ފުވައްމުލައް

ފުވައްމުލަކަށް ތާރީހީ ހާއްސަ ހުކުރެއް

ފުވައްމުލައް ސިޓީގެ ހަ މިސްކިތެއްގައި މިއަދުގެ ހުކުރު ނަމާދު އިމާމުވެ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިސްވެރިންނާއި ރާއްޖޭގެ މަޝްހޫރު ބައެއް ދިނީ އިލްމުވެރިން ކުރައްވައިފި އެވެ. މިއީ އެ ރަށުގެ ތާރީހުގައި އަދި ރާއްޖޭގެ ރަށެއްގައިވެސް އިސްލާމިކް މިނިސްޓްރީގެ އިސްވެރީންނާއި މަޝްހޫރު ދީނީ އިލްމުވެރި އިމާމުވެ މިފަދަ ގޮތަކަށް ހުކުރު ކުރެއްވި ފުރަތަމަ ފަހަރެވެ.

ފުވައްމުލަކުގެ ހަ މިސްކިތުގައި އިމާމުވެ ހުކުރު ނަމާދު ކުރެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއާޒް މުހައްމަދު އަނީލް އާއި ދީނީ އިލްމުވެރިން ކަމަށްވާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް އާއި އައްޝައިހް ހަސަން ލަތީފްގެ އިތުރުން އައްޝައިހް އަޒްމަތު ޖަމީލް އަދި މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޡަމްގެ އިމާމް އައްޝައިހް ނަސްރުﷲ އަލީ އެވެ.

މި ބޭފުޅުން ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވީ އެ ސިޓީގައި އިމާމުންނާއި ހަތީބުންނަށް ހާއްސަކޮށްގެން ފެށި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެޑައިގަތުމަށެވެ.

މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އިމާމުވެ ހުކުރު ކުރެއްވީ މަސްޖިދު އުއްމުލްގުރާގައެވެ. މުހައްމަދު އަނީލް އިމާމުވެ ހުކުރު ކުރެއްވީ މަސްޖިދުލް އިނާރާގައެވެ. ޑރ. މުހައްމަދު އިޔާޒް، ހުކުރު މިސްކިތުގައި އިމާމުވެ ހުކުރު ކުރެއްވިއިރު ޝައިހް ހަސަން ލަތީފް ހުކުރު ކުރެއްވީ މަސްޖިދުލް ހިދާޔާގައެވެ. އައްޝައިހް އަޒްމަތު ޖަމީލް، މަސްޖިދުލް ތައުބާގައި އިމާމުވެ ހުކުރު ކުރެއްވިއިރު ޝައިހް ނަސްރުﷲ އަލީ އިމާމުގެ ހުކުރު ކުރެއްވީ މަސްޖިދުލް އައްވާބްގައެވެ.

މި ހަފްތާގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ ކީރިތިރަސޫލާ މުހައްމަދު ﷺ ދެކެ ލޯބިވުމުގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާ މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ވާ ކަމަށެވެ. އަދި އެފަދަ އިން ފުރައްސާރަކުރި ފުރައްސާރަވެރީން ނިކަމެތި ކުރައްވާ މާތްﷲ އެ ބޭކަލުންނަށް ނަސްރު ދެއްވި ކަމަށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަން ޖެހޭ ކަމަށްވެސް ހުުތުބާގައި ބުނެފައިވެއެވެ.

ނަބިއްޔާގެ ހަޔާތްޕުޅުގައި އެކަލޭގެގާނުގެ ސަހާބީން ޖާނާއި މާލުން އެކަލޭގެފާނު ދިފާއު ކުރެއްވެވި ކަމަށާ އުހުދު ހަނގުރާމައިގެ ދުވަހު ﷲ ރުއްސުންލެއްވި ތަލްހަތު ބުނި އުބައިދުﷲ އެކަލޭގެފާނުގެ ހަށިކޮޅުގެ އެތަންމިތަނަށް މުޝްރިކުންގެ ތީރުތައް އަމާޒުވެ އަތްޕުޅުން ވާގިދޫވެ ކަނދުރާފުޅަށް ތީރެއް އަމާޒުވެ ޝަހީދުވެވަޑައިގަންނަވަންދެން ހިތްވަރާއެކު ދެމި ހުންނެވި ކަމަށެވެ.

މިއަދުގެ ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވެން އޮތް މަގު ކަމަށެވެ.