ރައީސް މުހައްމަދު ނަޝީދު

ނަމާދު ވަގުތާ ގުޅޭގޮތުން ނަޝީދު ދެއްކެވި ވާހަކަތަކުން ހޫނު ފެނަށް

ނަމާދު ކުރުމުގައި އޮންނަ ގޮތަކީ އެ ވަގުތަކު ކުރާ ކަމެއްކޮށް ނިންމާފައި ނަމާދަށް ދިއުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.

ދީނީ އެކި ކަންކަމާއި ގުޅޭގޮތުން ނަޝީދު ދައްކަވާ ވާހަކަތަކަށް އަބަދުވެސް ފާޑުކިޔުން އަމާޒު ވެއެވެ. ބައެއް ފަހަރު އެކި މައްސަލަތަކުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ ދީނުގައި ކަން އޮންނަ ގޮތާއި ހިލާފަށް ކަމުން އިލްމުވެރިންނާއި އާންމުން ވެސް ފާޑުކިޔަ އެވެ. އަދި އެމަނިކުފާނު ތަކުރާރުކޮށް އެފަދަ ކަންކަން ކުރައްވާތީ އެމަނިކުފާނަކީ އިސްލާމްދީނުގެ އުސޫލުތަކާއި ވަރަށް ބީރައްޓެހި ބޭފުޅެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަވެފައި ވެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ މަޣުރިބު ނަމާދު ވަގުތަށް ވެސް މެދުކަނޑާލާފައި ނުވާތީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. ސައީދުގެ އެ ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ނަމާދުގައި އޮންނަ ގޮތަކީ އެ ކުރާ ކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން ކަމަށެވެ. އަދި އެމަނިކުފާނަށް އަބަދު ވެސް އެނގިފައި އޮންނަ ގޮތަކީ އެއީ ކަމަށް ވިދާޅުވެ ދީނުގައި ކަން އޮންނަ ގޮތާއި ހިލާފަށް ވާހަކަ ދެއްކެވި އެވެ.

"މަޣުރިބު ނަމާދަށް ހަމަ ދެންމެއަކު އެ ގޮވީ. މާވަށު ދާއިރާގެ އިއްޒަތްތެރި މެންބަރަށް ދަންނަވާލަން ބޭނުން ނަމާދުގައި އޮންނަ ގޮތަކީ އެ ކުރާކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން. އެގޮތައް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެނގިފައި އޮންނަނީ." ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމާދުގައި އޮންނަ ގޮތަކީ އެކުރާކަމެއް އަވަހަށްކޮށް ނިންމާފައި ނަމާދަށް ދިއުން. އެގޮތައް އަޅުގަނޑުމެންނަށް މިކަމުގައި އަބަދުވެސް އެނގިފައި އޮންނަނީ
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދުގެ އެ ވާހަކަތަކާއި ގުޅިގެން ބައެއް އިލްމުވެރިންނާއި އާންމުން ވެސް ގެންދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ދީނީ އިލްމުވެރިޔާ ޝައިހް ޝަފީއު އަބްދުﷲ ވިދާޅުވީ އެންމެ ފުރަތަމަ ކަމަކީ ނަމާދު ކަމަށެވެ. އަދި ކަންކަން ތަރުތީބުވާން ޖެހޭނީ ނަމާދަށް އިސްކަން ދީގެން ކަމަށެވެ.

"ހަނގުރާމަ މަތީގައި ވެސް ނަމާދު ވަގުތު ފާއިތުވަންދެން ފަސްކުރުން ހުއްދަވެގެނެއް ނުވެ. ހުރިހާ ކަމެއް ކޮށްފައި، ދެން ވަގުތެއް ވެއްޖެނަމަ، ނަމާދު ކުރުމަކީ ނަމާދު ގާއިމު ކުރުމެއް ނޫން. އެންމެ ފުރަތަމަ ކަމަކީ ނަމާދު. ކަންކަން ތަރުތީބުވާން ޖެހޭނީ ނަމާދަށް އިސްކަން ދެވިގެން،" ޝަފީއު ވިދާޅުވި އެވެ.

މަސައްކަތް ހުއްޓާލުމަށް ފަހު މަސައްކަތުގެެ މާހައުލުގައި ނަމާދު ކުރާ މަންޒަރު ފެންނަ ފޮޓޯތަކާއެކުވެސް ބައެއް މީހުން ވަނީ ނަޝީދުގެ ވާހަކަތަކަށް ފާޑުވިދާޅުވެފަ އެވެ.

ނަމާދަކީ އިސްލާމްދީނުގެ ތަނބެވެ. ނަމާދަކީ ވަގުތު ކަނޑައެޅިފައިވާ ފަރުލެކެވެ. އެކަން ކީރިތި ގުރުއާނާ ރަސޫލާގެ ސުންނަތުން ސާތިބުވެ އެވެ. ބައެއް މީހުން ވަނީ މިހާ ސާފު މައްސަލައެއްގައި ރައީސް ނަޝީދު މި މޭރުމުން ވާހަކަ ދެއްކުމުން އެކަން ކުށްވެރި ކުރާ ކަމަށް ބުނެފަ އެވެ.

"ނަމާދުވެސް މިއީ ވަރަށް އާދައިގެ ކަމަކަށް އެ ހެއްދެވީ. އެއީ ކުރަން ހުރި ކަންކަން ނިންމުމަށް ފަހު އޮންނަ ކަމަކަށް މި ހެދީ،" އާންމުންގެ މީހަކު ލިޔެފައިވެއެވެ.

މަޖިލީހުގެ މެންބަރަކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބަންގި ވަގުތަށް ހުއްޓާ ނުލުމާއި މަޣުރިބާއި އިޝާ ވަގުތު ކުރިއަށް ގެންދިއުމަކީ ރިޔާސަތުން ގަސްތުގައި ކުރާ ކަމެއް ކަމަށެވެ.

"އިންޑިއާގެ ބޮޑު ވަޒީރު މޯދީ ބައިވެރިވެ ވަޑައިގެންނެވި ޖަލްސާ ވެސް އެ ވަގުތު ބޭއްވީ އަޅުގަނޑުމެން އެހެން ވަގުތަކު އެކަން ކުރުމަށް އާދޭސް ކޮށްފައި ވަނިކޮށް. އަޅުގަނޑު ދެކެނީ މިއީ އެމަނިކުފާނު [ނަޝީދު] ގަސްތުގައި ކުރައްވާ ކަމެކޭ،" މަޖިލީހުގެ އިދިކޮޅު މެންބަރަކު ވިދާޅުވިއެވެ.