައި ގެންގުޅެން ޖެހުނެވެ.

ބޯޓަށް މުދާ އެެރުވުމުގެ މަސައްކަތް އޮވެ ހިނގައެވެ. އެކަކު ހުސްވެފައި ހުރީ މުދާ އެތެރެ ކުރާ ވަރާއި ބޭރު ކުރާ ވަރު ބަލަހައްޓާ ބަރާބަރަށް ފޮތުގައި ނޯޓުކޮށް ނާލުގެ ކަންތައް ބެލެހެއްޓުމުގެ މަސައްކަތް ކުރާށެވެ. އަނެއްބައި މީހުން ވެސް ތަރުތީބު ކުރުމާއި އެރުވުމުގަ އެވެ. ބައެއް މީހުން ބޯޓުގެ އެކި ތަންތަނުގައި ވަރަށް ހަމަޖެހިލައި ވާހަކައިގަ އެވެ. އަދި ބައެއް މީހުން ވަރުބައްޔަށް ފައި ދަމާލައިގެން ތިބެ ކުދިކުދި ކަވި ކަންކަން ކުރެތެވެ.

"މިއަދު މާ ބޮޑު މަސައްކަތެއް އަދި ނެތް. މިހިރަ ބަރު މުދާތައް އަރުވާނީ ރޯދަ ވީއްލައިގެން. އެއީ ރޯދަ މަހު ވަރަށް ބިޒީ ދުވަހެއް ނޫނިއްޔާ އެ މަސައްކަތް އަހަން ކުރާ ގޮތް،" ބޯޓުގެ ތެރޭގައި އަހަރެމެން ބީރައްޓެހިވެ ފޫހިވެދާނެތީ ފާޅު ބޯޓުގެ ކައްޕި، ހަސަން އަބޫބަކުރު އެމީހުންގެ ތެރެއަށް އަހަރެމެން ވެއްދޭތޯ އުޅުނެވެ.

ވަސް އައި ދިމާއަށް އެނބުރުމުން ފާޅު ބޯޓުގެ ވާތް ފަރާތުގައި ކުޑަ ބަދިގެއެއް ހަދާފައި ހުރިކަން ފާހަގަވި އެވެ. އެ ބަދިގެއަށް ބޯ ދިއްކޮށްލި އިރު ކައްކާއަކު ހުއްޓެވެ. އޭނާ އަތުގައި ހުރީ ޖޫސްޕެޓީ ކޮތަޅުގައި ހަދާފައި ހުރި ގަނޑުފެނެވެ. ކޮތަޅު އިރާލައި އޭގެ ދެ ތިން ގަނޑުފެން ބުރި އޭނާގެ ގެންގުޅުނު ޕްލާސްޓިކް ޖަގުގެ ތެރެއަށް ވައްޓާލާފައި އަންހަންނާ ދިމާއަށް ބަލާލި އެވެ.

"ތިޔާ ކުދިން ރޯދަ ވީއްލަން މިއަދު މި ހުރީ ކުޅި މަހާއި މަސް ރިހަ، ދެން މިހުރީ ގަރުދިޔަ،" ބޯޓުގައި ކައްކާއެއް ގޮތުގައި މަސައްކަތް ކުރާ އަބްދުލް ކާދިރު މޫސާ ކުޅުދުއްފުށީ ހުރީ ހީނގަނެގެނެވެ. އަހަރެން ހަނދާވީ ބައްޕަގެ ރައްޓެހި ކުޅުދުއްފުށީ ހަސަންބެގެ މަތީންނެވެ. "ހަވީރު އަތައް އެޅި އިރު ހުރިހާ އެއްޗެއް ތައްޔާރުކޮށް ނިންމައިފިން. އާންމުކޮށް ވެސް އެހާއިރު ވާއިރު ހުންނާނީ ރޯދަ ވީއްލަން އެއްޗެހި ތައްޔާރުކޮށް ނިންމާފައި. ހޮޓަލަކަށް ނުދާނެ، އެކަކުވެސް އެންމެން އެކީގައި ބޯޓުގައި ރޯދަ ވީއްލާނީ،"

މިއަކީ ހަމަ އާދައިގެ ކައްކާއެއް ނޫނެވެ. ހީކުރެވުނު ގޮތް ވެސް ހަމަ ރަނގަޅެވެ. މި ކާދިރު ކަނޑުމަތީ އުޅެ ބޯޓުފަހަރުގައި ކައްކާތާ މިހާރު 27 އަހަރުވެއްޖެ އެވެ. ނާލު ބޯޓުގައި ދަތުރު ކުރުމާއި ކަނޑުމަތީގައި ކައްކާ ފަޅުވެރިންނަށް ކާންދިނުމުގައި އޭނާއަށް ތަޖުރިބާތަކެއް ލިބިފައި ވެއެވެ. އެހެން މީހެއްގެ އެހީއާ ނުލައި މި ބޯޓުގެ ހުރިހާ ފަޅުވެރީންނަށް ކައްކާ ކާންދޭ އިރު އޭނާ އަވަސް އަރައިގެން އުޅޭތީއެއް ނުފެނެ އެވެ. މަޑުމަޑުން އޭނާގެ ހިނގުމުގައި އުޅެނީ އެވެ.

އޭނާ ތައްޔާރު ކުރި ބާވަތްތަކުން ބޯޓުގައި ހިފާފައި ހުރީ މީރު ވަހެކެވެ. އިރު ތިރިއަށް ޖެހޭވަރަކަށް އެ ވަސް ކައިރިއަށް ޖެހެމުން އަންނަހެން ހީވެއެވެ. ފާޑަކަށް ކުޅުދިޔާވެފައި މާ ބޮޑަށް ހައި ވަނީ އެވެ. ހިތަށް އަރަނީ ވަރެއް ދައްކާލާނަމޭ އެވެ. ހުނިލީ ރޮއްޓާ ގަރުދިޔަ މޮޑެލައި މިރުސް ފިތާލައިގެން ކާލާނީއޭ އެވެ. އެކަމަކު އޭރަށް ލޮޑުވެގެން ގޮސް ތަރާވީސް ދަމާ ހަމައަކަށް ނުދެވޭނެ އެވެ. އަހަންނަކީ ނިދިއްޖެއްޔާ ހޭލަން ފަސޭހަ މީހެއް ވެސް ނޫނެވެ.

ބޯޓުގެ ފަޅުވެރިންނާއި ކައްޕިއާ އަނގަތަޅާލާން ކަމަށް ހީކޮށް ގާތަށް ޖެހިލައިފީމެވެ. މި ބޯޓުގެ މުދާ އަރުވާ ބަޔާއި އެތާނގެ ވަތްތަކަށް ފޭބި އިރު ކަޅު ކުލައިގެ ބޮޑު ބޮޑު ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. ކައްޕި އާއި ބައެއް ފަޅުވެރިން ތިބީ އެތަނާނަގަ އެވެ. ތިބެފައި ބަލައިލި ގޮތުން ހީވީ ތަމަޅަ ފިލްމެއްގެ މަންޒަރެއް ހެނެވެ.

އަރުވާފައިވާ މުދާ އަދި ތަންކޮޅެއް މަދުވުމުން މި ބައި އަދިވެސް ވަރަށް ތަނަވަހެވެ. ސޯފާގައި އިށީނުމާއެކު ކައްޕި ބޯޓުގެ ތައާރަފެއް ދިނެވެ.

"މި ބޯޓުގައި އަހަންނާލައިގެން ތިބޭނީ 12 ފަޅުވެރިން. ދުވަސްވީ ދެ ތިން މީހަކު ހުންނާނެ... އެ ނޫނީ ހުސް ކުޅުދުއްފުށީ ޒުވާނުން މީގައި މަސައްކަތް ކުރާނީ. ކޮންމެ ކޮންމެ ބޯޓެއްގައި ނުތިބޭނެ ހުސް ދިވެހިންނެއް. ހަމައެކަނި ކުޅުދުއްފުށީ ބޯޓެއްގައި މިކަހަލަ ތަޖުރިބާއެއްކޮށްލަން ލިބޭނީ،" އަނގައެއް އޮންނަ އެކަމަކު ވަރަށް ހިތް ހެޔޮ ހަސަން ބުންޏެވެ.

ބޯޓުގައި ދުވާ މީރު ވަހަށް ކުޅު ދިޔައިވާ ވަރަކަށް ވާހަކަ ވެސް އޮލަވެއްޖެ އެވެ. ބޯޓެއްގައި އުޅުމުގެ ތަޖުރިބާތައް އެ ޒުވާނުންނާއި ކައްޕި ކިޔައިދޭން ފަށައިފި އެވެ. އެއް ފަހަރަކު ވަރަށް ގިނަ މުދާ ބަރުކޮށްގެން ދަނިކޮށް އިންޖީނު ގޮވި ބިރުވެރި ދުވަހެއްގެ ވާހަކަ އާއި އެ ދުވަހު "އެވެނި މީހާ އުޅުނީ މިހެނޭ، މިވެނި މީހާ އުޅުނީ އެހެނޭ" ކިޔައި ހީނހީނފައި ބިނދޭން ފަށައިފި އެވެ. އެނޫނަސް ބޯޓުގައި ހިނގާ ހެއްވާ މަޖާ ކަންކަމުގެ ވާހަކަ ކިޔައިދީ ރޯދަ ކުރުކޮށް ދިނެވެ. އަދި އާންމުކޮށް ބޯޓު ފަހަރު ގެންގުޅޭ މީހުންގެ ހުރި ކަންބޮޑުވުންތައް ވެސް ކިޔައި ދިނެވެ.

ފާޅު ބޯޓުގެ ޒުވާން ފަޅުވެރިން "އަވަސް އޮންލައިން" ދަނެ އެވެ. އެހެންވެސް ނޫހުގެ ބައެއް ވާހަަކަވެސް އޮޅުން ފިލުވި އެވެ. ވަކިވަކި ބައެއް ނޫސްވެރިންގެ ނަން ވެސް އަހައި ހެދި އެވެ. އޭގެ ތެރޭގައި މިހާރު އަވަސް އާ ވަކިވެފައިވާ ބައެއް ނޫސްވެރިންގެ ވާހަކަވެސް އައެވެ.

"ރޯދަ މަހުގެ މިކަހަލަ ތަޖުރިބާއެއްކޮށްލާ އަހަރުމެންނާއެކު ދަތުރެއްކޮށްލަން ހިނގާ. މުދާ އުފުލާ ކުޑަކޮށް މަސައްކަތްކޮށްލާ، އަހަރުމެންނާއެކު ރޯދަ ވީއްލާ، ފަތިހު ތެދުވެ ހާރުކައިގެން ނަމާދަށް އަރާލީމަ އަސްލު ތަޖުރިބާއެއް ކުރެވޭނީ. ވަރަށް ތަފާތު ދިރިއުޅުމެއް މިއީ،" އެއް ޒުވާނަކު ބުނެލި އެވެ.

ވާހަކައިގައި ކައްޕިމެން އަހަރުމެންނަށް ބޯޓުގެ ކުޑަ ޓްއާއެއް ވެސް ދިނެވެ. ހުރިހާ ދިމާލަކުން ވެސް ވަރަށް ސާފު ތާހިރު، ބޮޑު ބޯޓެކެވެ. މި ބޯޓުގެ ހުރިހާ ކަމެއް ވސް ހިނގަނީ ވަރަށް ތަރުތީބުކޮށެވެ. އެކޮޅުކޮޅުން ޖެހިފައިވާ އެއްވެސް ކަމެއް ނެތެވެ. މި ބޯޓުގެ މަތީ ބަޔާއި ކަމަރާ މައްޗަށް ވެސް އެރީމެވެ. ހުންގާނުގައި ވެސް ހިފީމެވެ. މިއިން ކޮންމެ ތާކަށް ވެސް މި އަރަން ޖެހެނީ މި ނާޒިމްގެ އަތުގައި ވެސް ހިފައިގެނެވެ. މިވެސް އަމިއްލައަށް ބޮލު އެޅުނު ކަމެކެވެ.

މަތީ ބަޔަށް އިރު އިރުއޮއްސޭ މަންޒަރު ވަަރަށް ރީތިކޮށް ފެނެ އެވެ. އަދި ބަނދަރު މަތިން ވަރަށް ރީތިކޮށް މުޅި ސަރަހައްދު ވެސް ފެންނާން އޮވެ އެވެ. ރޯދަ ކުރުކޮށްލަން ހިތް ފަސޭހަ ވަގުތުކޮޅެކެވެ. އަރާމު ތަނެކެވެ. ރީތީ މަންޒަރުތަކެކެވެ.

އިރުކޮޅަކުން އުޑުމަތީން ރަތް ވިލާ އުކާލާފައި "ހަދާލި ގޮތަކުން" އޮރެންޖެއް ކަހަލަ އިރު ފެނަށް ގިރިގެން ހިނގައްޖެ އެވެ. ވާހަކައިގައި ތިބެ ވަގުތު ދިޔަ ގޮތެއް ވެސް ނޭނގުނެވެ. އިސްލާމީ މަރުކަޒުގެ ހެސަ ބޮޑު ތާޅަފިލިތަކުން ބަންގީ އަޑު ހިފައިގެން އައި ރޯޅި ބޯޓުގެ ތެރެއަށް ފާޅުއްވެޖެ އެވެ. އަދި މިތާ ބޯޓުގެ ތެރޭގައި އޮތް "މޮއްކުރު" ފޯނަކުން އެހެން ރާގަކަށް މާ ލަސްލަހުން ނަމާދަށް ދައުވަތު ދެމުން ދިޔައެވެ. -- އެންމެން ވެސް އަވަސްވެ ގަތީ ރޯދަވީއްލާ ސުފުރާއާ ދިމާލަށެވެ.

އިންތިޒާރު ކުރި ވަގުތު ކޮޅު މިއޮތީ އައިސްފަ އެވެ. ބޯޓުގެ އިންޖީނު ރޫމްގެ މަތީ ފިލާގަނޑުގައި ތަށިބަރިތަކާއި ތެލިތައް އަތުރާލައިފައި ވެއެވެ. ކުޅިމަހާއި ދެ ވައްތަރެއްގެ ރިހަ އާއި ބޯކޮށް އަޅާފައިވާ ބިސްގަނޑާއި ރޮށި ވެސް އެބަހުއްޓެވެ. ފަތު ސަޓަނިވެސް ވަރަށް ފައްކަލެވެ. އެންމެންނަށް ވާވަރަށް ކަރާ ފަންޏާއި ކަޅު ސައި ވެސް ހުއްޓެވެ.

މި ނާޒިމުހެން ކުޑަ ދެތިން އޮށް ކަދުރަކުން މަށަކަށް ރޯދައެއް ނުވީއްލޭނެ އެވެ. ހައެއްކަ ރޮއްޓާއި ބިސްގަނޑެއް ބޭނުންވާނެ އެވެ. ހޯދައިފީމެވެ. އަދި ތައްޓަކަށް ކުޅި މަހާއި ބިސްގަނޑެއް ލައިގެން އެއް ފަރާތަށް ޖެހިލާފައި ފަށައިގަތީ އެވެ.

ހަމަ ވަރަށް ފައްކަލެވެ. ހުރިހާ އެއްޗެއްސެއް ވެސް ހުރިހާ ރަހައެއް ވެސް ވަރަށް މީރެވެ. އަދި މި ކުޅި މަަހުގެ ހަވާދުގަނޑާއި ރަހަގަނޑު މާ މީރީ އެވެ. ކާލުމުން ކުޅީގެ ދިލަޔާއެކު މަތިމަހުން ދާހިއްލާލާއި ގައިގައި ހުރިއްޔާ ހުރި އިސްތައްޓެއްގެ ބުޑު ތެންމާލައިފި އެވެ. އެހެން ހުރިހާ އެއްޗެއް މަތިން ހަަނދާން ނެތި ކާއެއްޗެހީގެ ތެރެއަށް ގެނބުނީ އެވެ. ކުޅީގެ ޗޫސް ދަމަމުން ހޫނު ކަޅު ސައި ތަށި ވެސް ބޯލައިފީމެވެ. މިހާރު ބޯޓުގައި އެންމެން ވެސް ތިބީ އެކި ތަންތަނުގައި އިށީނދެ ތިބެ ކެއުމަށް ގެއްލިފަ އެވެ.

ފާޅު ބޯޓުގެ ރޯދަ ވީއްލުމަށް ތައުރީފު ހައްގެވެ. ރޯދަ ވީއްލަން ކަމާ ކަންފަށާ ހަމަ މި ބޯޓަށް އަންނަން ހަމަ އެންމެ ރަނގަޅެވެ. ހުރިހާ އެއްޗެއްގެ ރަހަ ހެޔޮވަރުވެފައި މީރެވެ. ފަޅުތެރެއެއް ކަމަކު، ނާލުބޯޓެއް ކަމަކު، ކުޅުދުއްފުށީ ކާދިރެއް ކަމަކު، މާލޭގެ ނަން މަޝްހޫރު ރެސްޓޯރަންޓްތަކަށް ދުލެއް ނުކުރެ އެވެ. މި ހުރިހާ ކަމެއްގެ ތެރޭގައި މިއުޅުނީ އިނގިލި ކުރީގައި މި ނާޒިމްވެސް ލައިގެނެވެ. މިއީ އަހަރެމެން ދެ މީހުންގެ ހަޔާތުގައި ތަފާތު އަދި ހަނދާނުން ފިލައި ނުދާނެ ތަޖުރިބާއެއްގެ ގޮތުގައި ރައްކާކުރެވޭނެ އަދި ފާޅުގައި ފެންނާން ވެސް އޮންނާނެ ރޯދަ ވީއްލުމެކެވެ.