ދީނީ ޖަމްއިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ހިލާފު އަމަލުތައް ނުފެނުނު ކަމަށް ވިދާޅުވެ އެ މެންބަރުންގެ އަސްލު އެޖެންޑާ ބޭޒާރު ވެފައިވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް މިހެން ވިދާޅުވީ ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ހިނގަމުންދާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވުމާއި ގުޅިގެންނެވެ. އަދި ސަލަފް ޖަމިއްޔާ އުވާލުމަށް މަޖިލީހުގެ ބައެއް މެންބަރުން އިއްޔެ ގޮވާލެއްވުމާއި ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ ދީނީ ޖަމްއިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ޚިލާފު އަމަލުތައް ނުފެނުނު ކަމަށެވެ. އަދި ފަޔަށް ހިނި އަރައިގެން އުޅޭހެން ދީނީ ޖަމިއްޔާތަކަށް ބިރު ދައްކަނީ ވަކި ބަޔަކު ރުއްސަން ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
"ދީނީ ޖަމްއިއްޔާތައް އުވާލަން ގޮވާލި މެންބަރުންނަށް އެމްޑީއެންގެ ދީނާ ޚިލާފު އަމަލުތައް ނުފެނުނު. އަސްލު އެޖެންޑާ ބޭޒާރު ވެއްޖެ. ފަޔަށް ހިނި އަރައިގެން އުޅޭހެން ދީނީ ޖަމިއްޔާތަކަށް ބިރު ދައްކަނީ ވަކި ބަޔަކު ރުއްސަން. ތިޔަ އެޖެންޑާގެ ހަގީގަތް މިދަނީ ރައްޔިތުންނަށް ހާމަވަމުން." ޖަމީލް ވިދާޅުވިއެވެ.
އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ދިފާއުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އަދި ޖަމިއްޔާތައް އުވާލުމަށް ހިތްވަރު ނުދޭ ކަމަށް ބުނެ އެމްޑީއެންގެ ރިޕޯޓް އެންމެ ހޫނުވި ދުވަސްވަރު އެމްޑީޕީން ވަނީ ބަޔާނެއް ނެރެފަ އެވެ.
ނަމަވެސް އެމްޑީޕީގެ ބައެއް މެންބަރުން އިއްޔެ ވަނީ ދީނީ ޖަމިއްޔާއެއް ކަމަށްވާ ސަލަފް އުވާލަން ގޮވާލާފައެވެ. އަދި އެއީ ޓެރަރިޒަމަށް ވާގިވެރިވާ ޖަމިއްޔާއެއް ކަމަށް ތުހުމަތުކޮށްފައިވެއެވެ. ސަލަފުން ވަނީ އެކަން ދޮގުކޮށްފަ އެވެ.