ޑރ. މުހައްމަދު މުއިއްޒު

މިވެރިކަމުގައި އައްޑޫ ބްރިޖު އަޅާނަން: ރައީސް މުއިއްޒު

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގެ މޭޔަރާއި މާލޭގެ އިތުރު ކައުންސިލަރުން ހުވާ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އައްޑޫ ސިޓީ ބްރިޖުގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

"މިހާރު އެކަމުގެ ފީޒިބިލިޓީ މަސައްކަތް އެވަނީ ފެށިފައި. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ، ކޮންޓްރެކްޓަރަކާ ހަވާލުކުރެވޭ ފެންވަރަށް ހުރިހާ ތަފްސީލެއް ނިންމޭނެ. ކުރެހުމާއި، އިންޖިނިއަރިން ޑިޒައިނެއް ނިންމާފައި، އެ ބުރިޖްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މި ދައުރުގެ ތެރޭގައި ނިންމާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިހާރު ކުރިއަށްދާ ތިލަމާލެ ބްރިޖުގެ މަޝްރޫއާ ގުޅޭ ގޮތުން ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ގިރާވަރުފަޅާއި އުތުރުތިލަފަޅު ގުޅާލައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"މިހާރު ފެށިގެން ކުރިއަށް އެދާ ބުރިޖް އަދި ދަނީ ތިލަފުށްޓާ ހަމަޔަށް. އޭގެއިތުރަށް، އެބަ ބޭނުންވޭ، ދެ ބުރިޖެއް، އުތުރު ތިލަފަޅާ ހަމަޔަށް ދާން،" ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ އެ ދެ ބުރިޖުގެ މަސައްކަތަށް ބޭނުންވާ މަޝްވަރާތަކާއި ކުރެހުމާއި ތަފުސީލުތަކުގެ މަސައްކަތް ފެށިފައިވާ ކަމަށް ވިދާޅުވެ އެ ބުރިޖްތައްވެސް އަޅުއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ބްރިޖު މަޝްރޫއަށް މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް އިން ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ.

ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމު އިބްރާހީމް ވިދާޅުވި އެ މަޝްރޫއާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާ ކަމަށެވެ.

"އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ނަމަ އެކަމުގެ މަސައްކަތް އެބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް އިކޮނޮމިން ކައުންސިލުން ވަނީ ނިންމާފަ،" ނާޒިމު މީގެކުރިން ވިދާޅުވެފައިވެ އެވެ.

ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަށް ގާތްގަނޑަކަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.

އައްޑޫސިޓީގެ ހުޅުމީދޫ އާއި ހިތަދޫ ގުޅާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.