ދީނީ އިލްމުވެރިން

ހިސާންގެ އިސްލާހުގެ މަގުސަދާމެދު ސުވާލު އުފައްދައިފި

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެއް ކަމަށް ބުނުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބިލްގެ ހަގީގީ މަގުސަދާމެދު ބައެއް ދީނީ އިލްމުވެރިން ސުވާލު އުފައްދަވާ ކަންބޮޑުވުން ފާޅު ކުރައްވައިިފި އެވެ.

ހިސާން ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރާށެވެ.

އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒާހިރު ބިން ސައީދު ވިދާޅުވީ އިސްލާމްދީނާ ދެކޮޅަށް އުޅޭ މީހުންނަށް މިނިވަންކަން ފުޅާ ކުރުމާއި އެފަދަ މީހަކީ ދީނާ ދެކޮޅު މީހެއް ކަމަށް ބުނާ މީހާ "އުލު ބައިދަން" ގާނޫނަށް ބަދަލު ގެނައުމަށް މަސައްކަތް ކުރުމަކީ އިސްލާމް ދީނަށް ނިކަމެތިކަން ގެނައުމަށް ހިންގޭ ޖަރީމާއެއް ކަމަށެވެ. އިސްލާހުގެ އިސްލާހުތަކާއެކު އަލީ ޒާހިރު ކުރެއްވި ޓްވީޓްގައި ވަނީ އެ އިސްލާހުތައް ގެނައުމުގެ މަގުސަދާމެދު ސުވާލު އުފައްދަވާފަ އެވެ.

ޖަމިއްޔަތުއް ސަލަފުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ ޝައިހް އަބްދުﷲ ބިން ޖަނާބު ވެސް ވަނީ ހިސާންގެ އިސްލާހާމެދު ސުވާލު އުފައްދަވާފަ އެވެ. އަބްދުﷲ ވިދާޅުވީ އިސްލާމްދީނުގެ އަސާސްތައް ނައްތާލުމަށް ފާޅުގައި މަސައްކަތް ކުރަމުންދާ "އެމްޑީއެން" ގެ ލާދީނީ ފަރާތްތަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެފަދަ ފަރާތްތަކުން މީސްތަކުން ހޭލުންތެރި ކުރުވުމަށް ހުރި މަގުތައް މި ގައުމުގައި ބަންދު ކުރުމަށް ގާނޫނު ހެދުމަކީ ބޮޑު ޖަރީމާއެއް ކަމަށެވެ.

"ޝައްކެއްނެތް! މިއީ 'ލާދީނިއްޔަތު' ހިމާޔަތްކޮށް ދީނިއްޔަތު ސުންނާފަތި ކުރަން ބައްޓަންކޮށްފައިވާ ގާނޫނެއް. ދީނީ ހޭލުންތެރިކަން އަލުން 80-90 ގެ އަހަރުތަކުގައި އޮތް ހިސާބައް ދިވެހިރާއްޖެ ފަހަށްޖެއްސުމުގެ މަންތިރިއެއް،" އަބްދުﷲ ވިދާޅުވި އެވެ.

ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވީ ވައްކަން ކުރުމާއި މީހުން މެދުމާއި ދީނަށް ފުރައްސާރަ ކުރުމާއި އެއީ މުޅީން ވެސް ބޮޑެތި ޖަރީމާތައް ކަމަށެވެ.

"ވަގަކަށް ކިޔާނީ ވަގެކޭ. މީހުން މަރާ މީހަކަށް ކިޔާނީ ގާތިލެކޭ. އިސްލާމް ދީނުގެ ސާބިތު ހުކުމަކާއި ހިލާފަށް ވާހަކަ ދައްކާ މީހުންނަށް ލާދީނީ އޭ. މިއީކީ ހޭޓް ސްޕީޗެއް ނޫން. ނުހުއްޓުވޭނެ،" ޒައިދުގެ ޓްވީޓްގައި ވިދާޅުވި އެވެ.

ޑރ. މުހައްމަދު އިޔާޒު ވިދާޅުވީ ބިރު ދެއްކިޔަސް އަދި ޖަލަށް ލިޔަސް ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ. އިސްލާމްދީނަށް ފުރައްސާރަ ކުރާ ލާދީނީ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުންނަށްވުރެ ސަތޭކަ ގުނަ ނުރައްކާ ބައެއް ކަމަށެވެ.

ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ އެންމެ ބޮޑު ކުށަކީ އަދި އެންމެ ބޮޑު ކުށަކަށް ހަދަން ޖެހެނީ އިސްލާމްދީނަށް ފުރައްސާރަ ކުރުން ކަމަށެވެ. ހިސާންގެ އިސްލާހުން ލާދީނީ ފިކުރު އާލާވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ހައްގުތައް ފޮތިފޮތި ކުރަން ފެންބޮވައިގެންފައި ވާވަރު މި ފެންނަނީ. ނަން ކިޔާ ގޮތުން ވެސް ކުށަކަށް. މިއީ އެތައް ގޮތަކުން ހަމަ ނުޖެހޭ / ނުރައްކާތެރި އިސްލާހެއް،" ކުރިން ޖަސްޓިސް މިނިސްޓަރު ކަމާއި އިސްގާޒީކަން ކުރެއްވި ޖަމީލް ވިދާޅުވި އެވެ.