ކޭލަކުނު

މަ ކޭލަކުނަށް ދިއުން: އެއީވާ ދަތުރެއް!

ހދ. ކޭލަކުނުން: ނާޒިމް ހަސަން
May 11, 2019
15

ކިރިޔާ އިރު ފެނުން ތޮޅެލީއެވެ. ކުރަން އޮތް ދަތުރުގެ ޝައުގުވެރިކަން ބޮޑުކަމުން އަހަރެން ހުރީ ރަށު ބަނދަރު މަތީގައެވެ. އުފަން ރަށް، ކުޅުދުއްފުށީގައެވެ. އަހަރެންގެ ނަޒަރު އޮތީ ކުރިމަތިން ފެންނާން އޮންނަ ރަށާ ދިމާލަށެވެ. އެއީ، ކޭލަކުނެވެ. އަހަރެން ބޭނުންވީ އެ ރަށަށް ދާށެވެ.

ފޮޓޯގްރާފަރަކާއި އިތުރު އެކުވެރިންތަކަކާއެކު ކުޅުދުއްފުށީ ބަނދަރުން ދޯނި ނައްޓާލިތާ ގާތްގަނޑަކަށް ވިއްސަކަށް މިނެޓުން ފެންނަން ފެށީ ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ ބިޔަ ގަސްކަރައަކާއި އެ ރަށުގެ ވަށައިގެން ނަގަމުން ދިޔަ ބޮޑެތި ބިޔަ ރާޅުތަކެވެ. ދެން ރަށް ވަށައިގެން އޮތް ގާތަކެވެ. އެއްވެސް ދިމާލަކުން ރީތި ދޮންވެލިގަނޑެއް ފެންނާކަށް ނެތެވެ. ގާމަތީ ރަށެކެވެ. އުތުރުގެ ގާމަތީ ކޭލަކުނެވެ.

ކޭލަކުނަށް އަރަން ބޭނުންވެފައި ހުރީ ވެސް އެހާ ބޮޑަށެވެ. އެކަމަކު އެކަމަށް ހުރަސްތަކެއް އެޅީ ނަގަމުން ދިޔަ ބޮޑެތި ރާޅުތަކެވެ. ދޯނި ބިއްސާލެވޭނެ ހަމަ އެއްވެސް ދިމާލެއް ނެތެވެ. އެހެނެވެ ޖެހުނީ ދުރުގައި ދޯނި މަޑުކުރާށެވެ. ރަށަށް އަރަން ޖެހުނީ ކުޑަ ބޮއްކުރައެއްގައެވެ. އަގުބޮޑު އެތައް ކެމެރާ ސާމާނެއް ވެސް ހުރުމުން އެ ހުރިހާ ސަމާނެއް ހިފައިގެން ބޮއްކުރައަށް އެރީ އެތަކެތި ރަށަށް އަރުވަން ލިބޭނެ ކަމަށް ވެސް އުއްމީދެއް އޮވެގެނެއް ނޫނެވެ.

ވަށައިގެން ނަގަމުން ދިޔަ ރާޅުތަކުގައި ބޮއްކުރާ ބަނޑުން ޖަހާލައިފާނެއޭ ދެންމެދެންމެ ހީވާތީ މޭ އޮތީ އަތުގައެވެ. އެކަމަކު އެ ދުވަހުގެ ނަސީބު ރަނގަޅެވެ. ހިނގާފައި ފޭބޭ ހިސާބަށް ބޮއްކުރާގައި ދެވުނެވެ. ރަށަށް ފޭބީ ސަމާނުތައް ބޮލަށާއި ކިހިއްޔަށްލައިގެނެވެ.

ބޮޑިމިނުގައި 80.23 ހެކްޓަރު ހުންނަ މި ރަށަށް އެރުމާއެކު ބަލައިލެވުނީ ރަށުގެ ތެރެއަށެވެ. ސަރާސަރަށް އޮތީ ފެހި ކަމެވެ. ބޯމައްޗާއި ވަށައިގެން ވެސް އޮތީ ފެހި ކަމެވެ. މިއީ ރާއްޖޭގައި ހަމައެކަނި "ޓްރޫ ފޮރެސްޓް"، ނުވަތަ ފޮރެސްޓެއްގައި ހުންނަ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާ ހަމައެކަނި ރަށެވެ. މިރަށަށް، މި ކޭލަކުނަށް އާދެވުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެހެންވެ މި ރަށުގައި ހިނގާލައި ދުވެލައި ގަހަށް އަރަން ބޭނުންވިއެވެ.

އަބަދުވެސް އިވެނީ ކޭލަކުނުގެ ރީތި މާސިންގާ ޖަންގަލީގެ ވާހަކައެކެވެ. އެ މަންޒަރު ބަލައިލުމުގެ ފުރުސަތެއް މީގެކުރިން ނުލިބެއެވެ. ވަލަށް މި ވަނީ މި ރަށަށް އެރި ހިސާބު، އެ ދިމާއިންނެވެ. ދިހަވަރަކަށް މިނެޓް ހިނގާލިއިރު ފެންނަމުން ދިޔައީ ހަމައެހެން ފަޅު ރަށްރަށުން ފެންނާނެ މަންޒަރުތަކެވެ. ޝައުގުވެރިކަމާއެކު ހިނގަމުން ދިޔައީ ކުރިއަށް ފެންނަން އޮތީ މުޅި ގައިން ހީބިހި ނަގައިގެން ދާނެ މަންޒަރެއްކަން އެނގިހުރެއެއް ނޫނެވެ.

ކޭލަކުނަކީ ކުރީގައި މީހުން ދިރިއުޅެ ފަޅުވެފައިވާ ރަށެކެވެ. އުޅެ ބޮޑުވި ރަށު ކުރިމަތީގައި ކޭލަކުނު އޮތް ނަމަވެސް މި ރަށަށް އާދެވޭ ގޮތް މިހާތަނަށް ވެފައި ނެތީއެވެ. ބޮޑު ވިއްސާރައެއްގައި ފަޅުކޮށްލި ރަށުގެ ނާމާން ކަމުގެ ވާހަކަތައް ކުޑައިރު ވެސް އަޑުއަހަމެވެ. މި ރަށަށް ދަރު ކޮށަން އަންނަ މީހުންނާ ކުރިމަތިވާ ބިރުވެރި ހާދިސާތައް ވެސް އަޑުއަހަމެވެ. އެފަދަ ވާހަކަތަކާ ހެދި މި ރަށަށް އައުން އޮންނަނީ ކޮންމެވެސް ވަރަކަށް މަނާވެފައެވެ. މަންމަ މާ ރުހޭ ކަމަކަށް ނުވެއެވެ. އެކަމަކު މިފަހަރު މިއޮތީ މި ރީތިކަން ބަލަން އާދެވިފައެވެ. ބިރުވެރިކަމެއް ނެތެވެ. މިއީ އަމާން ރީތި މާހައުލެކެވެ.

އެއް ސަފަކަށް ވާނެހެން މި ދަތުރުގެ ބައިވެރިން ކުރިއަށް ހިނގަމުން ދިޔައެވެ. ކުރީގައި ހުރި އެކުވެރިޔާ ކުއްލިއަކަށް އަހަރެމެން ހުއްޓިވިއެވެ. އެއީ މި ރަށަށް ވަރަށް ގިނައިން އައިސް އުޅޭ އެކުވެރިއެކެވެ. އޭނާ މި ރަށުގެ ހުރިހާ ތަނެއް އެނގެއެވެ. ހިތުދަހެވެ.

އޭނާ އިނގިލި ދިއްކޮށްލީ ލޮލު ކޮޅަށް ފެންނަން ދިގު ގަސްތަކަކަށެވެ. ފުރަތަމަ ބަލާލެވުނީ މައްޗަށެވެ. ލޮލު ކޮޅަށް ކިރިޔާ ފެންނަނީއެވެ. އުޑު މަތި ބައްދާލާފައިވަނީ ފެހިކަމުންނެވެ. ދެން ބަލާލެވުނީ ގަސްތަކުގެ ތެރެއަށެވެ. ކޮޅު ފެންނާކަށް ނެތެވެ. ގަހަކަށްފަހު ގަހެކެވެ. ހީވަނީ ވަކި ތަރުތީބަކުން އަތުރާލާފައި ހުރި ހެނެވެ.

އެއިން ކޮންމެ ދިގު ގަހެއްގެ ދަށުގައި ކުދި އެތައް ގަހެއް ހުއްޓެވެ. ބިން މަތި ވެސް ފެންނާކަށް ނެތެވެ. -- ވާއު -- ފޮޓޯ ނަގަން ފެށުނީ ކެމެރާ އާއި ފޯނުން ފޮޓޯއެއް ވެސް ނަގާލަން ނޭނގި އެތައް އިރަކު ހަމަ ބަލަހައްޓައިގެން ހުރެވުނު ފަހުންނެވެ.

"އަދި ނުވޭ ތިވަރަށް ފޮޓޯ ނަގާކަށް، ފޮޓޯ ނަގާނެ ތަންތަން އަދި އޮތީ، ހިނގާ އެތެރެއަށް ވަންނަން،" ފޮޓޯ ނަގާލެއް ގިނަވެގެން ގައިގައި އެކުވެރިޔާ ކޮއްޓާލިއެވެ.

ދެ ލޯ ބޮޑުކޮށްގެން ގަސްތަކުގެ ތެރެއަށް ވަންނަން ފެށީމެވެ. އެއީ ކަނޑޫފަލެކެވެ. ގަސްތަކުގެ ތެރޭގައި އޮތީ ފެންގަނޑެވެ. ފެންގަނޑު ތެރެއިން ނުކުމެފައިހުރީ ހެދިފައިހުރި ބިޔަ ގަސްތަކުގެ މޫތަކެވެ. މޫތައް އެގޮތަށް ފެނުން މައްޗަށް ނުކުމެފައިހުރުމަކީ ކަނޑޫފަލުގެ ހާއްސަ ކަމެކެވެ. ހިނގަމުން ކުރިއަށް ދެވެނީއެވެ. ކޮޅާ ޖެހުމެއް ނެތެވެ. ގަސްތަކުގެ ތެރެއަށް ވަދެގެން ދިޔަ ވަރަކަށް ލިބެމުން ދިޔަ ހިތްހަމަޖެހުން ބޮޑުވަމުން ދިޔައެވެ. ފެހިކަން ވަށައި ބައްދާލުމުން މުޅި އުމުރަށް ކޭލަކުނުގެ ވަލުގައި އޮންނާނީއޭ ވެސް ހިތަށް އެރިއެވެ.

ފަހަރަކު މުލެއް ހުރަސް ކުރަމުން ފެންގަނޑުގެ ތެރޭގައި ހިނގުން ފަސޭހަ ކަމެއް ނޫނެވެ. ބޮޑެތި ކަކުނި ހޮރުތައް ވެސް ފެންގަނޑުގެ ތެރޭގައި ހުރުމުން ދޭތެރެ ދޭތެރެއިން އެއިން ހޮރަކަށް ފައި ވަދެ ގަބައިގެން ވެސް ދެއެވެ. އެކަމަކު ގުދުރަތީ އެ ފުރިހަމަކަމުގެ ކުރިމަތީގައި އެއީ އެއްވެސް ތަކުލީފެއް ނޫނެވެ.

ވަރަށް މަޖާކަމަކާ ވެސް ދިމާވިއެވެ؛ އެކުގައި ކޭލަކުނަށް އައިސް ހުރި ފޮޓޯގްރާފަރު، އަހުމަދު ޝުރާއު އައީ އަހަރެންގެ ފަހަތުން ހިނގާފައެވެ. އޭނާ ހުރީ އެހެން ދެ އެކުވެރިންގެ ވެސް ފަހަތުން ސަފުގެ އެންމެ ފަހަތުގައެވެ. އޭނާއަށް ހިނގޭލެއް ވެސް މަޑީއެވެ. ކުއްލިއަކަށް އިވުނީ އޭނާ ހަޅޭލަވައިގަތް އަޑެވެ. ފަހަތް ބަލާލިއިރު އޭނާގެ އުނަގަނޑާ ހަމައަށް ހުރީ ގަބައިގެންފައެވެ. މުޅި މީހާ ކަކުނި ހޮރަކަށް ގެނބި ހުސްވީއެވެ. މައްޗަށް ފެންނާން ހުރީ ދެ އަތާ ބޮލަކާއި ދެ ކެމެރާއެވެ. އެ ބޮނޑިއެއް އޭނާ ބުއީ "ކަކުނި ހޮރު އެބަ ހުއްޓޭ ބަލައްޗޭ" ކިޔަކިޔާ ހުއްޓައެެވެ. ފަހަތުގައި ތިބި އެހެން އެކުވެރިން ވެސް އެ އިންޒާރު ދެނިކޮށެވެ. އެ ފަކީރު ގަބައިގެންފައިހުރި ދެ އަތުގައި ދެ ކެމެރާ އޮތެވެ. ދެއަތް ހުރީ މައްޗަށް ނަގައިގެންނެވެ. ފޮޓޯގްރާފަރުން އަމިއްލަ ނަފުސަށްވުރެ ކެމެރާއަށް ބަލާނެކަން އެނގުނެވެ.

އަހަރެމެން ކަނޑޫފާގައި އެއް ކޮޅުން އަނެއް ކޮޅަށް ހިނގާތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވަނީއެވެ. މިހާއިރު ވާއިރު ވެސް ކޮޅު ނުޖެހެނީ ހެއްޔެވެ؟ މި ސުވާލު އުފެދިއްޖެ ނޫން ހެއްޔެވެ؟ މިހާއިރުވީ އިރުވެސް މިއުޅެނީ ކަނޑޫފަލުން ނުނިކުމެވިގެންނެވެ.

އެނގޭ ހެއްޔެވެ؟ މި ކަނޑޫފަލުގެ ބޮޑުމިން، ބޮޑު ދެތިން ފުޓްބޯޅަ ދަނޑާ އެއްވަރެވެ. އަޖައިބު ނުވާށެވެ. މި ދައްކަނީ ހަމަ މި ރާއްޖޭގައި އޮތް ގުދުރަތީ ބޮޑު ހަޒާނާއެއްގެ ވާހަކައެކެވެ.

އަހަރެމެން ގެންގުޅުނު ފެންފުޅިތައް ވެސް ހުސްވެއްޖެއެވެ. ވަރުބަލިކަމުގެ އިހުސާސް ކުރެވެން ފެށީ ވެސް އެ ހިސާބުންނެވެ. ދެން ނިންމީ ކަނޑުފަލުގެ ދަތުރު ކުރުކޮށްލާށެވެ. ހިތާ ދެކޮޅަށެވެ. އެކަމަކު ސިކުނޑި އާއި ހަށިގަނޑު އިތުރަށް ދެން ނުވާނެ ކަމަށް ބުނުމުންނެވެ. އެ ވަރުބަލިކަމުގައި ދެން ދަތުރު ފެށީ، އަހަރެންގެ ހިތުން އެންމެ ބޮޑު ޖާގައެއް ކޮންމެ ތަނެއްގައި އޮތަސް އެތަނަކަށް ދެވޭ ކުޅިއަށެވެ. އުފަން ރަށުގައި އޮތް ހިތްގައިމު ކުޅި އެއާޕޯޓަށް ގުރުބާންކޮށްފައިވާތީ ކޭލަކުނު ކުޅީގެ ރީތިކަން ބަލާލަން ބޭނުންވިއެވެ. ވަރުބަލިކަން އިހްސާސް ކުރެވުނަސް އެ ދިމާލަށް ހިނގައިގަތީއެވެ. ކޮނޑުމަތީ ޑްރޯން ފޮށި ވެސް ބާއްވައިގެނެވެ.

ކުޅިއަށް ދިޔަ މަގުމަތީ، މަގު އޮޅި ބޭކާރު ލައްކަ ހިނގުންތައް ހިނގަން ވެސް ޖެހުނެވެ. އެތައް ހިނގުމެއް ހިނގިފަހުން ދެވުނީ މާ ދުރަށްކަން އެނގި އަނބުރާ އައި ކޮޅަށް ވެސް ހިނގަން ޖެހުނެވެ. ކޭލަކުނު ކުޅި އޮންނަނީ ރަށުގެ މެދުތެރޭގަ ގަސްތަކުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވިފައެވެ. ރަށުގެ ޑްރޯން ފޮޓޯއެއް ބަލާލުމުން ކުޅި މަތިން ވަރަށް ރީއްޗަށް ގަސްތަކުގެ ތެރެއިން ފެންނަން އޮންނާނެއެވެ. އަހަންނަށް ސިފަ ވަނީ އެއީ ކޭލަކުނުގެ ހިތުގެ ގޮތުގައެވެ.

މަގު އޮޅުމުން އަހަރެމެން ކުޅީ މިސްރާބު ހޯދީ ދޫނި ގޮވާ އަޑަށް ބަލައިގެންނެވެ. ދޫނިތައް ގޮވާ އަޑުއިވޭ ދިމާލަށް ދިޔައީއެވެ. ގޮސް ނުކުމެވުނީ ކުޅިއަށެވެ. ކުރިމަތީ ފެންނަން އޮތީ ވަރަށް ހިތްގައިމު ކުޅިއެކެވެ. ހިނގާ ހިނގާ މީހާ ހުރީ އަވައިދިވެފައިކަން ހަނދާން ނެތިއްޖެއެވެ. ކުޅީގެ ފެންގަނޑުގައި ފައި ޖެހުމާއެކު ވަރުބަލިކަން އުދުހިފައި ހިނގައްޖެއެވެ. ވަށައިގެން ފެހި ގަސްތައް އޮތްއިރު ބޯމަތީ ދޫނިތައް އުދުހެނީއެވެ. މިއަށްވުރެ ބޮޑު ހިތްހަމަޖެހުމެއް އެހެން ތާކުން ނުލިބޭނެއެވެ.

ކުޅި ފެންނަ ހިސާބަށް ދިޔުމާއި ކުޅިއަށް އެރުމަކީ އަބަދުވެސް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ހާސްކަމާއި ފިކުރުތަކުން ދުރުކޮށްދީ، ހިތަށް ފިނިކަން ގެނެސްދޭ ކަމެކެވެ. މި ކޭލަކުނުގެ ކުޅިއަށް އެރުމުން ވެސް ހިތަށް ވަރަށް ފިނި އިހްސާސެއް ކުރެވުނެވެ. މި ކުޅިން އަރާކަށް ބޭނުމެއް ވެސް ނުވިއެވެ. ކުޅީގައި ދެކޮޅަށް ހިނގާލައި ފޮޓޯ ނެގުމަށްފަހު ބޭނުންވިޔަސް އަބަދު ނުހުރެވޭނެތީ އެރީއެވެ. އަދި ބަނޑުހައިވެ ހާންތިވެފައިހުރުމުން އެއްޗެއް ކާން ވެސް ބޭނުންވެގެން އެތަނުން ނުކުތީއެވެ.

ފަޅު ރަށުގައި އެއްޗެއް ރޯފިލުވާލައި ކާއިގެން ހަމަޖެހިލިއިރު އޮތީ ފުރާ ގަޑި ޖެހިފައެވެ. ހަވީރު އަތަށް އަޅާލިިއިރު ދޯނި އޮތީ ބަލާ އައިހެވެ. ކުރިމަތީ އޮތް ދޯންޏަށް އަރަން ބޮއްކުރާއާ ދިމާލަށް ދަމުން ފަހަތަށް އެނބުރި ބަލާލެވުނީ ރަށާ ދިމާލަށެވެ. ރަށުގެ ވެލިން ފަހު ފިޔަވަޅު ނައްޓާލީ އަދި އެއް ފަހަރު މި ރަށަށް އަންނަން އަޒުމެއް ކަނޑަަ އަޅައިގެނެވެ. މި ގުދުރަތީ ހަޒާނާ މިގޮތުގައި އަދިވެސް ދެމި އޮންނާނެ ކަމުގެ އުއްމީދުގައެވެ. މި ރީތިކަން ގިނަ ބަޔަކަށް ދައްކާނެ ކަމުގެ އަޒުމު ވަރުގަދަކުރަމުންނެވެ. މި ރީތިކަން ސިފަކޮށްދީ އެންމެންނަށް ކިޔައިދޭންވާނެ ކަމަށް ބަލައިގެނެވެ.

ކޭލަކުނުގެ އަހަރެންގެ ދަތުރުނާމާ ނިންމުމުގެ އެއް ކަމެއް އެންމެ ފަހަށް ބޭއްވީމެވެ. އެއީ މި ދަތުރު އަހަރެންނަށް ނަސީބުވި ގޮތެވެ. ކޭލަކުނަށް އަހަރެމެން ދިޔަ ދަތުރަކީ އަހަރެން ދަންނަ، ތިމާވެއްޓާ އެންމެ ގަޔާވާ ޒުވާނާ އާދަމް އަބްދުﷲ (އެޑަމް) އިންތިޒާމް ކޮށްދިން ދަތުރެކެވެ. އޭނާ ބޭނުންވީ އަހަރެމެންނަށް ގުދުރަތުގެ އެ އަޖައިބު ދައްކާށެވެ. އޭގެ ވާހަކަ ލިޔުއްވާށެވެ. މިއީވާ ދަތުރެކެވެ.