އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައިވާތީ އެކަމާއި ގުޅިގެން ގިނަ ދިވެހިންނާއި ދީނީ އިލްމުވެރިން އިއްޔެއިން ފެށިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ވިދާޅުވީ އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ބަޔަކު އެކަން ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް ކަމަށެވެ.
"އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން. ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް."
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.