ޑރ. މުހައްމަދު އިޔާޒް

ބާރު އޮތީމަ ބޭނުން ކަމެއް ކުރެވިދާނެ: އިޔާޒު

ބާރެއް ލިބިފައި ވުމުން ބޭނުން ކަމެއް ކުރެވިދާނެ ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު، އޭނާ ގައުމީ ޔުނިވާސިޓީގައި އަދާކުރައްވަމުން ދިޔަ މަގާމުން ވަކި ކުރެއްވުމާއި ގުޅިގެން ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިިފި އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން އިޔާޒު ވިދާޅުވީ ބާރެއް އޮތުމުން ބޭނުން ކުރެވިދާނެ ކަމަށާ ނަމަވެސް އޭނާގެ ސާބިތު ކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާތް ﷲގެ އިރާދަފުޅުން އެކަލާންގެ މި އަޅާއަށް ނިކަމެތި ގޮތެއް މިންވަރު ނުކުރައްވާނެ،" އިޔާޒު ވިދާޅުވިއެވެ.

މީގެ ކުރިން މިއަހަރުގެ މާޗް މަހު 14 ދުވަހަށް އިޔާޒު މަގާމުން ސަސްޕެންޑް ވެސް ކުރި އެވެ. އޭރު ސަސްޕެންޑް ކުރީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓްތަކަކާ ގުޅިގެންނެވެ.

އެ ފަހަރު އިޔާޒުގެ ސަސްޕެންޝަން އުވާލީ އެފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ވަޒީފާއިން ވަކި ކުރާނެ ކަމުގެ ފަހުގެ އިންޒާރު ދިނުމަށްފަހު އެވެ.

އިޔާޒު މިއަދު ވަޒީފާއިން ވަކިކޮށްފައި ވަނީ އަންހެނުން ހިތާނު ކުރުމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓަކާއި ގުޅިގެންނެވެ. ނަަމަވެސް އެ ޕޯސްޓް ކުރެވި ސަބަބު އިޔާޒު ވަނީ ސާފުކޮށްދެއްވާފައެވެ. ވިދާޅުވީ އަންހެނުން ހިތާނު ކުރުމަކީ އޭނާ ހިތްވަރު ދެއްވާ ކަމެއްކަމުގައި ނޫން ކަމަށެވެ. އަދި އެކަން ޕްރޮމޯޓް ވެސް ނުކުރައްވާ ކަމަށެވެ.

އަދި ވިދާޅުވީ އޭނާ ޓުވީޓެއް ކުރެއްވީ އާންމުންގެ މީހަކު ކުރި ސުވާލަކާ ގުޅިގެން އަންހެނުން ހިތާނު ކުރުން އިސްލާމް ދީނުގައި އޮންނަނީ ކިހިނެތްކަން އަންގައި ދޭން ކަމަށެވެ.

އިޔާޒް ވިދާޅުވީ އިސްލާމް ދީނުގައި ހިތާނު ކުރުން ވާޖިބީ ހަމަ އެކަނި ފިރިހެން ކުދިން ކަމަށެވެ. އަދި އަންހެން ކުދިން ހިތާނު ކުރުން ވާޖިބެއް ނޫން ކަމަށެވެ. ނަމަވެސް ކުރީ ޒަމާނުގައި އަންހެން ކުދިން ހިތާނު ކުރާ ކަމަށް އިލްމީ ދިރާސަތުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން އިޔާޒު ވަނީ މައާފަށް އެދިވަޑައިގެން ބަޔާނެއްވެސް ނެރުއްވާފައެވެ. އަންހެނުން ހިތާނު ކުރުމަކީ އޭނާ ވަކާލާތުކުރެއްވި އަދި ވަކާލާތުކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖެއިން ނެތިގޮސްފައިވާ އާދައެއް ކަމުގައި ބެލެވޭއިރު، އެ އާދަ އަނބުރާ އިއާދަ ކުރަން ވެސް ވަކާލާތު ނުކުރައްވާ ކަމަށް އެ ބަޔާނުގައި އޭނާ ވިދާޅުވެފައި ވެއެވެ.

އެ މައްސަލައިގައި ޓްވީޓެއް ކުރެއްވީ އިސްލާމީ ޝަރީއަޢަތުގައި އެއްވެސް މިންވަރަކަށް ނެތް މައްސަލައެއްގެ ގޮތުގައި އާންމުންނަށް ވިސްނޭ ގޮތަށް ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، ކަމަށާއި އެ މައްސަލައަކީ އިސްލާމީ އިލްމުވެރިންގެ މެދުގައި ހިލާފު އޮތް ފަރުއީ މައްސަލައެއް ކަމަށެވެ.