މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

ޝަހިންދާއާ އަޒްރާއަށް ދެ ހަފުތާ

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައާ ގުޅިގެން ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރުވާން ދީފައިވާނީ ދެ ހަފުތާގެ މުއްދަތު ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އެސިސްޓެންޓް ޕޮލިސް ކޮމިޝަނާ މުހައްމަދު ރިޔާޒް ވިދާޅުވީ އެ ދެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އަދި އެމީހުން ރާއްޖެއިން ބޭރުގައި ތިބި ނަމަވެސް ފުލުހުން ފޮނުވި ޗިޓް ލިބިފައިވާ ކަން ކަަށަވަރު ކުރެވިފައިވާ ކަމަށެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓް އެކުލަވާލުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެ ޖަމިއްޔާގެ މެންބަރެއް ކަމަށްވާ އަޒްރާ ފުލުހަށް ހާޒިރުވާން އަންގައި އިއުލާނު ކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ފޮޓޯއާއެކު އިއުލާނު ކުރުމަށްފަހު އޭގެ އެއްދުވަސް ފަހުން ޗިޓް ހަވާލު ކުރެވިފައިވާ ކަމަށް ބުނެ ފުލުހުން ވަނީ އެ އިއުލާން ނަގާފަ އެވެ.

އޭގެ ކުރިން ފުލުހުން ވަނީ ޝަހިންދާ ފުލުހަށް ހާޒިރުވާން އަންގާފަ އެވެ. އިތުރު އެހެން ބަޔަކު ވެސް ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭގެ ތަފްސީލު މިއަދަކު ވެސް ނުދެއެވެ.

އެމްޑީއެންއިން ނެރުނު ރިޕޯޓް ދީނީ ތިން އިލްމުވެރިއަކު މެދުވެރިކޮށް ދިރާސާ ކުރަމުންދާ ކަމަށް މިމަހުގެ 20 ވަނަ ދުވަހު ފުލުހުން ވަނީ ބުނެފަ އެވެ. ރިޔާޒް މިއަދު ވިދާޅުވީ އެ ދިރާސާގެ މަސައްކަތް ފެށޭ ހަފުތާގައި ނިންމާލެވޭނެ ކަމަށާއި އެ ދިރާސާއަށްފަހު ވަރަށް ގިނަ ކަންކަން ސާފުވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ރިޕޯޓާ ގުޅޭ އިލްމީ ދިރާސާއެއް ފުލުހުންނަށް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ފުލުހުން ފަށާފައިވާ ދިރާސާގެ ރިޕޯޓް ނިމުމުން އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް ހުށައަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.