ހަބަރު

އަޒްރާއާ ގުޅުމުން ހޯދަން ކުރި އިއުލާނު ނަގައިފި

Oct 21, 2019
2

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ނަސީމާ ގުޅިފައިވާކަމަށްބުނެ އޭނާ ހޯދަން ކުރި އިއުލާނު ފުލުހުން ބާތިލުކޮށްފި އެވެ.

ފޮޓޯއާއެކު އިއްޔެ ފުލުހުން އިއުލާން ނެރެފައިވަނީ އަޒްރާއަށް ޗިޓް ހަވާލު ނުކުރެވިގެންނެވެ. ފުލުހުން ބުނީ އޭނާ އުޅޭ ތަނެއް އެނގިފައި ނުވާ ކަމަށާއި އާއިލާއަށް ވެސް އޭނާ އުޅޭ ތަނެއް ނޭނގޭ ކަމަށެވެ. އެހެންވެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އާންމުކޮށް އިއުލާން ކުރީ ކަމަށެވެ.

ނަމަވެސް، ފުލުހުން މިއަދު ބުނި ގޮތުގައި އަޒްރާއާ މިހާރު ގުޅިއްޖެކަމަށާއި، ކުރިންވެސް އަމަލު ކުރާ އުސޫލުން އޭނާ ހޯދަން ކުރި އިއުލާނު މިހާރު ނަގާފައިވާ ކަމަށެވެ.

"މީހާއާ ކޮންޓެކްޓް ކުރެވުނީމަ ހޯދަން އިއުލާނުކުރި ޕޯސްޓް ވަނީ ނަގާފައި. މިފަދަ އެހެން ޕޯސްޓް ތަކުގައިވެސް މީހާއާ ކޮންޓެކްޓް ކުރެވުނީމަ ހޯދަން އިއުލާނުކުރާ ޕޯސްޓްތައް އަޅުގަނޑުމެން އަބަދުވެސް ނަގަން،" ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަޒްރާ، ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 1:00 އަށެވެ. ނަމަވެސް، އޭނާ އެ ދުވަހު ހާޒިރުވާނެކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުންޏެވެ.

އެމްޑީއެންއިން ނެރެފައިވާ ރިޕޯޓްގައި ރަސޫލާއަށް ފުރައްސާރަ ކޮށްފައި ވެއެވެ. މައްސަލައާ ގުޅިގެން އެމްޑީއެންގެ ބަޔަކަށް ޗިޓް ފޮނުވާފައިވާނެ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރަން ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ. ޔޫތް މިނިސްޓްރީއިން ވަނީ ޖަމިއްޔާ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުން ކުރަމުންދާ ތަހުގީގަށް ތިން އިލްމުވެރިއަކު މެދުވެރިކޮށް އެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.