އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓްގެ ތަހުގީގަށް ދިނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރުމުގެ އިތުރުން އެފަދަ ދިރާސާއެއް އިސްލާމިކް މިނިސްޓްރީން ހުށަހެޅުމަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފައި ވާތީ، އެކަމަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލްގެ ފާޑުކިޔުން އަމާޒުކޮށްފި އެވެ.
އެމްޑީއެންގެ މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ބުނެފައިވާ ފުލުހުން ރޭ ނެރުނު ދެ ސަފުހާގެ ބަޔާނެއްގައި ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓްގައި ހުރި އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމްދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަހުގީގު ބޭނުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެގޮތުން ދީނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ވަކިވަކިން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއްކޮށް އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ހިލާފު ވާހަކަތަކާއި އިސްލާމްދީނަށް މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކުގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.
އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށައެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.
މިވަގުތު ރާއްޖޭން ބޭރުގައިހުރި ޝަހިންދާ ކުރި ޓްވީޓެއްގައި ބުނީ ދީނަށް ފުރައްސާރަ ކުރި ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނިކޮށް ފުލުހުންގެ ތަހުގީގަށް އެ މިނިސްޓްރީން އެ ރިޕޯޓް ދިރާސާކުރުމަކީ ދެކޮޅުޖެހޭކަމެއް ނޫން ކަމަށެވެ.
"[ރާއްޖެ] ކިހާ ފަހަތަކަށްތޯ ގެންދަން ބޭނުންވަނީ؟ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޒަމާނައްތޯ؟ އެހެންވީއިރު އެމަނިކުފާނުގެ ލަފާވެސް ހޯދަންވީ ނޫންތޯ؟" ފުލުހުންނަށް އިޝާރާތްކޮށް ޝަހިންދާ ބުނެފައިވެ އެވެ.
އެމްޑީއެންނާމެދު ފިޔަވަޅު އެޅުމަށް ދީނީ އިލްމުވެރިންގެ އިތުރުން ރަށްރަށުގައި ވެސް އަޑުގަދަވަމުން އަންނައިރު، އެކަން ލަސްވާތީ ފުލުހުންގެ އިތުރުން ސަރުކާރަށް ވެސް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީއެންގެ ބަޔަކަށް ޗިޓް ފޮނުވާފައިވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ. އެގޮތުން، އެމްޑީއެން އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމް ހާޒިރުވާން އަންގައި ފުލުހުން ވަނީ އިއުލާނެއް ނެރެފަ އެވެ.
އަޒްރާގެ އިތުރުން މިވަގުތު ޖަރުމަނުގައި ހުރި ޝަހިންދާ ހާޒިރުކުރުމަށް ފުލުހުން މަސައްކަތްކުރަމުންދާކަމަށް އޭނާ މީގެ ކުރިން ވަނީ ބުނެފަ އެވެ.