އިންޑިއާ އައުޓް ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
މުހައްމަދު ހައްޔަރުކުރީ އިއްޔެގެ ވަގުތެއްގައެވެ. މުހައްމަދު އިސްމާއިލް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އޭނާގެ ބަންދަށް މުއްދަތު ޖަހަން ގެންދިއުމުން ކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
މުހައްމަދު އިސްމާއިލްގެ އިތުރުން ޕީޕީއެމްގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ނަސީމް (ތަކަނޭ) ވެސް ފުލުހުން އިއްޔެ ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހާފައެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ އިންޑިއާ އައުޓް ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައި އާއި އާންމުކޮށް ފެންނާނެހެން އިންޑިއާ އާއި ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭހެ އެކި ސަރަހައްދުތަކަށް ފޯރުކޮށްދީ އެ ހަރަކާތް ރާވާ ހިންގާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގަ ކަމަށެެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ގުޅޭ އެއްވުންތަކާއި ދަތުރުތައް ރޭވުމުގައި އެންމެ އިސްކޮށް އުޅުއްވާތީ ފެންނަނީ މުހައްމަދު އިސްމާއީލް އެވެ.
އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތް ކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ވިދާޅުވެ އެ ހަރަކާތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށްވެސް އެކި އެއްވުންތަކާއި ބައެއް ޓީވީ ޝޯ ތަކުގައިވެސް މުހައްމަދު އިސްމާއީލް ގޮވާލައްވާފައިވެ އެވެ.