އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ކުރަމުންދާ ތަހުގީގަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ހާޒިރު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ބުނެފައިވާތީ، އެކަމާ ގުޅިގެން އަވަސް އިން ސުވާލު ކުރުމުން ފުލުހުން ބުނީ އެ ތަހުގީގަށް ހާޒިރު ކުރަންޖެހޭ މީހުން ހާޒިރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ބައެއް މީހުންނަށް މިހާރު ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ނަމަވެސް، އެ ތަހުގީގަށް ހާޒިރުކުރާ ބައެއްގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރި އެވެ.
މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޝަހިންދާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ތަހުގީގަށް އޭނާ ހާޒިރު ކުރުމަށް ޗިޓު ހަވާލު ކުރާނެ އެޑްރެހެއް ހޯދަން ފުލުހުން އޭނާއާ ގުޅި ކަމަށެވެ.
"އަހަރެންނާ ފުލުހުން ގުޅި. ޗިޓު ފޮނުވަން އަހަރެންގެ އެޑްރެސް ހޯދަން ގުޅީ،" މިވަގުތު ޖަރުމަނުގައި ހުންނެވި ޝަހިންދާ މައުލޫމާތު ދީފައިވެ އެވެ.
ޝަހިންދާ ބުނި ގޮތުގައި ޗިޓު ލިބޭތާ 14 ދުވަހުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާން ޖެހޭނެ ކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގަށް އޭނާ ރާއްޖެއަށް އަންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ބުނެފައެއް ނުވެ އެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެމްޑީއެންގައި އިސްކޮށް އުޅޭ ހުރިހާ ބޭފުޅުން ރިޕޯޓު ނެރުނުއިރު ވެސް ރާއްޖޭގައި ނެތްކަމަށެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އާންމުން ގެންދަނީ އެ މައްސަލާގައި ތަހުގީގު ކުރަން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރަމުންނެވެ.
އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.