މިދިޔަ އަހަރު ރޯދަމަހާ ބައްދަލުވި އިރު ރާއްޖެ އޮތީ ކޮވިޑްގެ ބިރާއި ހާސްކަމުގެ ތެރޭގަ އެވެ. ކޮވިޑް-19 އިން ކުއްލިއަކަށް ބިންދާލި ރާޅުގެ ހޮޅީ ތެރެއަށް "އޮޅާލައި" ހިތްތައް ދަތިކަމާއި މާޔޫސްކަމުގެ ތެރެއަށް ގަންބާލާފަ އެވެ. އަދި އެންމެ ބޮޑު މާޔޫސްކަމެއް ގެނުވީ އެ ރޯދަމަހު މިސްކިތްތަަކުގައި ނަމާދު ނުކުރެވޭނެ ކަމަށް އިއުލާނު ވުމުންނެވެ. ދިވެހި ތާރީހުން އައި އެފަދަ ފުރަތަމަ ފަހަރެވެ.
މުޅި ރާއްޖެ ކޮވިޑްގް ލޮކްޑައުނަށް ދާން ޖެހުމުން މިސްކިތްތައް ވެސް ބަންދު ކުރީ އެވެ. އެފަހަރުގެ ރޯދަމަސް ވެސް ނިމިދިޔައީ އެ ހާލަތުގައި ގޭބަންދުވެ ތިބެއެވެ. ޖަމާއަތު ތަރާވީސް ނަމާދެއް ވެސް ނުކުރެވުނެވެ. އެންމެން އެކަމާ ހިތާމަކުރި އެވެ. އެކަމަކު ކޮވިޑާއެކު ދެވަނަ ރޯދަ މަހެއްގެ ތެރެއަށް މިހަރު ވަދެވުނު އިރު ހާލަތު ވަނީ ބަދަލުވެ އެވެ. މަންޒަރު މުޅިން ތަފާތެވެ. މި އަހަރުގެ މުލަރޯދައިން ފެށިގެން މިސްކިތްތައް ފުރައިލީ އެންމެން ހިތްހަމަޖެހުމާއެކު އެވެ. މިސްކިތަށް އަރާ މީހުނާއި މިސްކިތުން ފައިބާ މީހުންގެ ކިބައިން ފެންނަނީ ހިތްހަމަޖެހުމާއި އުފާވެރި ކަމެވެ.
"މިސްކިތްތައް ބަންދުވުމުން ވަރަށް ދެރަވެފައި ހުރީ... ކާފަޔާއެކީ އަބަދުވެސް ނަމާދަށް އަންނަނީ. ލާސްޓް އިޔާ [މިދިއަ އަހަރު] ގޭގަ ކާފަޔާ އެކީ ނަމާދު ކުރީ. މިހާރު ވަރަށް އުފާވެފައި މިހުރީ ނަމާދަށް މިސްކިތައް އާދެވޭތީ." ދޮށީ އުމުރު މީހެއްގެ އަތުގައި ހިފައިގެން މިސްކިތަށް ދިޔަ ކުޑަ ފިރިހެން ކުއްޖަކު ބުނެލި އެވެ.
އުމުރު 80 އަހަރު ވެފައިވާ އިސް ރައްވެއްސަކު މިދިއަ ބުދަ ދުވަހު މިސްކުތުން ފައިބައި ދަމުން ބުނި ގޮތުގައި ކޮވިޑްގެ ފިޔަވަޅުތަކާއެކުގައި ވެސް މިތަކަށް ނަމާދަށް ދެވޭ ގޮތްވެ، އަދި ނަމާދު ޖަމާއަތް ހެދޭ ގޮތް ވުމުން އުފަލުން އޭނާގެ ހިތް ފުރައިފި އެވެ.
"މާސްކް އަޅައިގެން ވިޔަސް މިހާރު މިސްކިތައް ނަމާދަށް އާދެވޭތީ ނަމާދު ޖަމާއަތް ހެދޭތީ ވަރަށް ހިތްހަމަޖެހޭ. ބޭބެއަކީ މިސްކިތައް ދާން ނޫނީ ބޭރަށް ނުކުންނަ މީހެއް ވެސް ނޫން. އެކަމަކު މިދިޔަ އަހަރު ގޭގައި އިންނަން ޖެހުމުން ވަރަށް ބޮޑަށް މާޔޫސްވި، މިހާރު އެ މާޔޫސްކަން ފިލައި ގޮސްފި، މިހާރު މިހުރީ އުފަލުން،" އޭނާ ބުންޏެވެ.
މިސްކިތައް ވެސް ވަނީ ހުޅުވާފަ އެވެ. އަދި ޖަމާއަތުގައި ނަމާދު ކުރަން ހުއްދަދީފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފުނުވާނެ ގޮތަށެވެ. އެންމެ ބޮޑު އުފަލަކީ މިސްކިތަށް ދެވޭ ގޮތްވުމެވެ. ނަމަދު ޖަމާއަތް ގާއިމް ކުރެވޭނެ ގޮވުމެވެ. ރޯދައާއެކު މިސްކިތްތައް ފުރާލާފައިވާއިރު މީހުންގެ މޫނު މަތީން ފާޅު ވަނީ އުފަލުގެ ޝުއޫރުތަކެވެ. ފެންނަނީ މުޅީން އުޖާލާ މަންޒަރެކެވެ.
"ވަރަށް ދެރަވި މިދިޔަ އަހަރު ގޭގަ އިންނަން ޖެހުމުން. [އަޅުގަނޑު] ނަމާދު ކުރަން ބޭނުން ކުރާ ގޮނޑި އަބަދުވެސް ހުންނާނީ މިސްކިތުގައި. އެންމެފަހުން އެ ގޮނޑި ގެއަށް ގެންނަން ޖެހުނީ. މިދިޔަ އަހަރުގެ ރޯދަމަހު ހީވީ ކުރެވެންވާ ވަރަށް އަޅުކަންތައް ނުކުރެވޭހެން. ގޭގައި ކިތަންމެ ވަރަކަށް އަޅުކަންތައް ކުރިޔަސް މިސްކިތުން ލިބޭ ހިތްހަމަޖެހުމެއް ނުލިބޭ." އުމުރުން 65 އަހަރުވީ މީހަކު އޭނާގެ ޝުއޫރު ފާޅުކުރި އެވެ.
މިދިއަހަރު ޖަމާއަތު ތަރާވީހެއް ނުކުރެވެ އެވެ. އެކަމަކު މި އަހަރު އެ ފުރުސަތު ލިބިފައި ވެއެވެ. ފުރަތަމަ ހުއްދަ އައީ ގައިދުރުކޮށް ނަމާދަށް ތިބޭ ގޮތަށެވެ. ފަހުން އެ އުސޫލު އައީ ކައިރި ކައިރީގައި ސަފު ހެދޭގޮތަށެވެ. އެހެންވެ އެންމެވެސް މިތިބީ އެއީ ލިބުނު އެންމެ ބޮޑު އެއް އުފުލަށް ހަދައިގެނެވެ.
"ވަރަށް އުފާވާނެ ދެއްތޯ؟ މިއަހަރު ރޯދައަށް ވެސް އަސްލު ހިޔެއް ނުކުރަން މިސްކިތްތައް ހުޅުވާލާނެއެކޭ. ކޮވިޑް އަދިވެސް ފެތުރޭ ވަރު ކުޑައެއް ނޫން. ގައިދުރު ކޮށްގެން ނޫނީ ދުރު ނުކޮށްވެސް މިސްކިތައް އާދެވެންޏާ މައްސަލައެއް ނެތް. އެންމެ އުފާވީ ތަރާވީހު ނަމާދަށް ޖަމާއަތަށް އާދެވޭތީ." މީހަކު ބުންޏެވެ.
އާ އަހަރެއްގެ އާ ރޯދަ މަހާއިލައްވާއިރު ނަމާދަށް މިސްކިތްތައް ހުޅުވާލުމާއި ނަމާދު ޖަމާއަތްތައް ގާއިމު ކުރެވޭނެ ގޮތް ވުމުން އެކަންކަން ބަންދުވެފައި އޮތުމުން އެންމެންގެ މޫނުން މަތީން މިހާތަނަށް ފެނުނު މޯޅިވުމުގެ ރޫފިލައި އުފާވެ އުޖާލާވެފައި ވެއެވެ. ޖަމާއަތް ލިބުމުން އެންމެން މިހާރު ތިބީ އުފަލުންނެވެ. ކޮންފަަދަ ބޮޑު ނިއުމަތެއް ހެއްޔެވެ؟