މޯލްޑިވްސް ޕޮލިސް ސާވިސް

"އިންޑިއާ އައުޓް" ކުރަހާ ހަތަރު މީހަކު ދެނެގަނެވިއްޖެ: ޕޮލިސް

މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން އެކަން ކުރަމުންދާ މީހުން ދެނެގަނެ އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު މިރޭ ވިދާޅުވީ މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ. އެގޮތުން ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަަށް ވިދާޅުވިއެވެ.

ނަމަވެސް މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްް ކަމަށް ކަނޑައަޅުއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އެ ހަރަކާތް ހުއްޓުވަން އަންގަވާފަ އެވެ.

ރައީސްގެ ގަރާރަށް ފަހު ފުލުހުން ގެންދަނީ މާލޭގެ އެކި ސަރަހައްދުގައި އިންޑިއާ އައުޓް ޖަހައިގެން ހަރުކޮށްފައިވާ ބެނާތަކާއި އިންޑިއާ އައުޓް ރަމްޒުވާ ގޮތަށް ހުރި ބެނާތައް ވެސް ނަގަން ފަށާފަ އެވެ.

ބައެއް މަގުތަކުގައިވެސް "އިންޑިއާ އައުޓް" ލިޔެފައިވެއެވެ.

"އިންޑިއާ އައުޓް" ހަރަކާތުގެ ޝިއާރު ލިޔެފައިވާ ކަރުދާސްތަކެއް މާލޭގެ އެކި މަގުތަކަށް އެޅި މައްސަލައެއްވެސް ފުލުހުން ދަނީ ބަލަމުންނެވެ. އިންޑިއާ އައުޓް ޖެހި ކަރުދާސް ތަކެއް އަޅާފައިވަނީ ރައީސް އޮފީހާއި، އިންޑިއާ ހައިކޮމިޝަންގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެކޮޅު ކުރިމައްޗަށްވާ ގޮތަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަނެއްކޮޅުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅަށާއި އިދިކޮޅު ޕީޕީއެމްގެ އޮފީހުގެ ރައީސް ޔާމީން ހައްޔަރު ކުރަން ގޮވާލާ ލިޔެފައިވާ މައްސަލައެއް ފުލުހަށް ވަނީ ހުށައަޅާފައެވެ. އަދި ރައީސް ޔާމީންގެ ގެކޮޅު ކުރިމައްޗަށް އެމަނިކުފާނު ހައްޔަރު ކުރުމަށް ގޮވާލާ ލިޔެފައިވާ ކަރުދާސްތަކެއް ވަނީ އަޅާފައެވެ.

"އިންޑިއާ އައުޓް" ހުއްޓުވަން ފުލުހުން ދޭ ސަމާލު ކަމަށް އެފަދަ މައްސަލަތަކަށް ނުދޭތީ ފާޑުކިޔުން އޮވެއެވެ.