މޯލްޑިވްސް ޕޮލިސް ސާވިސް

ހައްޔަރު ކުރީ ޝައިހް ފަޒްލޫންއާ މުހައްމަދު އިސްމާއީލް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް އިއްޔެ ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އާއި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު ހައްޔަރުކޮށްފި އެވެ. އިތުރު މީހަކުވެސް މި މައްސަލާގައި ދެންމެ ވަނީ ހައްޔަރުކޮށްފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ ތިން މީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ. އެ މީހުން ހައްޔަރު ކުރާ މަންޒަރު ފެންނަ ވީޑިއޯވެސް ވަނީ އާންމުވެފައެވެ. ދެ މީހަކު ހައްޔަރުކޮށްފައިވަނީ ކާނިވާ ސަރަހައްދުންނެވެ. އެ މީހުން ހައްޔަރު ކުރީ ފުރިހަމައަށް ތައްޔާރު ވެގެން ތިބި ފުލުހުންގެ ބޮޑު ފޯސްއަކުންނެވެ.

ޝައިހް ފަޒްލޫން ހައްޔަރު ކުރީ މަޣުރިބް ނަމާދުން ފޭބި ވަގުތު ކަމަށް އެނގިފައިވެއެވެ. ޝައިހް ފަޒްލޫނަކީ އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވި ބޭފުޅެކެވެ. އިހުތިޖާޖުގެ ބައިވެރިންނާ މުހާތަބުކޮށްވެސް ޝައިހް ވާހަކަ ދެއްކެވިއެވެ. ނަމަވެސް ހަމަނުޖެހުންތަކުގައި ޝައިހް ބައިވެރިނުވާ ކަމަށް އިހުތިޖާޖުގެ ބައިވެރީން ބުނެއެވެ. ޝައިހް ފަޒްލޫންގެ އިތުރުން ޝައިހް ނިޝާންވެސް އިއްޔެގެ އިހުތިޖާޖުގައި ބައިވެރިވިއެވެ.

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަކީ ރައީސް ޔާމީން އިސްވެ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ބައިވެރިޔާއެވެ. އެ ހަރަކާތުގައި ބައިވެރިވާ ކަމަށް ތުހުމަތު އެކި ފަހަރު މަތީން މުހައްމަދު ހައްޔަރު ކޮށްފައިވެއެވެ.

މި މައްސަލާގައި އިއްޔެ ހަ މީހަކު ހައްޔަރު ކުރިއެވެ. އެ މީހުން ވަނަވަރުވެސް ފުލުހުން ވަނީ އާންމުކޮށްފައެވެ. އެއީ ކ. ތުލުސްދޫ ވީނަސް، މުހައްމަދު ނަދީމް، ކ. މާލެ މއ. ކަނުހުރާ، މުހައްމަދު ޒިލްޔަން، ކ. މާލެ ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް، ތ. މަޑިފުށި ހެޕީސައިޑް، މުހައްމަދު މައުސޫމް، ހއ. ތުރާކުނު ގްރީންހައުސް، މުހައްމަދު ހުސައިން އަދި ގދ. ރަތަފަންދޫ ލިލީޕާކް އަމީން އަހްމަދު އެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް ދެ މަސް އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ކޯޓުން ޖަހާފައިވާ ކަމަށެވެ.

މީގެ ތެރެއިން ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައި ވަނީ މުހައްމަދު ޒިލްޔަން އަދި ޝާމީ ރަޝާދު އިދްރީސް އެވެ. ދެން ތިބި މީހުން ދެ މަހަށް ވަނީ ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ދަނޑުގައި މިހަރަކާތް ފެށީ އިއްޔެ ހެނދުނު 6:30 ހާއިރު އެވެ. ހަރަކާތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި "ﷲ އަކުބަރު" ގޮވަމުން ބަޔަކު ވަނީ ދަނޑަށް ވަދެގެންފަ އެވެ. އެތަނުގައި ހަމަނުޖެހުން ހިންގައި ބައެއް މީހުންނަށާއި ތަކެއްޗަށް އެމީހުން ގެއްލުން ދީފައިވެ އެވެ. އެމީހުން ގެންގުޅުނީ ޝަހާދަތުގެ ދެކަލިމަ ލިޔެފައިވާ ދިދަ ތަކެކެވެ.

ފުލުހުން ރޭ ވަނީ މި ހާދިސާ އާއި ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑީއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ގާއިމްކޮށްފަ އެވެ. އެ މައުލޫމާތުތައް އެ ޕޯޓަލްއަށް ހިއްސާކުރުމަށް ފުލުހުން އެދިފައިވެ އެވެ.