ޝަހިންދާ އިސްމާއީލް

ފުލުހުންގެ ތަހުގީގަށް ޝަހިންދާ ހާޒިރު ކުރަނީ

Oct 19, 2019
5

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ހާޒިރު ކުރަން ޗިޓް ހަވާލު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޝަހިންދާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ތަހުގީގަށް އޭނާ ހާޒިރު ކުރުމަށް ޗިޓު ހަވާލު ކުރާނެ އެޑްރެހެއް ހޯދަން ފުލުހުން އޭނާއާ ގުޅި ކަމަށެވެ.

"އަހަރެންނާ ފުލުހުން ގުޅި. ޗިޓު ފޮނުވަން އަހަރެންގެ އެޑްރެސް ހޯދަން ގުޅީ،" މިވަގުތު ޖަރުމަނުގައި ހުންނެވި ޝަހިންދާ މައުލޫމާތު ދީފައިވެ އެވެ.

ޝަހިންދާ ބުނި ގޮތުގައި ޗިޓު ލިބޭތާ 14 ދުވަހުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގަށް އޭނާ ރާއްޖެއަށް އަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބިފައިނުވާއިރު، އެމްޑީއެންގައި އިސްކޮށް އުޅޭ ހުރިހާ ބޭފުޅުން ރިޕޯޓު ނެރުނުއިރު ވެސް ރާއްޖޭގައި ނެތްކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އާންމުން ގެންދަނީ އެ މައްސަލާގައި ތަހުގީގު ކުރަން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރަމުންނެވެ.

އެ ރިޕޯޓާ ގުޅިގެން އެމްޑީއެންގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓުވާފައި ވަނީ ސަރުކާރުގެ ތެރޭގައި ތިބި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ރުއްސަން ކުރި ކަމެއް ކަމަށް ޝަހިންދާ މީގެ ކުރިން ވަނީ ތުހުމަތުކޮށްފަ އެވެ.

ޝަހިންދާ ބުނެފައިވަނީ އެމްޑީއެންއަށް ކުރިމަތިވެފައިވާ ޕްރެޝަރުގެ އަސްލަކީ އެ ރިޕޯޓުގައި ބޭނުން ކޮށްފައިވާ ބަހުރުވަ ނޫން ކަމަށެވެ. ހަގީގީ މައްސަލައަކަށް ވެފައި ވަނީ ދީނީ ހައްދުފަހަނަ އަޅާފައިވާ މިންވަރު އެ ރިޕޯޓުގައި ހާމަކޮށްފައި އޮތުން ކަމަށެވެ.

"އެ ރިޕޯޓާއެކު ޓެރަރިޒަމާ ދެކޮޅަށް ފާސްކުރި ގާނޫނޫގެ ސަބަބުން އެމީހުން ތިބީ ބިރުން. ދެން އެންމެނަށް ވެސް އެނގޭނެ އަނިޔާވެރިކަން އިސްކުރާ މީހަކު މާޔޫސްވީމަ އަމަލު ކުރާނެ ގޮތް،" ޝަހިންދާ ބުންޏެވެ.