މުހައްމަދު އިސްމާއީލް

މުހައްމަދު އިސްމާއީލްގެ ބަންދަށް އިތުރު ނުވަ ދުވަސް

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި އިވެންޓެއް ބާއްވަނިކޮށް އެތަނަށް ވަދެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލްގެ ބަންދަށް ދެވަނަ ފަހަރަށް މުއްދަތު ޖަހައިފި އެވެ.

މުހައްމަދު އިސްމާއީލް ހައްޔަރު ކުރީ ކާނިވާގެ، ކެފާއެއްގައި ސައިބޯން އިންދާ ޖޫން 22 ވަނަ ދުވަހުގެ ހަވީރު އެވެ. އޭނާގެ ބަންދަށް މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބެހެއްޓުމަށް ފުރަތަމަ ޖެހީ ފަސް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން މިއަދު ވަނީ އިތުރު ނުވަ ދުވަސް ޖަހާފައެވެ.

ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް އަކީ ރައީސް ޔާމީން އިސްވެ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ހަރަކާތުގެ އެންމެ އިސް ބައިވެރިޔާއެވެ. އެ ހަރަކާތުގައި ބައިވެރިވާ ކަމަށް ތުހުމަތު އެކި ފަހަރު މަތީން މުހައްމަދު ހައްޔަރު ކޮށްފައިވެއެވެ.

ޔޯގާ ހަރަކާތް ހުއްޓުވުމުގައިވެސް މުހައްމަދުގެ ދައުރެއް އޮތް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ގަލޮޅު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ އަތުގައި ހުރި ދިދަތަކަކީ ޕީޕީއެމުގެ އޮފީހުން ނެރެގެން ގެންދިޔަ ދިދަ ތަކެއް ކަމަށް ފުލުހުން ބުނެއެވެ. އެ ދިދަތައް އިހުތިޖާޖުގެ ބައިވެރީންނަށް ދޫކުރީ މުހައްމަދު އިސްވެ ހުރެ ކަމަށްވެސް ތުހުމަތު ކުރެއެވެ.

މުހައްމަދު އިސްމާއީލްގެ އިތުރުން ޕީޕިއެމްގެ ކައުންސިލަށް މި ފަހުން އިންތިހާބުވި އިބްރާހިމް ރައްޒާން (ޓަކީ) ވެސް އެ ދުވަހު ހައްޔަރު ކުރިއެވެ. އޭނާގެ ބަންދަށްވެސް ކޯޓުން ދިން ފަސް ދުވަހުގެ މުއްދަތު ހަމަވުމުން އޭނާ މިއަދު ވަނީ ދޫކޮށްލާފައެވެ.