ޔޯގާގެ މައްސަލާގައި އިލްމުވެރިން އިހްލާސްތެރި ކަމާއިއެކު ދައްކަމުން ގެންދެވި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިވިވަޑައި ނުގެންނެވި ކަމަށާ އެކަމުގެ ނަތީޖާ ވަރަށް ހިތި ކަމަށް ރައީސް ސޯލިހުގެ ދިފާއުގައި އެންމެ ބޮޑަށް ވަކާލާތު ކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވިދާޅުވެއްޖެ އެވެ.
އިޔާޒް، ފާހަގަ ކުރެވިފައިވަނީ ސަރުކާރަށް އަމާޒުވާ ކޮންމެ ފާޑުކިޔުމެއްގެ ދިފާއުގައި ނިކުންނަވާ ސަރުކާރަށް ޝަނާ ކިޔުއްވާ އިލްމުވެރިއެއްގެ ގޮތުގައެވެ. އިޔާޒުގެ މިފަދަ އަމަލުތަކުގެ ސަބަބުން އޭނާއަށް މުޖްތަމައުގައި އޮތް ގަދަރާއި އިހުތިރާމު ވަނީ ވަރަށް ބޮޑަށް ގެއްލިފައެވެ.
ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަ ކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އޮތް ހަރަކާތާ ދެކޮޅަށް ނިކުތް ޒުވާނުންގެ ބަޔަކު ވަނީ ދަނޑަށް ވަދެގަނެ ހަމަނުޖެހުން ހިންގާފައެވެ. އެކަމާއި ގުޅިގެން ގައުމުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ. އެ ހަރަކާތް އިއްޔެ ބޭއްވީ ޔޯގާއަކީ އިންޑިއާ މީހުން އަޅުކަމެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށާ އެއީ ދިވެހީންގެ ދީނީ އަގީދާއާ ފުށުއަރާ ޝިރުކުގެ އަމަލެއް ކަމަށް އިލްމުވެރިން ވިދާޅުވަމުން ގެންދަވަނިކޮށެވެ.
އެ ހަރަކާތް ބޭއްވުމަށް ފުރުސަތު ދިނުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އިޔާޒް ވިދާޅުވީ ޔޯގާގެ މައްސަލާގައި އިލްމުވެރިން އިހްލާސްތެރި ކަމާއިއެކު ދައްކަމުން ގެންދެވި ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް އިވިވަޑައި ނުގެންނެވި ކަމަށާ އެކަމުގެ ނަތީޖާ ވަރަށް ހިތި ކަމަށެވެ. ނަމަވެސް އެ ވާހަކަ ވިދާޅުވި ޓްވީޓްގައިވެސް އޭނާ ވަނީ ރައީސް ސޯލިހަށް ތައުރީފު ކުރައްވާފައެވެ. ވިދާޅުވީ ރައީސް ސޯލިހަކީ މަޝްވަރާ އަށް ލޯބިކުރައްވާ އަދި ކަމުގެ ތަޖްރިބާހުރި ބޭފުޅުންގެ ނަސޭހަތް އަޑުއައްސަވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ޔޯގާގެ މައްސަލާގައި ދެއްވި ނަސޭހަތް ގަބޫލު ނުކުރެއްވި ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް މީހަކު ދެކެން ބޭނުންނުވާ އަދި އަޑުއަހަން ފަސޭހަނޫން އެތައްކަމެއް ހިނގައި ނިމިއްޖެ. އުއްމީދަކީ ކުރިމަގު ގައިވެސް ދީނީ އިލްމުވެރިން ދެއްވާ އިރުޝާދުގެ ބޭނުން ފުރިހަމަ ގޮތުގައި ހިއްޕެވުން. އިލްމުވެރިން ލަފާ އަރުވަނީ ދުނިޔަވީ މަންފާއެއް ބޭނުން ވެގެންނެއް ނޫން،" މި ސަރުކާރުގެ ދިފާއަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އަދާލަތު ޕާޓީއަށް ނިސްބަތްވާ އިޔާޒް ވިދާޅުވިއެވެ.
ހައްގު ބަޔާން ކޮށްދެއްވުމުގައިވެސް ވަކި ބަޔަކު ހިމާޔަތްކޮށް ވާހަކަ ދައްކަވާތީ އެތައް ބައެއްގެ ފާޑުކިޔުން މިފަހަރުވެސް އިޔާޒަށް އަމާޒުވިއެވެ. އިޔާޒުގެ ވާހަކަތަކާއި އަމަލުތައް ހުންނަ ގޮތުން ރާއްޖޭގެ ގިނަ ދީނީ އިލްމުވެރީންވެސް ކަންބޮޑުވުން ފާޅު ކުރައްވައެވެ. އިޔާޒުގެ ސަބަބުން އިލްމުވެރީންނަށް އޮތް އިތުބާރާއި ގަދަރަށް އުނިކަން ލިބޭ ކަމަށް އެފަދަ ބޭފުޅުން ދެކެލައްވައެވެ.