ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.
އެ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރީނދޫ ކުލަ ލާފައިވާ ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި އެ ރަށު ދެ ޒުވާން ހައްޔަރުކޮށް، ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނަށް ގައި ރަހީނުކޮށްފައި ބޭތިއްބުމަށްފަހު މިއަދު ކޯޓަށް ގެންގޮސް އެ މީހުންގެ ބަންދަށް ހަތް ދުވަސް ޖަހާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ މި އަމަލު ކުށްވެރި ކުރާ ކަމަށެވެ.
އިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުއޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހިޖުމްހޫރިއްޔާ އާއި ގާނޫނުތައް ހުއްދަ ކުރާ ކަމެއް ކަމަަށާ އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ގާނޫނެއް ނެތް އިރު އެފަދަ ޝުއޫރެއް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހަގެން ގެންގުޅުން އެއީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އެދަނީ އިތުރަށް ހާމަވެ ފަލީހަތްވަމުންދާ ކަމަށެވެ.
އިންޑިއާ ސަރުކާރުން ބޭނުންހާ ގޮތެއް ހަދާ އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަ ދީ ގައުމުގެ އަގު ބޮޑެތި ހަޒާނާ އިންޑިއާއަށް ވިއްކާލައިގެން ތިބެ އެ ފަރާތްތަކާއި އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް ހިލާހިލާ ޖަހައިގެން އަނިޔާ ކުރެވިދާނެ ކަމަށް އެމްޑިޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށްވެސް އިދިކޮޅުގެ ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އެ ދެ މީހުން ދޫކޮށްލުމަށާއި އެ މީހުން ހައްޔަރު ކުރި މައްސަލަ ބަލައިދިނުމަށް އެޗްއާރުސީއެމަށް ވަނީ ގޮވާލާފައެވެ.