ހަބަރު

ރާއްޖޭގެ މެޕްގައި ފައްޅިއެއް ލޭބަލްކޮށްފި!

ރާއްޖޭގެ މެޕްގައި ފައްޅިއެއްގެ ނަން ލޭބަލް ކޮށްފައި ވާތީ ފެންނަ ކަމަށް ބުނެ ބައެއް އިލްމުވެރިންނާއި އާންމުން ކަންބޮޑުވުން ފާޅު ކުރަން ފަށައިފި އެވެ.

އައްޑޫ ސިޓީގެ މެޕެއްގެ ފޮޓޯ ހިއްސާކޮށް ބައެއް އިލްމުވެރިން ވަނީ މާލޭގެ މެޕުގައި ޣައިރުދީނުގެ އިންޑިއާއަށް ނިސްބަތްވާ މީހުން އަޅުކަން ކުރާ އެއްޗެއްގެ ނަން ދީފައިވާ ފައްޅިއެއް ހުރި ކަމަށް ފެންނަނީ ކީއްވެގެންތޯ ސުވާލު ކޮށްފަ އެވެ. އަދި އެ ކަންބޮޑުވުން ފާޅުކޮށް އެކަން ބަލައި ދޭން ވެސް އިލްމުވެރިން ދަނީ ގޮވާލަމުންނެވެ.

އެކަމާއި ގުޅޭ ގޮތުން ސުވާލުތައް ކުރަން ފެށުމުން ފުލުހުން މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ ފުލުހަށް ވެސް އެކަން ސޯޝަލް މީޑިއާގެ ތެރެއިން ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން ގެންދާ ކަމަށް ވެސް ބުންޏެވެ. އެ ބެލުންތަކަށް ފަހު މައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް މިރޭ ބުންޏެވެ.

ފަހަކަށް އައިސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ރާއްޖޭގައި ޣައިރު ދީންތަކުގެ އީދުތަކާއި ބައެއް ދީނީ އަޅުކަމުގެ ހަފްލާތައް ބާއްވާ ކަމުގެ ޝަކުވާތައް ވަނީ ގިނަވެފަ އެވެ. އެފަދަ މައްސަލަތަކާ ބެހޭ މައުލޫމާތު ހާމަ ކުރުމުގައި ފުލުހުން ފަސްޖެހޭ ކަމުގެ ޝަކުވާތަކާއި ތުހުމަތުތައް އޮންނަ އިރު ފުލުހުންގެ ކަންކަމާ ހަވާލުވެ ވަޑައިގެން ހުނަންވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިއަ ހަފުތާގައި ވިދާޅުވެފައި ވަނީ ދީނުގެ ކަންކަން ކަމަށް ގޮންޖަހާ ކޯލިޝަނެއްގައި، ސަރުކާރެއްގައި ވެސް ނުހުންނަވާނެ ކަމަށެވެ.