ސަލަފް ޖަމިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރީ ރައީސް ނަޝީދުގެ ވެރިކަމުގައި ކަމަށް ވިދާޅުވެ އެމަނިކުފާނު ހެއްދެވީ އިތުރުފުޅެއްކަން ހާމަވެއްޖެ އެވެ.
ޓެރަރިޒަމްގެ ހަރަކާތްތަކަށް ސަލަފު ޖަމިއްޔާ ވާގިދޭ ކަމަށް ބުނެ އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގެ މަޝްވަރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ކުރިއަށް ހިނގަމުންދާ ކަމަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އަދި ރައީސް ނަޝީދު ވިދާާޅުވީ އިސްލާމިކް މިނިސްޓްރީއެއް ފުރަތަމަ އުފެއްދީ އެމަނިކުފާނުގެ ވެރިކަމުގައި ކަމަށާއި ސަލަފު ޖަމިއްޔާ ފުރަތަމަ ރަޖިސްޓްރީ ކުރީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށެވެ. އެކަމަކު ކުރީގެ ރައީސުން ހިމެނޭ ގޮތަށް ގިނަ ސިޔާސީ ލީޑަރުން އެމަނިކުފާނަށް ލަފާ ދެއްވީ އެ ކަން ނުކުރެއްވުމަށް ކަމަށެވެ.
އެހެންވިޔަސް އެމަނިކުފާނު ދެކެވަޑައިގަތީ ސަލަފް ޖަމާއަތް އެ ދުވަހު ރަޖިސްޓްރީ ކޮށް ނުދިންނަމަ، "އަންޑަގްރައުންޑްގައި" އެ ޖަމާއަތުގެ ހަރަކާތްތައް ފަށައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއަދުގެ ވެސް އެމަނިކުފާނު ދެކެވަޑައިގަންނަވަނީ އެ ޖަމާއަތް ހުއްޓުވައިފިނަމަ "އަނޑިއަށް" ދާނެ ކަމަށެވެ.
ސަލަފް ޖަމިއްޔާ ރަޖިސްޓްރީ ކޮށްފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ސަލަފް ރަޖިސްޓަރީ ކޮށްދީފައި ވަނީ މާޗް 12، 2006 ގައެވެ. ނަޝީދު ވެރިކަމަށް ވަޑައިގެންފައިވަނީ އޭގެ ދެ އަހަރު ދުވަހަށްވުރެ ވެސް ފަހުންނެވެ.
ސަލަފް ރަޖިސްޓަރީކުރިއިރު ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަކަށް ހުންނެވީ ކެޔޮދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ މޫސާ ނިޒާރު އިބްރާހިމެވެ.