ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހައްޔަރު ކޮށްފި އެވެ. މުހައްމަދު ހައްޔަރު ކޮށްފައިވާކަން އިދިކޮޅު ކޯލިޝަނުން ދެންމެ ވަނީ ބުނެފައެވެ.
ކޯޓް އަމުރެއް އޮތް ކަމަށް ބުނެ މިރޭ 10 ޖަހަން އުޅެނިކޮށްވެސް މުހައްމަދު ހައްޔަރު ކުރަން މަސައްކަތް ކުރިއެވެ. ރެސްޓޯރަންޓެއްގައި މުހައްމަދު އިންނަވަނިކޮށް ފުލުހުންގެ ޓީމެއް ގޮސް ހައްޔަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ އޭރު ކޯޓް އަމުރެއް ނެތުމުންނެވެ.
ނަމަވެސް ދެންމެ އޭނާ ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ.
މިދިޔަ ބުދަ ދުވަހުވެސް މުހައްމަދު ހައްޔަރު ކުރިއެވެ. އެ ފަހަރުވެސް ހައްޔަރު ކުރީ ކޯޓް އަމުރެއްގެ ދަށުންނެވެ. ނަމަވެސް މުއްދަތު މަޖިލީހަށް ހާޒިރު ކުރުމުން ކޯޓުން މުހައްމަދު ދޫކޮށްލީ އެވެ. އޭނާ ދޫކޮށްލީ ކޯޓް އަމުރާ ހިލާފަށް ހައްޔަރު ކުރުމުންނެވެ.
ފުލުހުން ބުނީ މުހައްމަދު ހައްޔަރުކުރީ އިންޑިއާ އައުޓް ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނެހެން އިންޑިއާ އާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގަ ކަމަށެެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ އެއްވުންތަކާއި ދަތުރުތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވާތީ ފެންނަނީ މުހައްމަދު އިސްމާއީލް އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެކި އެއްވުންތަކާއި ބައެއް ޓީވީ ޝޯ ތަކުގައިވެސް މުހައްމަދު އިސްމާއީލް ގޮވާލައްވާފައިވެ އެވެ.