ދީނަށް ފުރައްސާރަ ކުރުން

އެމްޑީއެން އުވާލަން ގޮވާ އަޑުގަދަކުރި ޕިކަޕެއް ހުއްޓުވައިފި

Oct 12, 2019
3

އަޑުގަދަކުރާ ހިފައިގެން މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލައި ދުއްވި ޕިކަޕެއް ހުއްޓުވައި އޭގެ ޑްރައިވަރު ހައްޔަރު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ސުލްހަވެރި ކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާއި ޚިލާފަށް އަޑުގަދަ ކުރާ ބޭނުން ކޮށްގެން މާލޭ ތެރޭގައި ދުއްވަމުން ދިޔަ ޕިކަޕެއް ހުއްޓުވި ކަމަށެވެ. އަދި ބުނީ ހަވީރު 5:30 އެެހާކަންހާއިރު ފުލުހުން ހުއްޓުވި އެ ޕިކަޕް ދުއްވަން އިން މީހާ ގެންގޮސް ނަސޭހަތް ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ.

މިއަދު މާލެ ތެރޭގައި އަޑުގަދަކުރާ ބޭނުން ކޮށް، ދުއްވި އެ ޕިކަޕުން ގޮވަމުން ދިޔައީ އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލައި އެ ޖަމިއްޔާ އުވާލާ އެ ޖަމިއްޔާއަށް ނިސްބަތްވާ މީހުން ސަރުކާރުގެ މަގާމުތަކުން ދުރު ކުރުމަށެވެ.

ފުލުހުން ބުނީ އެއްވެ އުޅުމުގެ ގާނޫނާއި، ގަވާއިދާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން އިލްތިމާސް ކުރާ ކަމަށެވެ. މި ޕިކަޕް ހުއްޓުވި އިރު އެމްޑީއެންގެ މައްސަލާގައި ހަރުދަނާ ފިޔަވަޅެއް އަޅަން ސަރުކާރަށް ނުކެރޭނެ ކަމަށް ބުނެ ވަނީ ފާޑިކިޔުންތައް އަމާޒުވެފަ އެވެ.