މާ ލެ ސަރަހައްދަށް ބޭނުންވާ ބިން ފުރަތަމަ އަހަރުގެ ތެރޭގައި ހިއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އަވަސް އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ވެރިކަމުގެ ފުރަތަމަ ހަ މަހާއި 12 މަހުގެ ތެރޭގައި މާލެ ސަރަހައްދަށް ބޭނުންވާ ހުރިހާ ބިން ހިއްކޭނެ ކަމަށާއި އެކަމަށް ސަރުކާރުގެ ކުންފުނިތައް އެބަހުރި ކަމަށެވެ.
އެގޮތުން ގުޅީފަޅާއި ގިރާވަރުފަޅު އަދި ފުށިދިއްގަރުފަޅު ހިއްކާ އެތަންތަނަށް އިންވެސްޓަރުންގެ ސަމާލުކަން ހޯދާ އެތަންތަނުގައި ރިއަލް އެސްޓޭޓް އަދި ސޯޝަލް ހައުސިން މަޝްރޫއުތައް ހިނގާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންވެސްޓަރުންގެ އިތުބާރާއި ތައާރަފުކުރާ އިންވެސްޓްމަންޓް ބޭންކާއެކު ވަރަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
އޭގެ ތެރޭގައި ގޯތިތައް ހެދުމަށް ޕީއެންސީގެ ސަރުކާރެއްގައި ހުށަހަޅާ ކަންކަންވެސް ހިމެނޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހުށަހަޅާފައި ވާނީ ގޯތިތައް ހަދައިދޭން ސަރުކާރުގެ އެހީތެރިކަން. އެއީ ލޯނެއް. ފްރީކޮށް އަޅައިދޭ ވާހަކައެއް ނޫން،" މުއިއްޒު ވިދާޅުވި އެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގައި އާބަން ސެންޓަރުތަކެއް ތަރައްގީކުރާނެ ކަމަށާއި އެކަންކުރާނީ ޓޫރިޒަމާ ގުޅުވާލައިގެން ކަމަށްވެސް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެއާޕޯޓްތަކާއި ގާއިމުކުރާ ޓްރާންސްޝިޕްމަންޓް ބަނދަރުތަކާއެކު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން އެސްއީޒެޑް ގާނޫނުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން ސްޕެޝަލް އިކޮނޮމިކް ޒޯނެއް ގާއިމުކުރުމަށް ގަސްތުކުރައްވާ ކަމަށާއި އެއާއެކު އިގުތިސާދު ކުރިއެރުވުމަށް ފުރުސަތުތަކެއް ލިބޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.