މޯލްޑިވްސް ޕޮލިސް ސާވިސް

އެމްޑީއެންގެ ރިޕޯޓް 3 އިލްމުވެރިއަކު ލައްވާ ދިރާސާކުރަނީ

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ނެރުނު ރިޕޯޓް ދިނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. -- އިލްމުވެރިންގެ ތެރެއިން އެއީ ކޮން ބޭފުޅުންނެއް ކަން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެން އިން ނެރުނު ރިޕޯޓްގެ މައްސަލަ ބަލަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފަޗއެވެ. އެ މައްސަލަ ބަލަމުންދާކަން ހާމަކޮށް ފުލުހުން ގެންދަނީ ކޮންމެ ދުވަހަކުވެސް އެ މައްސަލައާއި ގުޅޭގޮތުން ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. މި މައްސަލަ އިސްލާމިކް މިނިސްްޓްރީން ފުލުހަށް ހުށަހަޅީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ރިޕޯޓްގެ މައްސަލަ ފެންމަތިވީ އޮކްޓޫބަރު އެއްވަނަ ދުވަހު އެވެ.

މި މައްސަލަ ސީރިއަސްކޮށް ތަހުގީގު ކުރާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ބުނެފައިވާ ފުލުހުން މިރޭ ނެެރެފައިވާ ދެ ސަފުހާގެ ބަޔާނެއްގަިއ ބުނެފައިވަނީ އެމްޑީއެންގެ ރިޕޯޓްގައި ހުރި އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަތަކާއި އިސްލާމްދީނަށާއި މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަހުގީގު ބޭނުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ދީނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ވަކިވަކިން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއްކޮށް އިސްލާމީ އަގީދާއާ އިސްލާމީ ޝަރީއަތާއި ޚިލާފު ވާހަކަތަކާއި އިސްލާމްދީނަށް މާތް ރަސޫލާއަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކުގެ މައްޗަށް އިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯޓެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.

އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށައެޅުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ރިޕޯޓް ތައްޔާރުކުރި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިިބުމުން އެމީހުން ތަހުގީގަށް ހާޒިރު ކުރުމަށާ މައްސަލައާއި ގުޅިގެން ތަހުގީގުގައި ސުވާލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މި ގޮތުން ބައެއް ފަރާތްތަކަށް ތަހުގީގަށް ހާޒިރުވުމަށް ޗިޓް ފޮނުވިފައިވާއިރު، އުޅޭ ވަކި ތަނެއް ނޭންގުމުގެ ސަބަބުން ޗިޓް ރައްދުކުރެވިފައިވާ ނުވާ ފަރާތްތައް ތަހުގީގަށް ހާޒިރުވުމަށް އާންމުކޮށް އިއުލާނު ކޮށްގެން ވަނީ އެންގިފަ އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ރިޕޯޓާއި ގުޅިގެން ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާކަމަށް ވެސް ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާ ބައިބައިވުމާ ރުޅިވެރިކަން އުފެއްދޭ ފަދަ ވާހަކަތައް ފެތުރުމާއި، ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުން ކަމަށް ދައްކައި ފިތުނަވެރި އަަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ބަޔަކު އަމަލު ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

އަދި މީހުންގެ ފުރާނައާ ނަފްސަށް ގެއްލުން ދިނުމަށް ގޮވާލާ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި، ކުރެހުމާ ފޮޓޯ އާންމު ކުރަމުންދާތީ އެކަންކަން ނުކުރުމަށްވެސް ވަނީ އެދިފައެވެ.

"... ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި، ގާނޫނާއި ޚިލާފު އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާ މުދާ ރައްކާތެރިކުރުމުގައި މި ސާވިސް އަދާކުރަންޖެހޭ ދައުުރު އަދާކުރުމުގައި ސާބިތު ތިބޭނެ ކަމުގައި ދަންނަވަމެވެ."

ފުލުހުން މިރޭވެސް ބުނީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލާ ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ފުލުހުން އިލްމުވެރިން މެދުވެރިކޮށް ފަށާފައިވާ ދިރާސާ ރިޕޯޓް ނިމުމުން އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގައި ކަންބޮޑުވާންޖެހޭ ވަރަށް ގިނަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެ ރިޕޯޓްގައި އެންމެ މަތިވެރި އެއް މުއުޖިޒާތް "އިސްރާ އާއި މިއުރާޒު" ގެ ދަތުރުފުޅާ ގުޅުވައި ބުހުތާނު ވާހަކަ ލިޔެފައި ވެއެވެ. މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފައްދާފައި ވެއެވެ. ރާއްޖޭގެ އިސްލާމީ މުގައްރަރުން ކުދިންގެ ހިތުގައި އިސްލާމީ އަގީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭ ކަމުގައި ބުނެފައި ވެއެވެ.

ޒިނޭ އާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަން ކަމަކީ ހަރާމް ވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކޮށްފައިވާތީ ފާޑުކިޔާފައި ވެއެވެ. އިސްލާމް ދީނަށް ލޯބި ޖައްސުވާ ގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އުޅޭނެ ދީނެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކުދިންނަށް ދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ. ޔަހޫދީންގެ ނުބައިކަމުގެ ވާހަކަ އާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރަން ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާން ކޮށްފައިވާތީ އެއީ ގޯހެއް ކަމަށް ލިޔުނެވެ.

ހައްދުތަކާއި ގިސޯސާއި މަރުގެ ހުކުމާގުޅޭ ގޮތުން ކަރިކިއުލަމްގައި ހުރި ވާހަކަތަކަށް ފާޑުކިޔާފައި ވެއެވެ. ހުކުރު ހުތުބާތަކުގައި ނަރަކައާއި ކައްވަޅާއި، އަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ ބިރުވެރިކަން އުފެދޭ ކަމަށް ބުނެފައި ވެއެވެ. ކައިވެނިން ބޭރުން ހިންގާ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫން ކަމުގައި އޮތް އޮތުމަކީ ވެސް މައްސަލައަކަށް ހަދާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައި ކަންކަން

  • މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުން
  • ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން
  • ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން
  • ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން
  • ހައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ހަދޫސް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން
  • އެކަލޭގެފާނަށް ފާޑުކިޔުމީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން
  • ރާއްޖޭގެ އިސްލާމީ މުގައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން
  • ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްލާމް މުގައްރަރުގެ ސަބަބުން "އިންޓަފެއިތް ޑައިލޮގު" (ހުރިހާ ދީންތައް އެއްކުރުމަށް ގޮވޭގޮވުންތަކަށް) ހުރަސްއެޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން
  • އިސްލާމް ދީނަށް ލޯބި ޖައްސުވާގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އެކުދިން އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުމާއި، އިސްލާމް މުގައްރަރުން އެކުދިން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ ފާޑުކިޔުން
  • އަހުމަދީ ގާދިޔާނިއްޔާއަކީ އިނގިރޭސީން އުފައްދާފައިވާ ކުފުރުގެ މަޒުހަބެއްކަމުގައި އޮތުމުން ދަރިވަރުންނަށް "ތަކްފީރު" ކުރަން ދަސްކޮށްދޭ ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ދަރިވަރުންގެ ހިތުގައި އުފެދޭކަމުގައި ބުނުން
  • ސުންނީ އިސްލާމަކީ ހަމައެކަނި ޞައްޙަ މަޛުހަބުކަމުގައި އުނގަންނައިދީ، މަގުފުރެދިފައިވާ އެހެނިހެން ފިކުރުތަކަށް ފުރުސަތު ނުދިނުމާއި، ސޫފިޒަމްއާއި ޝީއީންގެ އަގީދާއާ ގުޅޭ ތައުވީލުތައް އެއްގޮތަކަށްވެސް އުނގަންނައި ނުދޭތީ ކަންބޮޑުވުން
  • ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާންކޮށްފައިވާތީ ކަންބޮޑުވެ ފާޑުކިޔާފައިވުން
  • މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ އިސްލާމީ ތާރީޚާ ބެހޭ ފިލާވަޅުތަކުގައި ހުރުމީ ރުޅިވެރިކަމާއި ނަފުރަތު އުފައްދާކަމެއް ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
  • ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި "ތަކްފީރީ" ފިކުރު އުފައްދާކަމުގައި ބުނުން
  • ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީއަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފައި އޮތުމުން އެކަމަށް އިންކާރުކުރުން
  • ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައިއޭ ބުނެފައި އޮތުމުން އެކަމަށް ފާޑުކިޔުން
  • ހައްދުތަކާއި ގިސާސްއާއި މަރުގެ ޙުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން
  • އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ޞިފަކުރުން
  • އިސްލާމްދީނަކީ ސުލްހަވެރި ދީނެއް ނޫންކަމަށް ދޭހަވާ މޭރުމުން މުޅި ބަޔާނުގެ ރާގު ބައްޓަންކޮށްފައިވުން
  • ހުކުރު ހުތުބާތަކުގައި ނަރަކައާއި ކަށްވަޅާއި، ޢަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެސަބަބުން ބިރުވެރިކަން އުފެދޭކަމުގައި ބުނެ އެކަމަށް ފާޑުކިޔުން
  • އިންސާނީ އެހެނިހެން ނަޡަރިއްޔާތަކާއި އައިޑިއޮލޮޖީފަދައިން އިސްލާމްދީނަކީ ޚިޔާލީ ފުލޯކުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަމުގައި ވިސްނައިދިނުމަށް މުޅިރިޕޯޓް ފަރުމާކޮށްފައިވުން
  • ﷲ އާއި ރަސޫލާ صلى الله عليه وسلم އަކީ މުޤައްދަސްކަން ދޭންޖެހޭ 2ފަރާތް ނޫންކަމުގައި ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވުން