ޣައިރު ދީނެއްގެ ބިދޭސީއަކު މާލޭގެ ހުކުރު މިސްކިތަށް އަރާ ހިންދޫންގެ އަގީދާގައި ހިމެނޭ ހަރަކާތްތަކެއް ކުރި މައްސަލައެއް ފެންމަތި ވެއްޖެ އެވެ.
ހުކުރު މިސްކިތަށް އަރާފައި ވަނީ އިންޑިއާ މީހުން އަޅާކަހަލަ ދޯޕައްޓާ ހެދުމެއްގައި އިން ބިދޭސީ އަންހެނެކެވެ. އެ އަންހެން މީހާ ހުކުރު މިސްކިތަށް އަރައި މިސްކިތުގެ ހުރުމަތް ކަނޑައި "ދީނީ ހަރަކާތްތަކެއް" ކުރާ މަންޒަރު ބަޔަކު ވަނީ ވީޑިއޯ ކޮށްފަ އެވެ. އެ ވީޑިއޯ މިހާރު ޝޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
ވީޑިއޯ އިން ފެންނަނީ އަންހެން މީހާ އިންޑިއާގެ ހިންދޫން އެ މީހުން ދީނީ އަޅުކަމެއްގެ ގޮތުގައި ބަލާ ޔޯގާގެ ތެރޭގައި ހިމެނޭ މެޑިޓޭޝަންގައި އިންދަ އެވެ. -- ޔޯގާ ކަސްރަތު ކުރާ މީހުން ވެސް އެގޮތަށް އިށީނދެ ތިބެ އެވެ. --
މިކަމާ ގުޅިގެން ސުވާލު ކުރުމުން ފުލުސް ހިދުމަތުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ "ބިދޭސީ އަންހެނަކު ހުކުރު މިސްކިތުގައި އެފަދަ އަމަލެއް ކުރި ކަމުގެ މައުލޫމާތު ލިބުނު" ކަމަށާއި މިސްކިތަށް ފުލުހުން ދިޔައިރު އެފަދަ އެއްވެސް ކަމެއް ފާހަގަ ކުރެވިފައި ނުވާ ކަމަށާއި މީހަކު ވެސް ފެންނާން ނެތް ކަމަށެވެ.
ދައުރުވާ ވިޑިއޯގެ ސްކްރިން ޝޮޓެއް ޓްވިޓާގައި ޝެއާކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހދ. ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވަނީ އެކަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ އިތުރުން އިންޒާރަކަށް ފުދޭ ގޮތަކަށް އިބާރާތްތަކެއް ލިޔެފަ އެވެ.
އޭނާ އަދި ވިދާޅުވެފައި ވެއެވެ: "ރައްޔިތުން ނުކުމެ ތަޅާމާރައިގެން ވެސް މިކަން މިހާރުން މިހާރަށްވެސް ހުއްޓުވަން ޖެހޭ، ނޫނީ މާދުރުނޫން މުސްތަގުބަލެއްގައި މިސްކިތުގެ ބަދަލުގައި ފައްޅިތައް ފެންނަން ފަށާނެ"
ރާއްޖޭގެ މިސްކިތަކުގެ ހުރުމަތް ކަނޑައި އިހްތިރާމް ކުޑަ ކުރާ އެތައް ކަމެއް ފަހަކަށް އައިސް ހިނގަމުން ދެއެވެ. ރާއްޖޭގައި މިސްކިތު ހުރުމަތް ކެނޑުމާއި އިސްލާމް ދީނަށް ފުރައްސާރަ ކުރާ ބިދޭސީން / އިންޑިއާ މީހުން ވެސް ގިނަވެފައިވާއިރު އެފަދަ މައްސަލަތަކުގައި ފުލުހުން ދޭ ސަމާލުކަން ކުޑަ ކަމުގެ ޝަކުވާތައް އޮވެ އެވެ.