ދީން

ކީރިތި ރަސޫލާއަށް ސިހުރެއް ޖެހިވަޑައެއް ނުގަންނަވައެވެ.

Oct 9, 2019
15

އެޑިޓަރުގެ ނޯޓް: މިއީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ލިޔުއްވައި އަވަސް އޮންލައިން ގައި ޝާއިއުކޮށް ދެއްވުމަށް އެދި ވަޑައިގެން އެ މަނިކުފާނު ފޮނުއްވި އެ މަނިކުފާނުގެ އަމިއްލަފުޅު އިލްމީ ލިޔުއްވުމެކެވެ. ރައީސް މައުމޫންގެ މި ލިޔުން ނޫހުގައި ޝާއިއުކޮށްފައި މިވަނީ އެ މަނިކުފާނު ލިޔުއްވެވި ގޮތަށް އެއްވެސް ބަދަލެއް އުނި އިތުރެއް ގެނައުމަކާ ނުލަ އެވެ.


ކީރިތި ރަސޫލާ محمّد صلى ﷲ عليه وسلّم ގެ ޙަޔާތްޕުޅުގެ މައްޗަށް ކުރިއްސުރެ ލިޔެވިފައިވާ ފޮތްފޮތުގައި، އިތުރު އެކަލޭގެފާނަށް ސިހުރު ހަދާ މީހެއްގެ ސިހުރު ޖެހިވަޑައިގެންނެވި ކަމަށް ބުނާ ރިވާޔަތްތަކެއް ހުރެއެވެ. ދިވެހިބަހުން ލިޔެވިފައިވާ ކީރިތި ރަސޫލާގެ ސީރަތުގައި ވެސް އެ ރިވާޔަތް އައިސްފައި ވެއެވެ. އެ ރިވާޔަތްތަކުގައި ބުނާ ގޮތުން، ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަ ކުރެއްވިފަހުން، ހިޖްރައިން 9 ވަނަ އަހަރު ލަބީދު ބްނު އަޢްޞަމް ނަމަކަށް ކިޔާ ޔަހޫދީއަކު، އެކަލޭގެފާނުގެ ފުނާކޮޅަކުން އެކަލޭގެފާނުގެ އިސްތަށިކޮޅުތަކެއް ނަގައިގެން، އުށްގަނޑަކުން ބުދެއް ހަދައިގެން، އެބުދުގައި އެއިސްތަށިކޮޅުތައް ބަނދެގެން އެކަލޭގެފާނަށް ސިހުރުހެދީ އެވެ. އޭގެ ސަބަބުން އެކަލޭގެފާނަށް އުނދަގޫފުޅުތަކެއް ވާން ފެށީއެވެ. މިހެންވުމުން، ޖިބްރީލްގެފާނު ފައިބައިވަޑައިގެން އެސިހުރު ބާތިލު ކުރެއްވީއެވެ.

އަދި މިކަމާ ވިދިގެން، މާތް ﷲ، قل أعوذ برب الفلق މި ސޫރަތާއި، قل أعوذ برب النّاس މި ސޫރަތް ބާވައިލެއްވީ އެވެ. އަދި މި ދެސޫރަތުގައި ހިމެނޭ އެގާރަ އާޔަތުން ކުރެ ކޮންމެ އާޔަތެއް ވިދާޅުވުމުން، އެކަލޭގެފާނުގެ އިސްތަށިފުޅުގައި އެ ޔަހޫދީކަލޭގެ ޖަހާފައިވާ ގޮށްތަކުގެ ތެރެއިން ގޮށެއް މޮހެވިގެން ދިޔައީއެވެ. އަދި އެކަލޭގެފާނު އެ ޔަހޫދީމީހާގެ ސިހުރުން ސަލާމަތް ވެވަޑައިގަތީއެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔެވިފައިވާ ފޮތްތަކުގައި މިވާހަކަ އައިސްފައި އޮތަސް، މިއީ އެއްވެސް ޙަޤީޤަތެއް ނެތް ދޮގު ވާހަކައެއް ކަމަށް މި މައްސަލަ ދިރާސާ ކުރެއްވި ވަރަށް ގިނަ ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެ ޢިލްމުވެރިންގެ ތެރޭގައި، 20 ވަނަ ޤަރްނުގައި މިސުރުގައި އުޅުއްވި އެންމެ މޮޅު ޢިލްމުވެރިޔާ ކަމުގައި ގިނަ ބަޔަކު ދެކޭ އައްޝައިޚް މުޙަންމަދު ޢަބްދުހްއާއި، ކުރީގެ ޝައިޚުލްއަޒްހަރު އައްޝައިޚް މުޙަންމަދު މުރްތަޟާ އަލްމަރާޣީއާއި، މިސުރުގެ ކިބާރުލް ޢުލަމާއުގެ ކުރީގެ މެންބަރު އައްޝައިޚް ޢަބްދުލްޖަލީލު ޢީސާއާއި، ޑރ. މުޙަންމަދު ހިދާޔާއާއި، އޮސްޓްރިޔާގެ ވިއެނާގެ މަސްޖިދުއްޝޫރާގެ އިމާމް ފަލަސްޠީނަށް އުފަން ޑރ. ޢަދްނާން އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ.

އޭގެތެރެއިން، އެންމެ ތަފްސީލުކޮށް މިމައްސަލައިގައި ވާހަކަދައްކަވާފައިވާ އެއް ބޭފުޅަކީ، ސީރިޔާގެ މަޝްހޫރު އިސްލާމީ މުފައްކިރަކު ކަމުގައިވާ ޑރ. ޢަލީ މަންސޫރުލް ކައްޔާލީއެވެ. އޭނާ ވިދާޅުވާގޮތުގައި ޔަހޫދީއަކު ހެދި ސިހުރެއް ކައު އިތުރު ނަބިއްޔާއަށް ޖެހިވަޑައިގެންނެވި ވާހަކައަކީ، ކަނޑައެޅިގެން ދޮގުވާހަކައެއްކަން ސާބިތުކޮށްދޭ ވަރަށް ގިނަ ހެކިތަކެއްވެއެވެ.

އެންމެ ފާޅުކަންބޮޑު އެންމެ ވަރުގަދަ ހެތްކަކީ، ކީރިތި ޤުރްއާނުގެ އަލްމާއިދާ ސޫރަތުގެ 67 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. [އޭ ރަސޫލާއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި އާޔަތްތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ ރިސާލަތު އިއްވެވި ކަމަކަށް ނުވާނެއެވެ. އަދި ﷲ މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. ހަމަކަށަވަރުން، ކާފިރުވި މީސްތަކުންނަށް ﷲ ތެދުމަގެއް ނުދައްކަވާނެތެވެ.]

މިއާޔަތުގައި މާތް ﷲ އެކަލާނގެ ނަބިއްޔާއަށް އަންގަވާފައި އެވަނީ، އިސްލާމްދީން މީސްތަކުންނަށް ގެނެސްދެއްވުމުގައި ސާބިތުވެ ހުންނެވުމަށާއި، އެއްވެސް ކަމަކަށް ޖެހިލުންވެވަޑައިނުގަތުމަށެވެ. ބިރުފުޅު ނުގަތުމަށެވެ. އެއީ، މާތް ﷲ، މީސްތަކުންގެ ނުބައި އަމަލުތަކުން އެކަލޭގެފާނު ރައްކާތެރި ކުރައްވާނެތީ ކަމަށެވެ.

ކީރިތި ރަސޫލާއަކީ، ސިހުރު ޖެހިވަޑައިގެންފައިވާ ބޭކަލެއް ނޫން ކަމުގައި، އަލްފުރްޤާން ސޫރަތުގެ 8 ވަނަ އާޔަތާއި 9 ވަނަ އާޔަތުގައި މާތް ﷲ ވަރަށް ޞަރީޙަކޮށް ބަޔާން ކުރައްވާފައިވެއެވެ. އެ ދެ އާޔަތުގެ މާނައިގައި ވެއެވެ. [އަދި އަނިޔާވެރިން ބުނޫއެވެ. ޖާދޫޖެހި، ބުއްދި އޮޅިފައިވާ މީހަކަށް މެނުވީ ތިޔަބައިމީހުން ތަބާއެއް ނުވަމުއެވެ. ކަލޭގެފާނާމެދު އެއުރެން މިސާލުޖެހީ، ކޮންފަދައަކުންކަން ކަލޭގެފާނު ދެކިވަޑައިގަންނަވާށެވެ! ފަހެ، އެއުރެން މަގުފުރެދިއްޖައޫއެވެ. ފަހެ، މަގެއް ހޯދުމަކަށް އެއުރެންނަކަށް ކުޅަދާނަވެގެން ނުވެތެވެ.]

ޑރ. ކައްޔާލީ ވިދާޅުވާގޮތުގައި، މީސްތަކުންގެ ކިބައިން ކީރިތި ރަސޫލާ ރައްކާތެރި ކޮށްދެއްވާނެ ކަމަށް މާތް ﷲ ވަޢްދުވެވޮޑިގެންފައިވާތީ، އެއްވެސް މީހަކު ކުރާ އެއްވެސް ނުބައި ކަމެއްގެ އަސަރު އެކަލޭގެފާނަކަށް ނުފޯރާނެއެވެ. އެކަލޭގެފާނަކަށް، ސިހުރު ހަދާމީހެއްގެ ސިހުރެއްވެސް، އެސްފީނާއަޅާ މީހެއްގެ އެސްފީނާއެއްވެސް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ކައްޔާލީ ވިދާޅުވާގޮތުގައި މިއާ ޚިލާފަށް ބުނާ މީހަކު އެ ދޮގު ކުރަނީ މާތް ﷲ ގެ ކަލާމްފުޅެވެ.

ކީރިތި ރަސޫލާއަށް ސިހުރު ޖެހިވަޑައިގެންނެވިކަމަށް ވާރިދުވެފައިވާ ވާހަކައަކީ، ދޮގު ވާހަކައެއްކަން ސާބިތުކޮށްދޭ އަނެއް ހެތްކަކީ، ފަލަޤް، ނާސް، މި ދެ ސޫރަތަކީ މައްކާގައި ބާވައިލެއްވި ދެ ސޫރަތް ކަމަށް ވާކަމެވެ. މި ދެ ސޫރަތް ބާވައިލައްވާފައި އެވަނީ، ރަސޫލާ މަދީނާއަށް ހިޖްރަ ކުރެއްވުމުގެ ކުރިންނެވެ. އެހެންކަމުން، މި ދެ ސޫރަތް ބާވައިލެއްވީ މަދީނާގައި ހިނގައިދިޔަ ޙާދިސާއަކާ ގުޅިގެން ކަމަށް ބުނުމަކީ، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކައެއްކަން އެނގެއެވެ.

ކީރިތި ރަސޫލާއަށް ސިހުރު ޖެހިވަޑައިގެން ވާހަކައަކީ ދޮގު ވާހަކައެއްކަން ސާބިތުކޮށްދޭ އަނެއް ދަލީލަކީ، އެ ޙާދިސާ ހިނގިކަމަށް އެބުނާ ހިޖްރީ 9 ވަނަ އަހަރު އެއްވެސް ޔަހޫދީއަކު މަދީނާގައި ނުހުންނާނެކަމެވެ. ސަބަބަކީ، ކީރިތި ރަސޫލާ މަދީނާއަށް ހިޖްރަ ކުރެއްވިއިރު، މަދީނާގައި ދިރިއުޅެމުންދިޔަ ޔަހޫދީންގެ ތިން ޤަބީލާ ކަމަށްވާ ބަނޫ ޤުރައިޡާ އާއި، ބަނުއްނަޟީރާއި، ބަނޫ ޤައިނުޤާޢް ވަނީ، ކީރިތި ރަސޫލާއާއި އެބައިމީހުންނާ ދެމެދު ކުރިން އެއްބަސްވެފައިވާ ޢަހްދުނާމާއާ އެބައިމީހުން ޚިލާފުވުމުގެ ސަބަބުން، ހިޖްރައިން ފަސްވަނަ އަހަރު މަދީނާއިން ބޭރުކުރައްވައި، ދުރުތާކަށް ފޮނުއްވާލައްވާފައިކަމެވެ.

ޑރ. ކައްޔާލީ ވިދާޅުވާގޮތުގައި، ކީރިތި ރަސޫލާއަށް ޔަހޫދީއަކު ސިހުރު ހެދިވާހަކައާއި، އެކަލޭގެފާނަށް އެ ސިހުރު ޖެހިވަޑައިގެންނެވި ވާހަކަ، ޙަދީސް ފޮތްފޮތުގައި އައިސްފައިވާ ސާޅީހަކަށް ރިވާޔަތް ވެއެވެ. އެހެންނަމަވެސް، މި ހުރިހާ ރިވާޔަތްތަކެއްވެސް ގޮސް ނިމެނީ، އެއް ބޭކަލަކަށެވެ. އެބޭކަލަކީ، ހިޝާމު ބްނު ޢުރްވަތު ކިޔުނު ބޭކަލެކެވެ. އޭނާގެ އިތުބާރާމެދު މަޝްހޫރު ޙަދީސް އަދި ތާރީޚު ޢިލްމުވެރިޔާ އައްޒަހަބީ، [އަލް މީޒާން] ނަމަކަށް ކިޔުނު ފޮތުގައި، ޝައްކު އުފައްދަވާފައިވެއެވެ. އަދި މިއިން އެއްވެސް ރިވާޔަތެއް މަދީނާގައި ދިރިއުޅުން ހޭދަކުރެއްވި އަލް އިމާމް މާލިކު ރިވާކުރައްވާފައެއް ނުވެއެވެ. އަލްއިމާމް މާލިކު އެކުލަވާލެއްވި [އަލްމުވައްޠައު] ނަމަކަށް ކިޔުނު ފޮތަކީ، ޙަދީސް ޢިލްމާއި ފިޤްހު ޢިލްމު ހިމެނޭގޮތުން ލިޔެވިފައިވާ އެންމެ ފުރަތަމަ ފޮތެވެ. އެބާވަތުގެ އާދަޔާ ޚިލާފު ޙާދިސާއެއް މަދީނާގައި ހިނގާފައިވާނަމަ، އެކަމެއް އިމާމް މާލިކަށް އެނގިވަޑައިގަތީހެވެ. އަދި އެކަލޭގެފާނު ލިޔުއްވި [އަލްމުވައްޠައު] ފޮތުގައި އެވާހަކަ ގެންނެވީހެވެ. ހަމައެފަދައިން މިއިން އެއްވެސް ރިވާޔަތެއް، އެންމެ މަޝްހޫރު ޙަދީސްފޮތްތައް ލިޔުއްވި ބޭކަލުން ތެރޭގައި ހިމެނޭ އައްތިރްމިޛީއާއި، އައްދާރިމީއާއި، އަބޫ ދާއޫދު އެކުލަވައިލެއްވި ޙަދީސް ފޮތްތަކަކު ނެތެވެ.

ޑރ. މުޙަންމަދު ހިދާޔާ ވިދާޅުވާގޮތުގައި، ލަބީދު ބްނު ޢައްޞަމްގެ ސިހުރު ކީރިތި ރަސޫލާއަށް ޖެހިވަޑައިގަތްކަމަށް ބުނާ ރިވާޔަތުގައި އިތުރު އެތައް މައްސަލައެއް ވެއެވެ. މިސާލަކަށް، ކީރިތި ރަސޫލާގެ ފުނާކޮޅެއް ލަބީދުގެ އަތަށް ލިބުނީ ކިހިނެއްތޯ އެވެ. އޭނާ އެކަލޭގެފާނުގެ ގެކޮޅަށް ވަދެ ފުނާކޮޅެއް ވަގަށް ނެގީތޯ އެވެ. ނުވަތަ މާތް ރަސޫލާގެ އަނބިކަނބަލަކު، އެކަލޭގެފާނުގެ ފުނާކޮޅެއް އޭނާއަށް ގެނެސް ދެއްވީތޯ އެވެ. އަދި އެ ސިހުރު ކާމިޔާބުވިނަމަ، އެހިސާބުން ލަބީދު ސިހުރުހެދުން ހުއްޓާލީތޯ އެވެ. އޭނާގެ ސިހުރު އެހާ ކާމިޔާބުނަމަ، އިތުރު ސިހުރުތަކެއް ކީރިތި ރަސޫލާއަށް، ނުވަތަ އެކަލޭގެފާނުގެ އަޞްޙާބުންނަށް ނެހެދީ ކީއްވެތޯ އެވެ. އެކަލޭގެ އަތުގައި އެހާ ބޮޑު ބާރެއް އޮތްނަމަ، އިސްލާމްދީން ދުނިޔެމަތިން ފޮހެނުލީ ކީއްވެތޯ އެވެ. އަދި އޭނާއަކީ، ޢަރަބި ކަރައިގެ ރަސްކަލަކަށް ނުވީ ކީއްވެތޯއެވެ.

ޑރ. ޢަދްނާން އިބްރާހީމް ވިދާޅުވިއެވެ. ޔަހޫދީއަކު ކީރިތި ރަސޫލާއަށް ސިހުރުހެދި ވާހަކައަކީ، ޔަހޫދީންގެ ބަޔަކު އަމިއްލައަށް ހަދާފައިވާ ބާޠިލު ވާހަކައެއް ކަމުގައި ހަނަފީ މަޒްހަބުގެ ކުރީގެ މަޝްހޫރު ފިޤްހު ޢިލްމުވެރިޔާ އަބޫ ބަކްރުލްޖައްޞާޞް، އޭނާ ލިޔުއްވި [އަޙްކާމުލް ޤުރްއާން] ނަމަކަށް ކިޔުނު ފޮތުގައި ލިޔުއްވާފައިވެއެވެ. އަދި މިސުރުގެ ފަހުގެ މަޝްހޫރު ޢިލްމުވެރިޔަކު ކަމަށްވާ ސައްޔިދު ޤުޠްބުވެސް އޭނާ އެކުލަވާލެއްވި ތަފްސީރު ފޮތުގައި، އެވާހަކައަކީ އަސްލެއް ނެތް ދޮގު ވާހަކައެއް ކަމުގައި ލިޔުއްވާފައިވެއެވެ.

މިތާނގައި ސިހުރަކީ ކޮން އެއްޗެއްތޯ ބަލައިލުން މުހިންމު ކަމަށް ދެކެމެވެ. ސިހުރަކީ، ޢަރަބި ބަހުންނަމަ ސިޙްރު އެވެ. އަސްލުގައި މިލަފުޒު ބޭނުން ކުރަމުން އައިސްފައިވަނީ، މީހަކު ވަކި ކަހަލަ ބާރުތަކެއްގެ ބޭނުން ކޮށްގެން، އަނެކެއްގެ ހަށިގަނޑަށް ނުވަތަ ބުއްދިއަށް ގެއްލުމެއް ދިނުމަށެވެ. ބުނެވޭގޮތުގައި ސިހުރު ހަދާމީހާ އެކުރާ ކަމެއްގެ ސަބަބުން، މީހަކު ބަލިވެދާނެ އެވެ. ނުވަތަ މަރުވެދާނެ އެވެ. ނުވަތަ މޮޔަވެދާނެ އެވެ. މިކަމަށް އިނގިރޭސި ބަހުން [ވިޗްކްރާފްޓް] ނުވަތަ [ސޯސަރީ] ނުވަތަ [ބްލެކް މެޖިކް] ކިޔައި އުޅެއެވެ. މި މާނައިގައި ސިހުރު ހެދުން ފެށިފައިވަނީ، މީގެ އެތައް ހާސް އަހަރެއްގެ ކުރިން މިސުރުގައި، ނުވަތަ ނީލަކޯރުގެ ވާދީގައި، ނުވަތަ އެފްރިކާގައި ކަމަށް ބުނެވެއެވެ. އޭގެފަހުން މިކަން ވަނީ ދުނިޔޭގެ ވަރަށް ގިނަ ހިސާބުތަކަށް ފެތުރިފައެވެ. އެކަމަކީ، ޠަބީޢަތުން ބޭރުގައިވާ ކަމަށް ބުނާ ބާރުތަކެއްގެ ބޭނުން ކޮށްގެން، މިސާލަކަށް ޖިންނި ފުރޭތަ ބޭނުންކޮށްގެން، މީސްމީހުންނަށް އެކި ކަހަލަ ނުބައި އަސަރުތައް ފޯރުވާ ކަމެއްގެ ގޮތުގައި އޮތީ ޤަބޫލުކުރެވިފަ އެވެ.

ޙަޤީޤަތުގައި ވިޗްކްރާފްޓް ނުވަތަ ސޯސަރީ ނުވަތަ ސިހުރު ބޭނުން ކޮށްގެން ކަމެއް ކުރެވިދާނެތޯ ނުވަތަ ނޫންތޯ މިއީ ވަރަށް ކުރިއްސުރެ ކުރެވެމުން އަންނަ ބަހުސެކެވެ. ޠަބީޢަތުން ބޭރުގައިވާ ބާރުތަކެއްވާކަމަށާއި، އިންސާނުންނަށް އެ ބާރުތަކުގެ ބޭނުން ކުރެވިދާނެކަމަށް ބުނާ މީހުން ސިހުރު ޤަބޫލު ކުރެއެވެ. އެނޫން މީހުން ބުނާގޮތުގައި ސިހުރަކީ، ޙަޤީޤަތެއްގެ މައްޗަށް ބިނާވެފައި އޮތް ކަމެއް ނޫނެވެ. އެއީ ހަމަ ވަހުމެކެވެ. ޚިޔާލީ ކަމެކެވެ. ނުވަތަ ޚުރާފާތެކެވެ.

އިސްލާމީ ނަޒަރަކުން ބަލާއިރު، ސިޙްރު، ސާޙިރު (ސިހުރުހަދާމީހާ)، ސައްޙާރު (ގިނަގިނައިން ސިހުރުހަދާމީހާ)، މަސްޙޫރު (ސިހުރު ޖެހިފައިވާ މީހާ)، ސަޙަރޫ (އެބައިމީހުން ސިހުރުހަދައިފި) މި ލަފުޒުތައް ކީރިތި ޤުރްއާނުގައި އައިސްފައިވެއެވެ. މޫސާ ޢަލައިހިއްސަލާމްގެ ރިސާލަތު އިންކާރުކޮށް، އެކަލޭގެފާނާ ޖަދަލުކޮށް ބަލިކުރުމަށް ފިރްޢައުނު ވަރަށް ގިނަ ސިހުރު ހަދާ މީހުން ގެނެސް އެމީހުންލައްވާ ސިހުރުތަކެއް ހެއްދި ވާހަކައާއި، އެ ސިހުރުތަކަކީ ޖާދޫގަރުން ހަދާ މަކަރުތަކެއް ކަމަށާއި، އެ މަކަރުތައް މާތް ﷲ ބާޠިލު ކުރެއްވިކަމަށް ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވާފައި ވެއެވެ. މުޅި މައްސަލައަށް ނިމުމެއް ގެންނަވާފައިވާ ވަޙީ ބަސްފުޅަކީ، ޠާޙާ ސޫރަތުގެ 69 ވަނަ އާޔަތް ނިންމަވާލައްވާފައިވާ މާތް ބަސްފުޅެވެ. [ސިހުރުހަދާމީހާ ކޮންމެ ތަނަކުން އައި ކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.]

ސިހުރަކީ، ޙަޤީޤަތެއް އޮތް އެއްޗެއް ނޫންކަމަށް ވިދާޅުވާ ޢިލްމުވެރިންގެ އެންމެ ވަރުގަދަ އެއް ދަލީލަކީ، ފާޠިރު ސޫރަތުގެ ދެވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައިވެއެވެ. [މީސްތަކުންނަށްޓަކައި ﷲ އެއްވެސް ރަޙްމަތެއް އިރާދަކުރައްވާނަމަ، ފަހެ އެ ރަޙްމަތް ހިފަހައްޓައި މަނާކުރާނެ އެއްވެސް ފަރާތެއް ނުވެއެވެ. އަދި އެކަލާނގެ ހިފަހައްޓަވައިފިކަމެއް، ގެނެސްދޭނެ އެއްވެސް ފަރާތެއް ނުވެއެވެ.] އެބޭފުޅުން ވިދާޅުވާގޮތުގައި، މީހަކު ސިހުރު ހަދަނީ މީހަކަށް ރަނގަޅު ކަމެއް ކޮށްދޭން ކަމަށްވިޔަސް، ނުވަތަ މީހަކަށް ނުބައި ކަމެއް ކުރަން ކަމުގައިވިޔަސް، އެއިން އެއްވެސް ކަމެއް ނުވާނެކަން މިއާޔަތުން ވަރަށް ރަނގަޅަށް އެނގެއެވެ.

އަނެއް ދަލީލަކީ، އަލްއަޢްރާފު ސޫރަތުގެ 116 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. [އެއުރެން އެއްލި ހިނދު، މީސްތަކުންގެ ލޯތަކަށް ޖާދޫ ދައްކައި، އެއުރެން ބިރުގެންނެވޫއެވެ.] މިއާޔަތުން ސާފުކޮށް އެނގޭ ގޮތުގައި، ސިހުރަކީ މީހުންގެ ލޯތަކަށް އޮޅުވާލާ އޮޅުވާލުމެކެވެ. ހަމައެފަދައިން، ޠާހާ ސޫރަތުގެ 66 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. [ފަހެ، އެއުރެން އެއްލި ހިނދު، އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ޖާދޫގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.] މިއާޔަތުން އެއްވެސް އޮޅުމެއްނެތި އެނގޭގޮތުގައި، ސިހުރުގެ އަސަރަކީ، މީހުންނަށް ހީވާ ހީވުމެކެވެ. ޙަޤީޤީ އެއްޗެއް ނޫނެވެ.

މިހާ ސާފުކަން ބޮޑު ގޮތެއްގައި، ސިހުރު ހަދާ މީހުން އެކުރަނީ، ކާމިޔާބުނުވާނޭ ބޭކާރު މަސައްކަތެއް ކަމުގައި ޤުރްއާނުގައި އަންގަވާފައިވާއިރުވެސް، އަދިވެސް ބައެއް މުސްލިމުން، ނުވަތަ މުސްލިމުންގެ ތެރެއިން ގިނަ މީހުން ސިހުރު ޤަބޫލުކުރާކަމީ، ކޮޅުނެތްކޮޅަށް ހިތާމަ ހުރި ކަމެކެވެ. އަދި އޭގެތެރޭގައި ތަންދޮރު ދަންނަ ބައެއް ޒުވާނުން ހިމެނޭކަމީ، ވަކިން ބޮޑަށް ހިތާމަހުރި ކަމެކެވެ. މި ކައުނުގައި ހިނގާ ހުރިހާ ކަމެއް ރާއްވަވައި، ތަދުބީރު ކުރައްވައި، މިންވަރު ކުރައްވާ ފަރާތަކީ، މާތް ﷲ ކަމަށް ޤަބޫލުކުރާ ބަޔަކު، ސިހުރު ޤަބޫލު ކުރުމަކީ، ހަމަ ބުއްދި ހުރި ކޮންމެ މީހަކު ހައިރާންވެ އަންތަރީސްވާނެ ކަމެކެވެ.