އިސްލާމް ދީނުގެ ހުކުމްތައް ބަޔާން ކޮށްދެއްވަން ރާއްޖޭގައި ހުއްދަ ދެއްވާފައިވާ ބައެއް ދީނީ އިލްމުވެރިން "ޖިންސީ އިރުޝާދު" ދެއްވާ ކަަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޮޑު ތުހުމަތެއް ކުރައްވައިފި އެވެ.
ރައީސް ނަޝީދަކީ އިސްލާމް ދީނާއި ދީނީ އިލްމުވެރިންނާ ބެހޭ ގޮތުން އަބަދުވެސް ތަފާތު ވާހަކަތައް ދައްކަވާ ސަމާލުކަން ހޯއްދަވާ ބޭފުޅެކެވެ.
ދީނީ އިލްމުވެރިން ޖިންސީ އިރުޝާދު ދެއްވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވީ މިއުޒިކްގެ ފަންނު އިތުރަށް ތަރައްގީކޮށް ޒުވާނުން މިއުޒިކް އަޑުއަހާލައި ރައްޓެހިންނާ ބައްދަލުކޮށް ސަމާސާ ކޮށްލާ ހަދާނެ މަރުކަޒެއް ގާއިމްކުރުމާ ގުޅޭގޮތުން އިއްުޔެ މަޖިލީހުގައި ކުރިއަށް ދިޔަ ހޫނު ބަހުސު އަލުން ހުޅުވައި ލެއްވުމުގެ ކުރީން އިސްލާމިކް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނަށް މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އިއްުޔެ މަޖިލީހުގައި އޮތް ބަހުސަށް ފަހު އިސްލާމިކް މިނިސްޓްރީން ބަޔާނެއް ނެރެ ބުނެފައި ވަނީ ދީނުގެ ހުކުމްތައް ބަޔާން ކުުރުމަކީ ދީނުގެ އިލްމު އުނގެނިގެން ތިބި ވައުޒު ބުނުމުގައި ހުއްދަ ލިބިފައިވާ ބޭފުޅުންގެ ޒިންމާއެއް ކަމަށެވެ.
މިނިސްޓްރީގެ އެ ބަޔާނާ މެދު ހިތްޕުޅު ހަމަޖެހި ވަޑައި ނުގެން ރައީސް ނަޝީދު ވަނީ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި މިނިސްޓްރީން ފާހަގަކުރާ ދީނުގެ ހުކުމްތައް ބަޔާންކުރަން ހުއްދަ ދީފައި ތިބި ބައެއް އިލްމުވެރިންނަކީ ދިވެހިން ބަލައިގަންނަ ބައެއްތޯ ސުވާލު ކުރައްވާފަ އެވެ.
"އަޅުގަނޑު އިއްޔެ މަޖިލީހުގައި ބަހުސް އަޑުއަހަމުން ދިޔައިރު އިއްޒަތްތެރި މެމްބަރުން ފާހަގަ ކުރެއްވި ވައުޒު ވިދާޅުވުމުގެ ހުއްދަ ލިބިވަޑައިގެން ތިއްބެވި ބައެއް ބޭފުޅުން ދެއްވާ އިރުޝާދަކީ ޖިންސީ ގުޅުމުގެ އިރުޝާދޭ! އެެހެންވީމާ އެ ބޭފުޅުންގެ އެ އިރުޝާދުތައް އެއީ ކޮން މިންވަރަަކަށްތޯ ރައްޔިތުން ބަލައިގަންނާނީ! އެއީ އަޅުގަނޑުމެންނަށް އުނދަގޫވެފައި އޮތް ކަމެއްގެ ގޮތުގައި މި މަޖިލީހުގައި އިއްޔެ ބަހުސް ހިނގަމުންދިޔައިރު ފާހަގަކުރީ!" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިސްލާމް ދީނުގައި މިއުޒިކްގެ ހުކުމާ ގުޅޭގޮތުން އިއްޔެ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ދީނާ ހިލާފު އެއްވެސް ވާހަކައެއް ދެއްކި ކަމަށް ވެސް ރައީސް ނަޝީދު ވަނީ އިންކާރު ކުރައްވާފަ އެވެ. ދީނާ ހިލާފު ވާހަކައެއްް މަޖިލީހުގައި ނުވެސް ދެއްކޭނެ ކަމަށް ވެސް އަމަނިކުފާނު ވިދާޅުވި އެވެ.