ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ބިލެއް ހުށައަޅުއްވާފަ އެވެ. އެއީ ސަރުކާރުގެ ބިލެކެވެ. މިހާރު "ހިސާން ބިލު" ގެ ގޮތު މަޝްހޫރުވެފައިވާ ބިލްގައި އާންމު ތަނެއްގައި ވަކި މީހަކަށް ނިސްބަތްކޮށް އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފުރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅާފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ހަދަން ވަނީ ހުށައަޅާފައި ވެއެވެ. އެ ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނާފައި ވެއެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާންގެ މި އިސްލާހާ މެދު އަދި ބައެއް މާއްދާތަކުގައި ބޭނުން ކޮށްފައިވާ އިބާރާތާއި އެ މާއްދާ ތަރުޖަމާ ކުރެވޭ ގޮތް ވަރަށް ފުޅާކޮށް އޮތުމަކީ ދީނީ އިލްމުވެރިންނާއި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެހެން ކަމުން އިސްލާހު ހުށައެޅި ހަގީގީ މަގުސަދާމެދު އެތައް ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އެ ސުވާލުތައް ކުރަމުންނެވެ.
މުސްލިމަކަށް ނިސްބަތްކޮށް ކާފަރޭ ބުނުމަކީ އެއްވެސް މީހަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ؛ އެކަން ކަނޑައަޅާ އެކަކު އަނެއް ކަކަށް ނިސްބަތް ކުރުމުގެ ފުރުސަތު އޮވެގެން ވެސް ނުވާނެ އެެވެ. އެހެންވީމަ ހިސާން ހުށައެޅުއްވި އިސްލާހުތަކުގެ ތެރެއިން ބައެއް އިސްލާހުތައް ރަނގަޅެވެ. ނަމަވެސް ކަންބޮޑުވުން އޮތީ މި އިސްލާހުތަކުގައި ސާފުކޮށް އެކަންކަން ނެތީމަ އެވެ. ވަަރަށް ފުޅާކޮށް އަދި ގާނޫނު މާނަ ކުރަން ބޭނުންވާ ބަޔަކު ބޭނުން ގޮތަކަށް މާނަ ކުރުމުގެ ފުރުސަތު ދީފައި އޮތީ އެވެ.
ނަފުރަތުގެ އަމަލު ހިންގުން މި ބާބުގެ ކުށް ކަނޑައެޅުމުން ބަޔާން ކޮށްފައިވާ 24 ވަަނަ މާއްދާގެ އަކުރު (ހ) ގެ ފުރަތަމަ ނަންބަރުގައި ބުނެފައިވާ އޮންނަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާއި ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައި ތުހުމަތު ކުރުމެވެ. އެ މާއްދާގައި ބުނާ ގޮތުން އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހަކާ ދިމާއަށް ވެސް އެހެން ބުނުމަކީ ކުށަކަށް ވާނެ އެވެ.
ހިސާންގެ އިސްލާހުގައި ހިމެނޭ އެ މާއްދާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވެސް ކަންބޮޑުވުން ފާޅުކުރީ އެ މާއްދާ އެހެން އޮވެގެނެވެ.
މެންބަރު އުޝާމް ވިދާޅުވި ގޮތުގައި ބިލު މިހާރު ޑްރާފްޓްކޮށްފައި އޮތްގޮތަށް ފާސް ކޮށްފިނަމަ ކަންކަން ވަރަށް ފުޅާކޮށް މާނަ ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. ސީދާ އިސްލާމްދީނާ ދެކޮޅު މީހަކަށް ނިސްބަތްކޮށް އެއީ އެފަދަ މީހެއް ކަމަށް ބުނުމުން ސަތޭކަ ޕަސެންޓް މުސްލިމް ދިވެހި ރާއްޖޭގައި ކުށްވެރިވާނެ އެވެ.
"މި ބިލު މިހާރު ޑްރާފްޓްކޮށްފައި އޮތް ގޮތަށް ފާސް ކުުރުމަށް ތާއީދެއް ނުކުރެވޭ. ބިލް މިހާރު އޮތް ގޮތަށް ފާސް ވެއްޖެނަމަ ނަތަންޔާހު [އިޒްރާއީލުގެ ހަރުކަށި ޔަހޫދީ ބޮޑުވަޒީރު] އަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ބުނުން ވެސް ކުށަކަށް ވެދާނެ،" ޑެޕިއުޓީ އޭޖީކަން ވެސް ކުރެއްވި އުޝާމް ވިދާޅުވި އެވެ.
އޭނާ އެހެން ފާހަގަ ކުރެއްވިއިރު ކުށް ކަނޑައެޅުމުގެ ބައިބައި ދެން ތަރުތީބު ވެގެން އަންނަ މާއްދާތައް އިބާރާތް ކޮށްފައިވާ ގޮތް ތަފާތެވެ. އެއް މާއްދާއެއްގައި އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގަައި ސިފަ ކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން އޮތް އިރު އަނެއް މާއްދާގައި އާންމު ތަނެއްގައި މުސްލިމަކަށް ކާފަރެއް ކަމުގައި ތުހުމަތު ކުރުން އެހެން ބަޔާން ކޮށްފައި ވެއެވެ.
ސުވާލަކީ ކުރީން ބަޔާންކުރި މާއްދާގައި އާންމު ތަނެއްްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމުގައި ތުހުމަތު ކުރުން މިހެން ލިޔެފައި ވަނީ ކޮން ކަމަކަށް ނުވަތަ ކޮން ބަޔަކަށް ފުރުސަތު ދޭން ހެއްޔެވެ؟ އެ މާއްދާގައި މުސްލިމެއްގެ ވާހަކަ ނެތީ ކީއްވެ ހެއްޔެވެ؟
މެންބަރު އަލީ ހުސައިން ވިދާޅުވި ގޮތުގައި އިސްލާމްދީނަށް މަލާމަތްކޮށް ހަޖޫ ޖަހައި ފުރައްސާރަ ކުރާ މީހަކަށް އެއީ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނެވޭނެ އެވެ. އަދި އެފަދަ ބަހެއް ބުނެގެން ޖިނާއީ ކުށެއް ކުރި ކަމަށް ވެގެން ނުވާނެ އެވެ. އަލީ ވެސް ފާހަގަ ކުރެއްވީ އުޝާމް ވިދާޅުވި ގޮތަށް ހިސާންގެ އިސްލާހުގެ އިބާރާތް އޮތްގޮތާއި އެ އިބާރާތް މާނަ ކުރުމަށް އޮތް ފުޅާ ގޮތެވެ.
"އިސްލާމްދީނަށް މަލާމާތްކޮށް ހަޖޫޖަހާ ފުރައްސާރަ ކުރާ މީހަކާ ދިމާލަށް ތިޔައީ އިސްލާމްދީނާއި ދެކޮޅު މީހެކޭ ބުނުމަކީ ޖިނާއީ ކުށަކަށް ވެގެން ނުވާނެ،" މިހާރު އޮތް ގޮތަށް އެ އިސްލާހަށް ތާއީދު ނުކުރައްވާނެ ކަން ހާމަ ކުރައްވާ އަލީ ވިދާޅުވި އެވެ.
މި މައްސަލާގައި އެންްމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަނީ ދީނީ އިލްމުވެރިންނެވެ. އިލްމުވެރިންގެ ނަޒަރުގައި މިއީ އަޑީގައި ވަރަށް ނުބައި ރޭވުމަކާއި ނުބައި ނިޔަތެއް އޮތް އިސްލާހެކެވެ.
ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވި ގޮތުގައި މި އިސްލާހުން ފުރުސަތު ލިބެނީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުނަށް އެ މީހުންގެ މިނިވަންކަން ފުޅާ ކުރާށެވެ. އަދި އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނާ މީހާ "އުލު ބައިދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ އިސްލާމް ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގޭ ޖަރީމާ އެކެވެ.
ޝައިހް އަބްދުﷲ ބިން ޖަނާބު ވެސް ވަނީ ހިސާންގެ އިސްލާހާމެދު ސުވާލު އުފައްދަވާފަ އެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ އަސާސްތައް ނައްތާލަން ފާޅުގައި މަސައްކަތް ކުރަމުންދާ ޖަމިއްޔާތައް ރާއްޖޭގައި ހަރަކާތްތެރިވަމުން ދާއިރު އެކަންކަމާ ދެކޮޅަށް އެޅުނު ފިޔަވަޅެއް ނެތެވެ. އިސްލާމް ދީނާއި މާތް ރަސޫލާއަށް ފުރައްސާކުރި ހައްދުފަހަނައަޅާފައިވާ އެމްޑީއެން ނަމެއްގައި އުވާލި ނަމަވެސް އެ ޖަމާއަތަށް ނިސްބަތްވާ މީހުން ތިބީ ސަރުކާރުގެ އިސް މަގާމުތަކުގަ އެވެ. އެ ޖަމާއަތުގެ ހަރަކާތްތައް ކުރިއަށް ގެންދެއެވެ. އެފަދަ ހާލަތެއްގައި ކަން އޮތްއިރު ރައްޔިތުންނަށް ފެންނަނީ ހޭލުންތެރި ކުރުވުމަށް ހުރި މަގުތައް ބަންދު ކުރުމަށް ގާނޫނު ހަދާ މަންޒަރެވެ. ހިސާންގެ އިސްލާހަކީ އެފަދަ ޖަރީމާއެއްގެ ގޮތުގައި އަބްދުﷲ ސިފަ ކުރެއްވިއެވެ.
"ޝައްކެއްނެތް! މިއީ 'ލާދީނިއްޔަތު' ހިމާޔަތްކޮށް ދީނިއްޔަތު ސުންނާފަތި ކުރަން ބައްޓަން ކޮށްފައިވާ ގާނޫނެއް،"
ބައެއް އެހެން ގިނަ އިލްމުވެރިން ވިދާޅުވި ގޮތުގައި އިސްލާމްދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުންނަކީ އެހެން ފިކުރުތަކުގެ މީހުންނަށްވުރެ ސަތޭކަ ގުނަ ނުރައްކާ ބައެކެވެ. އަދި ދީނާ ހިލާފު ކަންކަން ހިތްވަރު ދީ ފާޅުގައި އެކަންކަމަށް ގޮވާލަމުންދާ މީހުންނަށް ނިސްބަތްކޮށް އެބަސް ބޭނުން ކުރުމަކީ ކުށެއް ނޫނެވެ. އަދި އެކަން ނުވެސް ހުއްޓުވޭނެ އެވެ.
"ވަގަކަށް ކިޔާނީ ވަގެކޭ. މީހުން މަރާ މީހަކަށް ކިޔާނީ ގާތިލެކޭ. އިސްލާމް ދީނުގެ ސާބިތު ހުކުމަކާއި ހިލާފަށް ވާހަކަ ދައްކާ މީހުންނަށް ލާދީނީ އޭ. މިއީއަކީ ހޭޓް ސްޕީޗެއް ނޫން. ނުހުއްޓުވޭނެ،" ޝައިހް އަލީ ޒައިދު ވިދާޅުވި އެވެ.
ފާޑުކިޔުން ބޮޑުވުމުން އިތުރު ބިލެއް
ހިސާންގެ އިސްލާހުތަކާމެދު ރައްޔިތުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ސޯޝަލް މީޑިއާގައި އެތައް ޝުއޫރުތަކެއް ބަނޑުން ކޮށްލާފައި ވަނިކޮށް ފެންޖަހައި ފިނިކޮށްލަން ސަރުކާރުން ބަޔާނެއް މެދުވެރިކޮށް އިތުރު ބިލެއް ހުށައަޅަން ނިންމާފައިވާ ކަމަށް މިހާރު ވަނީ ބުނެފަ އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުލް އުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު އެ ބިލާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސް އޮފީހަށް މިހާރު ވަނީ ފޮނުވާފަ އެވެ.
ސަރުކާރު ބުނާ ގޮތުން މި ބިލް ހުށައެޅުމުގެ ބޭނުމަކީ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކޮށްދީ އެ ކުށުގެ އަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުއް ގެނައުމެވެ. އެ ގޮތުން މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތަައުހީނު ކުރުމުގެ -- ފުރައްސާރަ ކުރުމުގެ -- ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލްގައި ހުށައަޅާފައިވާނެ އެވެ.
މި ބަޔާން ނެރުމުގެ ކުރީން ސަރުކާރުން މަަސައްކަތް ކުރީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް ރައްޔިތުންނަށް ވިސްނައި ދޭށެވެ. އެކަން ސަރުކާރަށް ތާއީދު ކުރާ އެކި ބޭފުޅުން އެކި ގޮތްގޮތަށް އިއްޔެ ހަތަރުދަމު ގެންދިޔައީ ހާމަކޮށްދެވޭތޯ މަސައްކަތް ކުރަމުންނެވެ. ބަޔާނެއް ނެރެ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފި ކަމަށް ބުނީ އޭގެ ފަހުންނެވެ.
އަދި އެކަން ހާމަކޮށް ނެރުނު ބަޔާނުގައި ވެސް މިއީ ކުރީން ހުށައެޅި ބިލާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ހުށައަޅާ ބިލެއް ކަމަށް ބުނުމުން ސަރުކާރުގެ ނިޔަތާއި މަގުސަދާމެދު އިތުރަށް ސުވާލު އުފެދެ އެވެ.
މިކޮށްލީ ކޮން ކަމެއް ހެއްޔެވެ؟ ބަންޑާރަ ނައިބުލައްވާ ކުރުވި ކަމަކީ ދެކޮޅު ހަމަކޮށްލީ އެވެ. ވަކި ކަމެއް ހާސިލު ކުރަން ދިވެހި ރައްޔިތުންގެ ލޮލުގައި އަދުނެއް އަޅުވާލީ އެވެ. ދެ ބިލް އެ ގޮތުގައި ފާސް ކުރަން ބޭނުންވާކަން އަންގާލީ އެވެ. އެހެންވެއްޖެނަމަ ތަންފީޒު ވެގެންދާތަން ފެންނާނީ ދައުލަތް ހިންގަން ތިއްބެވި ވެރިންގެ "އިންޓްރެސްޓް" އޮތް ކަމެކެވެ.
ސަރުކާރުން ނެރުނު ބަޔާނުގައިވާ ގޮތުން މިހާރު ވެސް އިސްލާމްދީނާ އިދިކޮޅު އަމަލުތަކަކީ ކުށެކެވެ. އެކަން ގާނޫނުގައި ސާފުކޮށް ލިޔެފައި އެބައޮތެވެ. ނަމަވެސް އެކަން ތަންފީޒުވޭ ހެއްޔެވެ؟ ބިރެއްނެތި އިސްލާމްދީނާއި މާތް ނަބިއްޔާއަށް މި ގައުމުގައި އެ ދަނީ ފުރައްސާރަ ކުރަމުންނެވެ. އެކަމުގެ ހުތުރު ތާރީހު އޮތް މީހުން އެ ތިބީ ދައުލަތުގެ މަގާމުތަކުގަ އެވެ. ކޮންމެ ހުކުރު ދުވަހަކު ހުކުރު ހުތުބާއަށް ސިލްސިލާކޮށް ހަޖޫ ޖަހާ އާޑަ ފުރައްސާރަކުރި މިހާރުވެސް ކުރާ މުޅި ޓީމު އެ އޮތީ ސަރުކާރުގެ އެކި މަގާމުތަކުގަ އެވެ. އެހެންވީމަ ރައްޔިތުންގެ ރުޅިވެރިކަން ހުރި ގޮތެއް ބަލާލުމަށް ފަހު އެ ބިލު ވެސް އެ ގޮތުގައި ބާއްވާ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ވެސް ބިލެއް އެބަ ހުށައަޅަމޭ ބުނުމުން ރައްޔިތުން ހަމަބުއްދި ފިލާ ދުނިޔެ ރަންވެފައި ތިބެން ދިވެހިން މިއީ އެހާ ގަމާރު ބަޔަކީ ހެއްޔެވެ؟ އަދި އެ ބިލު ހުށައަޅާ ފާސް ކުރިޔަސް ގާނޫނުން ކޮންމެވެސް ބާގަނޑެއް ހޯދައިގެން ތަންފީޒު ކުރަން ފަސްޖެހޭނެ ކަން ރައްޔިތުން ދަނެ އެވެ. ބާރަށް ތަންފީޒުވަމުން ދާނީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހުންނާ ދެކޮޅަށް ވާހަކަ ދައްކާ އުޅޭ އިސްލާމް ދީނަށް ލޯބިކުރާ މީހުން ދެކޮޅަށް ހަދަން މަސައްކަތް ކުރާ ގާނޫނެވެ.
މިކަމުގައި ނިކުމެދާނެ އެހެން ނަތީޖާތަކެއް ވެސް އެބައޮތެވެ. މިހާރުވެސް އޭގެ ބައެއް މަންޒަރުތައް އެ ދަނީ ފެންނަމުންނެވެ.
ރައްޔިތުންގެ ރުޅިވެރިކަމާއި ނަފުރަތު އޮތް ކަމެއް ގާނޫނަކުން ހުއްޓުވަން އުޅުނު ނަމަވެސް އެކަމެއް ނުވާނެ އެވެ. މިހާރުވެސް އެތައް ބަޔަކު އެ ދަނީ ފާޅުގައި އެކަން އިއުލާނު ކުރަމުންނެވެ. ގާނޫނެއް ފާސް ކޮށްގެން ބިރު ނުދެއްކޭނެ ކަމަށް ބުނަމުންނެވެ. އަހަރު ދެ އަހަރަށް ޖަލަށްލާނެ ކަމަށް ބުނެގެން ނުހުއްޓުވޭނެ ކަމަށެވެ. ހިސާންގެ ބިލު މިހާރު އޮތް ގޮތަށް ފާސްކޮށްފިނަމަ ރާއްޖޭގައި މީހުން ކާފަރު ކުރުން އިތުރުވެ އެކަން އިތުރު ހަރުފަތަކަށް ހިނގައިދާނެ އެވެ. އަދި އެފަދަ ބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފިނަމަ ހަރުކަށިކަން ބޮޑުވެ އިތުރު ގޯސްތަކެއް ފެނުން ގާތެވެ.
އެއްވެސް މީހަކު ކާފަރު ކުރުމަކީ އަނެކަކަށް އޮތް ހައްގެއް ނޫނެވެ. ނަމަވެސް ފާޅުގައި ދީނުގައި ދެކޮޅު ހަދާ އޭނާ އަމިއްލައަށް ކާފަރެއް ކަަމަށް އިއުލާނު ކުުރުމުން ވެސް އެފަދަ މީހަކާ ދިމާއަށް ކާފަރެކޭ ބުނެގެން ކުށްވެރިވާ ގޮތަށް ގާނޫނެއް ހެދުމުގައި އެހެން ނިޔަތެއް އޮންނާނެ އެވެ. އޭރުން އެނގިގެން ނަމަވެސް ނުވަތަ ނޭންގި ނަމަވެސް ހިތްވަރު ދެވެނީ ދީނާ ދެކޮޅު މީހުނަށެވެ. އެ މީހުންގެ އަމަލުތަކަށެވެ. އެހެންވީމަ "ހިސާނު ބިލު" ގެ ހަގީގީ މަގުސަދު ރައްޔިތުންނަށް އިތުރަށް ސާފުކޮށްދޭން ޖެހެ އެވެ. މިހާރު އެ އޮތް އިބާރާތް ތަފާތު ގޮތްގޮތަށް މާނަ ކުރަން ފުރުސަތު ނުލިބޭނެ ގޮތަށް ބަދަލު ކުރަން ޖެހެ އެވެ. އަދި އިސްލާމްދީނާ އިދިކޮޅު އަމަލުތައް އިތުރަށް ތަފްސީލު ކޮށްދީ އެ ކުށުގެ އަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ލިޔާން ޖެހެއެވެ. ކުރާން ޖެހޭ ކަންކަން ނުކޮށް އެހެން ކަމެއް ފެށީމައި ވާނެ ގޮތް މިފަހަރު މިވީ އެވެ.