އިދިކޮޅު ފަރާތްތައް

ބެނާތައް ނަގަން ނުކުންނަ ފުލުހުންނަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ހަރު ކުރަމުންދާ ބޮޑެތި ބެނާތައް ނަގަން ނުކުންނަ ފުލުހުންނާއި ދެކޮޅަށް ދައުވާ ކުރާނެ ކަމުގެ އިންޒާރު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދީފި އެވެ.

އެ ކޯލިޝަނުން މިފަދަ އިންޒާރެއް ދީފައިވަނީ ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ބޭރުގައާއި ރައީސް ޔާމީންގެ ގެކޮޅުގައި ނަގާފައިވާ "އިންޑިއާ އައުޓް" ބޮޑު ބެނާ ނަގަން ފުލުހުން އެންގުމާއި ގުޅިގެންނެވެ.

އެކަމާއި ގުޅޭގޮތުން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބެނާތައް ނަގަން ނުކުންނަ ފުލުހުން އެ ހިންގަނީ ގާނޫނާއި ހިލާފު އަމަލުތަކެއް ކަމަށެވެ. އެ އަމަލު ހިންގާ ފުލުހުން ފާހަގަކޮށް ދައުވާ ކުރާނެ ކަމަށެވެ.

"ހަބަރުދާރު، ބެނާތައް ނަގަން ނުކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާ ކުރާނަން،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕެއިން އަކީ ހިޔާލުފާޅު ކުރުމުގެ މިންގަނޑުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށެވެ. އަދި އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

ހަބަރުދާރު، ބެނާތައް ނަގަން ނިކުންނަ ފުލުހުން ގާނޫނާއި ހިލާފަށް ހިންގާ އަމަލުތަކަށް ދައުވާ ކުރާނަން. އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހިންގާ ކެމްޕެއިން އަކީ ހިޔާލުފާޅުކުރުމުގެ މިންގަނޑުގެ ތެރެއިން ހިންގާ ހަރަކާތެއް. ނުހުއްޓުވޭނެ
އާދަމް ޝަރީފް އުމަރު | ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު

ބެނާތައް ނެގުމަށް އަންގާ ގޭގޭގެ ވެރީންނަށް ފުލުހުން އިއްޔެ ފޮނުވި އެންގުމުގައި ބުނެފައި ވަނީ އެ ގޭގޭގެ ބޭރުގައި އާންމުކޮށް ފެންނާނެ ހެން "އިންޑިއާ އައުޓް" ބެނާއެއް ހަރުކޮށްފައި ބެހެއްޓުމަކީ ވަކި ގައުމަކަަށް ނިސްބަތްކޮށް އަދި އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއް ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގުޅުންތަކާއި އަވައްޓެރި ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަނގަޅު އަސަރު ކުރާނެ ކަމެއް ކަމަަށެވެ.

އަދި އޭގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ އަދި ޒިޔާރަތް ކުރާ ދިވެހީންގެ މަސްލަހަތަަށް ވެސް ގެއްލުން ވެދާނެ ކަމެއް ކަމަަށް ފުލުހުން ދެކޭ ކަމަަށެވެ.

ފުލުހުންގެ އެންގުމުގައި ބުނެފައިވަނީ މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިންގާ ކަންކަމުގެ ސަބަބުން ރާއްޖެ އާއި ދިވެހީންގެ މަސްލަހަތަށް ގެއްލުންވާނެ ފިތުނަވެރި އަމަލުތަކެއް ކަމަަށެވެ. އަދި މިއީ ޖާއިޒު މަގުސަދެއް ހާސިލު ނުވާނެ އަމަލަކުން ނުރައްކާތެރި ނުވަތަ ހުތުރު ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއް ކަމަށެވެ. އެހެން ކަމުން އާންމު މަސްލަހަތު ރައްކާތެރި ކުރުމަށް ހ. ހުރަފާ ބޭރުގައި ހަރުކޮށްފައިވާ އިންޑިއާ އައުޓް" ބެނާ ނަގަން އަންގާ ކަމަށެވެ.

ހ. ހުރަފާ ބޭރުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނަގަން އަންގާފައި މިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅު ހަމަޖިވަޑައި ނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.