ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި އެ ބޭފުޅުންގެ ޝަރުއީ ޒިންމާ އަދާ ކުރަން ހުރަސް އަޅަން އިންތިޒާމު ކުރާ ހަރަކާތްތައް ހުއްޓާލަން ރައްޔިތުންގެ އިއްތިހާދުން ގޮވާލައިފި އެވެ
ރަށްޔިތުންގެ އިއްތިހާދުން އެކަމަށް ގޮވާލީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. އޭގައި ބުނެފައި ވަނީ މަކަރުވެރި ކަމާއި ހީލަންތުން ސެކިއުލަރިޒަމަށް މަގުފަހިވާ ގޮތަށް ނަފުރަތުގެ އަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި ބިލެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ އިއްތިހާދުން އިޝާރާތް ކުރާ "ހިސާން ބިލާ" މެދު އާއްމު އެތައްހާސް މީހުނާއި ޖަމިއްޔާ، ޖަމާއަށްތަކުން ކަންބޮޑުވުން ދަނީ ފާޅުކުރުން ނެވެ.
އެ ބަޔާނުގައި ބުނަނީ ގައުމު މިފަދަ ހާލަތެއްގައި އޮތް އިރު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދުސްތޫރީ މާނަ އާއި އޭގެ އެކިއެކި މާއްދާތަކާ ހިލާފަށް، އިސްލާމިކް މިނިސްޓްރީގެ ބަހެއް ވެސް ނެތި ބައެއް މުއައްސަސާތަކުން އިސްވެ، ރާއްޖޭގެ ދީނީ އިލްމުވެރިން ސޯޝަލް މީޑިއާގައި ދައްކާ ވާހަތަކާ ގުޅުވައިގެން ފިޔަވަޅު އަޅަން ގޮވާ ކަމަށެވެ.
އަދި ބައެއް މުއައްސަސާތަކުން ސުވާލު ކޮށް ބިރު ދެއްކުމުގެ މާނަގައި ހިންގާ އެންމެހާ އަމަލުތަކެއް، ވަގުތުން ހުއްޓާލަން އިލްތިމާސް ކުރާ ކަމަށް ރަށްޔިތުންގެ އިއްތިހާދުގެ ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ފަދައިން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ގޮތަށް ފާޅުކުރާ ހިޔާލުތައް ނުހުއްޓުވޭނެ ކަމަށެވެ. އެކަން ހުއްޓުވައި އިލްވުމެރިންނަށް ބިރު ދެއްކުމަކީ މީގެ ކުރިން ވެސް މުޖުތަމައުގައި ފަސާދައާއި ނަފުރަތު އުފެދި ދިވެހި ރައްޔިތުންނަށް ނުތަނަވަސްކަން ގެނުވި ކަންކަން ކަމަށާއި އެފަދަ ހާލަތަކަށް ރާއްޖެ ނުގެންދަން ގޮވާލާ ކަމަށެވެ.
ހިސާން ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.
ހިސާން ބިލާ ދެކޮޅަށް 100 އަށްވުރެ ގިނަ ކައުންސިލުން ބަޔާން ނެރެފައިވާއިރު 101 އިލްމުވެރިއަކު ސޮއިކޮށް ރައީސް ސޯލިހަށް ވަނީ ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ.
ހިސާނު ބިލުގައި ދީނާ ދެކޮޅު ނަފްރަތުގެ އަމަލުތައް ހިމަނައި ދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދުނު އެދުމާއި އެއްގޮތަށް އެކަންކަން ހިމަނަން މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ މެންބަރުންނަށް ވަނީ ސަރުކާރުން އަންގާފަ އެވެ.