މޯޑިވިއަން ޑިމޮކްރަސީ ނެޓްވޯކް

އުވާލީ ގާނޫނާ ހިލާފަށް، ނިންމުން އަނބުރާ ގެންދޭ: އެމްޑީއެން

Nov 6, 2019
12

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ ކަމަށް ބުނެ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކު (އެމްޑީއެން) ސަރުކާރުން އުވާލާފައި ވަނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ބޭރުން ގާނޫނާ ހިލާފަށް ކަމަށާއި، އެ ނިންމުން އަނބުރާ ގެންދަން އެ ޖަމިއްޔާއިން ގޮވާލައިފި އެވެ.

އެމްޑީއެން އިން އިސްލާމް ދީނާއި ރަސޫލަށް ފުރައްސާރަ ކުރި ރިޕޯޓްއާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ފުލުހުން ހެދި އެސެސްމަންޓްއިން އެ ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ގޮތުން ފާޑު ކިޔާފައިވާ ކަން ފާހަގަވެފައިވާ ކަމަށާއި ދީނަށާއި ރަސޫލާއަށް ވެސް އެ ރިޕޯޓުގައި ފުރައްސާރަކޮށްފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އެޅުން ލަސްވާތީ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެމްޑީއެން އުވާލަން އިއްޔެ ޔޫތު މިނިސްޓްރީން ނިންމީ ތަހުގީގަށްފަހު ފުލުހުން ދީފައިވާ މައުލޫމާތަށް ބެލުމަށްފަހު އެވެ. ޖަމިއްޔާގެ ގާނޫނުގެ ދަށުން އެމްޑީއެން އުވާލަން ނިންމައި، ޖަމިއްޔާގެ ދަރަންޏާއި މުދަލާ ގުޅޭ ކަންކަން 45 ދުވަހުގެ ތެރޭގައި ނިންމަން ވެސް ވަނީ މުއްދަތު ދީފަ އެވެ.

އެ ނިންމުމާ ގުޅިގެން އެމްޑީއެނުން މިއަދު ބުނީ އެ ޖަމިއްޔާ ޔޫތު މިނިސްޓްރީން އުވާލާފައިވަނީ ގާނޫނުގެ ވަކި މާއްދާއަކަށް ހަވާލާ ނުދީ، އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި އަސާސީ ހައްގުތައް ރައްކާތެރި ކޮށްދޭނެ ކަމަށް ރައްޔިތުންނަށް ވައުދުވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ފާއިތުވި ފަސް ސަރުކާރުގައި ވެސް އަމަލު ކޮށްފައި ނުވާ ފަދަ ގޮތަކަށް މަދަނީ ޖަމިއްޔާއެއް އުވާލައިފައި ކަމަށެވެ.

"... އެހެންކަމުން، މި ޖަމިއްޔާ އުވާލަން ނިންމާފައިވާ ނިންމުން އަނބުރާ ގެންގޮސް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އިންސާފުވެރި ތަހުގީގެއްކޮށް، ކުށްވެރިވެއްޖެ ކަމަށް ކަނޑައެޅޭ ހާލަތެއްގައި އެކަމަށް އެކަށީގެންވާ އަދަބެއް ދިނުމަށް ސަރުކާރަށް ގޮވާލަން،" ފާއިތުވި 15 އަހަރު ދުވަހުގެ ތެރޭގައި ބޭއިންސާފާ އަނިޔާގެ ޝިކާރައަކަށްވި މީހުންގެ ހައްގުގައި މަސައްކަތްކޮށްފައި ވާކަން ފާހަގަކޮށް އެމްޑީއެނުން ބުނެފައިވެ އެވެ.

އެމްޑީއެން އުވާލަން ސަރުކާރުން ނިންމާފައިވާއިރު، ފުރައްސާރަ ކުރި ރިޕޯޓު ނެރުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންގެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން، ރިޕޯޓްގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ޝަހިންދާ އިސްމާއީލާއި އަޒްރާ ނަސީމް ފުލުހަށް ހާޒިރު ކުރުމަށް ވަނީ ދެ ހަފުތާގެ ނޯޓިހެއް ދީފައި ވެއެވެ. އެ ދެ މީހުން ވެސް މިވަގުތު ތިބީ ރާއްޖެއިން ބޭރުގަ އެވެ.

އެ ރިޕޯޓުގެ މައްސަލާގައި އެ ޖަމިއްޔާ އުވާލުމުގެ އިތުރުން އެކަމުގައި އުޅުނު މީހުނަށް ގާނޫނުގެ ދަށުން ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅު ކޯލިޝަންގެ އިތުރުން އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.