ރައީސް އަބްދުﷲ ޔާމީން

އެމްޑީއެންއަށް ފިޔަވަޅު ނާޅައިފިނަމަ ދެން ނަގާ ރާޅު ބޮޑުވާނެ: ޔާމީން

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓަކީ ޓެސްޓެއް ކަމަށާ އެ ރިޕޯޓާމެދު ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެން ނަގާ ރާޅު ބޮޑުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންޒާރު ކުރައްވައިފި އެވެ.

"އަންނަނީ އަންނަނީ" މި ނަމުގައި އިިދިކޮޅު ކޯލިޝަނުން މިރޭ ކާނިވަލުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނާއި، މާތް ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާއިރު އެ މައްސަލައާ މެދު އެހާ "ވަޅޯ" ކޮށް އަމަލު ކުރެއްވުމުން އެ މަނިކުފާނު ހައިރާންވެ ވަޑައިގެންފައިވާ ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ބަލަމުންދާ ކަމަށް ސަރުކާރުން ހާމަ ކޮށްފައިވާތީ އެކަމާ ގުޅޭގޮތުން ރައީސް ޔާމީން ވަނީ އެ ރިޕޯޓްގެ މައްސަލާގައި ބަލައި ތަހުގީގު ކުރަން އޮތީ ކޮން އެއްޗެއް ކޮން ކަމެއްތޯ ސުވާލު ކުރައްވާފަ އެވެ.

"އޭގައި ކޯނޗެއްތޯ ބަލަން އޮތީ، އެ ރިޕޯޓްގައި ލިޔެފައިވާ ވާހަކަތައް ނުފެންނަނީތޯ؟ ކޯނޗެއްތޯ ތަހުގީގު ކުރަން އޮތީ؟ އެއަށް ރައީސުލްޖުމްހޫރިއްޔާ ވިސްނަވަން ދެ ހަފުތާ ނަގައިގެން ނުވާނެ. ކަންކަމުގެ ހޫނު ކެނޑުމުން އެއަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފުުރުސަތު ދީގެން ނުވާނެ. އެންމެ ފުރަތަމަ ހައްގު ބަސް ބުނަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަންކަން ތަންފީޒު ކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ،" ރައީސް ސޯލިހަށް ފާޑު ވިދާޅުވެ ރައީސް ޔާމީން ވިދާޅުވި އެވެ. "އެހެންވީމަ ރައީސުލްޖުމްހޫރިއްޔާގެ މި ނާގާބިލުކަމާ، އަޅައިނުލުމުން ދައްކުވައި ދެނީ މިއީކީ އެމަނިކުފާނަށް އެހާ މުހިންމު ކަމެއް ނޫނޭ."

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެމްޑީޕީގެ ވެރިކަމެއް އުފެދޭ އިރަށް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ފެންނަމުންދާ ކަމަށާ އެއީ އެ ޕާޓީގެ ތެރެއިން އާންމުކޮށް ފެންނަމުންދާ ކަމެއް ކަމަށެވެ.

އޭގައި ކޯނޗެއްތޯ ބަލަން އޮތީ، އެ ރިޕޯޓްގައި ލިޔެފައިވާ ވާހަކަތައް ނުފެންނަނީތޯ؟ ކޯނޗެއްތޯ ތަހުގީގު ކުރަން އޮތީ؟ އެއަށް ރައީސުލްޖުމްހޫރިއްޔާ ވިސްނަވަން ދެ ހަފުތާ ނަގައިގެން ނުވާނެ. ކަންކަމުގެ ހޫނު ކެނޑުމުން އެއަށް އަމަލު ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ފުުރުސަތު ދީގެން ނުވާނެ. އެންމެ ފުރަތަމަ ހައްގު ބަސް ބުނަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ. އެކަންކަން ތަންފީޒު ކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ ... އެކަންކަން ތަންފީޒު ކުރަންޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ... ރައީސުލްޖުމްހޫރިއްޔާގެ މި ނާގާބިލު ކަމާ، އަޅާނުލުން ދައްކުވައި ދެނީ މިއީކީ އެމަނިކުފާނަށް އެހާ މުހިންމު ކަމެއް ނޫނޭ،
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް| ކުރީގެ ރައީސް

އިސްލާމްދީނާއި، މާތް ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރެފައިވާ ރިޕޯޓަކީ ދިވެހިން ޓެސްޓް ކޮށްލަން ނެެެރެފައިވާ ރިޕޯޓެއް ކަމަށާައި އޭގެ ބޭނުމަކީ މިހާރު މި ސަރުކާރާއެކު ދިވެހިން "ރިއެކްޓް" ކުރާ ގޮތް ބަލައިލުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ. މި ފަދަ ކަންކަން ހުއްޓުވުމުގެ ގާބިލްކަން މި ސަރުކާރުގައި ނެތް ކަން ފާހަގަ ކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެ ރިޕޯޓަށް ފިޔަވަޅު ނާޅާ ދޫކޮށްލައިފިނަމަ ދެން ނަގާ "ރާޅު" މާ ބޮޑުވާނެ ކަމަށެވެ.

"މީގަ ތަހުގީގު ކުރާ ވާހަކަ އެ ދައްކަނީ އެކަން ކުރެވެން ނެތީމަ.... އެކަން ކުރުމުގެ ގާބިލް ކަމެއް ނެތް މި ސަރުކާރުގައި. ނުވެސް ކުރާނެ... ދެން މި ވިދާޅުވަނީ ސަސްޕެންޑް ކޮށްފައޭ. ސަސްޕެންޑް ކުރީމަ ކިހިނެތްތޯ ވަނީ.. ސަސްޕެންޑް ކުރީމަ މިވާ ގޮތަކީ ޚާރިޖީ ވަޒީރު ނުކުންނަވާ އަދި ތަރުޖަމާއެއް އެބަ ދެއްވާ... ނޫނެކޭ ނޫނެކޭ، އަދި މިއީ އެހެންވެފަ އޮތް ކަމެއް ނޫނޭ! މި ސަސްޕެންޑް ކުރުމަކީ ވަގުތީ ގޮތުން ދުވަސް ކަނޑައަޅާފައި ކަމެއް ބަލާލުމަށް އޮތް ކަމެކޭ، މިއީ އަދި ސަސްޕެންޑް ކުރީއެއްވެސް ނޫނޭ. މިހާލުގައިތޯ ދިވެހިން އުޅެން ޖެހޭނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރާއްޖެއަށް އެހެން ދީންތައް ތައާރަފުކުރަން ބަޔަކު މަސައްކަތް ކުރަމުންދާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށާއި ރައީސް މައުމޫންގެ ވެރިކަމުގައި "ފީބާ ރޭޑިއޯ" ގެ ނަމުގައި އެހެން ގައުމެއްގައި ތިބެގެން ދިވެހި ބަހުން އެހެން ދީންތަކުގެ މައުލޫމާތު ފެތުރުމަށް ކުރި މަސައްކަތަކީ އެކަމުގެ ފެށުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ "ފީބާ ރޭޑިއޯ" ހިިންގުމަށް ރާއްޖޭގެ މަހުޖަނަކު ހަރަދު ކުރައްވާފައިވާ ކަމަށް ވިދާޅުވެ އެެ ބޭފުޅަކު ނިސްބަތްވަނީ ކޮން ޖަމާއަތަކަށްތޯ ސުވާލު ކުރައްވާފަ އެވެ.

ތަހުގީގު ކުރާ ވާހަކަ އެ ދައްކަނީ އެކަން ކުރެވެން ނެތީމަ.... އެކަން ކުރުމުގެ ގާބިލްކަމެއް ނެތް މި ސަރުކާރުގައި ނުހުންނާނެ. ނުވެސް ކުރާނެ! ދެން މި ވިދާޅުވަނީ ސަސްޕެންޑް ކޮށްފައޭ، ސަސްޕެންޑް ކުރީމަ ކިހިނެތްތޯ ވަނީ؟ ސަސްޕެންޑް ކުރީމަ މިވާ ގޮތަކީ ޚާރިޖީ ވަޒީރު ނުކުންނަވާ އަދި ތަރުޖަމާއެއް އެބަ ދެއްވާ! ނޫނެކޭ ނޫނެކޭ... އަދި މިއީ އެހެންވެފަ އޮތް ކަމެއް ނޫނޭ، މި ސަސްޕެންޑް ކުރުމަކީ ވަގުތީ ގޮތުން ދުވަސް ކަނޑައަޅާފައި ކަމެއް ބަލައިލުމަށް އޮތް ކަމެކޭ... މިއީ އަދި ސަސްޕެންޑް ކުރީއެއްވެސް ނޫނޭ. މިހާލުގައިތޯ ދިވެހިން އުޅެން ޖެހޭނީ
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް

ރައީސް ޔާމީން ވިދާޅުވީ ބަޔަކު ކިތަންމެ ބޭނުންވި ނަމަވެސް ދިވެހިންގެ ދީން، މާތްވެގެންވާ އިސްލާމް ދީނާ ކުޅުމުގެ ފުުރުސަތު ނުދޭނެ ކަމަށެވެ. އަދި އިސްލާމްދީނާ ކުޅޭނަމަ ދިވެހިންގެ ލޭ ހޫނުވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިއަދު ފެންނަން މި އޮތީ ޖާހިލުކަމާއި، ޖައްބާރުކަމާ އަދިރިކަން މި ތަނުން .. ދީނާ ކުޅެން ފެށީމަ އެންމެންވެސް ލޭ ހޫނުވާނެ.

އިއްޔެ ރައީސް ސޯލިހު ތަސްދީގު ކުރެއްވި ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ބިލަށް އިޝާރާތް ކުރައްވާ ރައީސް ޔާމީން ވަނީ އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ޓެރަރިޒަމްގެ ގާނޫނު ފާސް ކުރިއިރު އެމްޑީއެންގެ ރިޕޯޓް އޮތީ ވެރިންގެ މޭޒު މަތީގައި ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. އެހެން ކަމަށްވާނަމަ ޓެރަރިޒަމްގެ ގާނޫނަށް ގެނެވުނު އިސްލާހުގެ ބޭނުމަކީ މި ރިޕޯޓާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ހައްޔަރު ކުރުންތޯ ވެސް ރައީސް ޔާމީން މިރޭ ސުވާލު ކުރެއްވި އެވެ.