ބުދު ދީނުގެ ޝިއާރުފާޅުކުރާ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ. ބުދު ދީނުގެ ޝިއާރުފާޅު ކުރުމުގެ ހަރަކާތްތަކެއް ހިންގާފައިވަނީ ހުޅުމާލޭގެ ފޭސް ދޭއްގައި އިންޑިއާގެ ކުންފުންޏަކުން އިމާރާތުގެ މަސައްކަތް ކުރާ ސައިޓެއްގައެވެ.
މި މައްސަލަ އާންމުންގެ ސަމާލު ކަމަށް ގެނެސްފައިވަނީ ދީނީ އިލްމުވެރިޔާ އަައްޝައިހް ޒަމްޒަމް ފާރިސް އެވެ. ޝައިހް ވަނީ އެ ސައިޓް ހިމެނޭ ސަރަހައްދަށް ގޮސް ވީޑިއޯކޮށް އެ ތަނުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން ޝައިހަށް ލިބިފައިވާ މައުލޫމާތުތައް ހާމަކޮށްފައެވެ.
ޝައިހް އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ކޮންސްޓްރަކްޝަން ސައިޓްގެ ބޭރުގައި ބޮޑު ބޯޑެއްގައި ލިޔެފައިވަނީ ބުދު ދީނުގެ އަހުލުވެރީން އެ މީހުންގެ ކަލާންގެއެއް ކަމަށް ގަބޫލުކުރާ ފަރާތެއްގެ ނަމެވެ. އެ ނަން ވަރަށް ބޮޑު އަކުރުން ލިޔެ ހަރުކޮށްފައިވެއެވެ. އެ ބޯޑްގައި އެ ސައިޓަކީ ޖޭއެމްސީ ޕްރޮޖްކެޓް (އިންޑިއާ) ލިމިޑެޓް މިހެން ޖަހާފައިވެއެވެ.
ޝައިހްގެ މެސެޖްގައި ވަނީ މިއީ ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި އެކަން ފުލުހުންނާއި އެހެން މުއައްސަސާތަކުގެ ސަމާލު ކަމަށް ގެންނާނެ ކަމަށް ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަަމަށެވެ.
ރާއްޖޭގައި ފާޅުގައި ޝިކުރުގެ އަމަލުތައް ހިންގުމާއި އިސްލާމްދީނާއި މާތް ނަބިއްޔާއަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ބަޔަކު ދަނީ ހިންގަމުންނެވެ. މި ފަހުގެ އަހަރުތަކުގައި މިހާ ބޮޑަށް މިފަދަ ކަންކަން ފުޅާވި މިއީ ފުރަތަމަ ފަހަރެވެ. މިފަދަ ކަންކަން ހުއްޓުވަން ސަރުކާރުން އެކަށީގެންވާ މަަސައްކަތް ނުކުރާ ކަަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި ސަރުކާރުގެ ތެރޭގައިވެސް ލާދީނީ ފިކުރުގެ މީހުން ތިބި ކަމަށާ އެފަދަ މީހުންނަށް ފުރުސަތު ފަހިކޮށްދޭ ކަމުގެ ތުހުމަތު އޮވެއެވެ.