އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށޭނީ، މި ހިނގާ އެޕްރީލް މަހުގެ 13 ވާ އަންގާރަ ދުވަހު އެވެ.
މިހެންވާ ސަބަބަކީ، ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ދުނިޔޭގެ ހުރިހާ ތާކަށް ވެސް ހަނދު އޮއްސޭކަމެވެ. މިގޮތުން މާލެއަށް އިރު އޮއްސުމުގެ 15 މިނެޓު ކުރިން ހަނދު އޮއްސެ އެވެ. މައްކާއަށް އިރު އޮއްސުމުގެ 27 މިނެޓު ކުރިން، ޤާހިރާއަށް އިރު އޮއްސުމުގެ 29 މިނެޓު ކުރިން، ޖަކާޓާއަށް އިރުއޮއްސުމުގެ 22 މިނެޓު ކުރިން، އިސްތަންބޫލަށް އިރުއޮއްސުމުގެ 37 މިނެޓު ކުރިން އަދި ރަބާޠަށް އިރުއޮއްސުމުގެ 34 މިނެޓު ކުރިން ހަނދު އޮއްސެއެވެ. އެހެންކަމުން، އެއިން އެއްވެސް ތަނަކަށް ޝަޢުބާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށް ފަހު ހަނދު ފެންނާކަށް ނުހުންނާނެ އެވެ. ވީމާ، މި ހިނގާ ޝަޢުބާން މަސް ވާނީ 30 ދުވަހުގެ މަހަކަށެވެ.
މިދިޔަ އަހަރެކޭ ވެސް އެއްފަދައިން، މި އަހަރުގެ ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. އެއީ، ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ހުރިހާ ތަނަކަށްވެސް ހަނދު އޮއްސޭތީއެވެ.
މިގޮތުން ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމުގެ 14 މިނެޓު ކުރިން މާލެއަށް ހަނދު އޮއްސެއެވެ. އަދި އެދުވަހު އިރުއޮއްސުމުގެ 12 މިނެޓު ކުރިން މައްކާއަށް، 13 މިނެޓު ކުރިން ޤާހިރާއަށް، 15 މިނެޓު ކުރިން ޖަކާޓާއަށް، 15 މިނެޓު ކުރިން އިސްތަންބޫލަށް އަދި 7 މިނެޓު ކުރިން ރަބާޠަށް ހަނދު އޮއްސެއެވެ. ވީމާ، އެއިން އެއްވެސް ތަނަކަށް ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ އިރުއޮއްސުމަށްފަހު ހަނދު ފެންނާކަށް ނުހުންނާނެއެވެ. އެހެންކަމުން، މި ރަމަޟާން މަސް ވެސް ވާނީ 30 ދުވަހުގެ މަހަކަށެވެ. ފިޠުރު ޢީދު ވާނީ އަންނަ މެއި މަހުގެ 13 ވާ ބުރާސްފަތި ދުވަހަށެވެ.
މި މުނާސަބަތުގައި ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް ލޮބުވެތި ދިވެހި ރައްޔިތުންނަށާއި އެންމެހާ މުސްލިމުންނަށް ފޮނުވަމެވެ.