މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ހަރަކާތްތައް ވަގުތީ ގޮތުން ހުއްޓާލަން އެޅި ފިޔަވަޅަކީ ސަރުކާރުގެ ތެރޭގައި ތިބި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ރުއްސަން ކުރި ކަމެއް ކަމަށް ވިދާޅުވެ، އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
އެމްޑީއެން ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނިންމީ އެ ޖަމިއްޔާއިން ނެރެފައިވާ ރިޕޯޓްގެ މައްސަލާގަ އެވެ. އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނު ވުމާއެކު އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައި ބުނީ އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި ސަސްޕެންޑްކުރީ ޖަމިއްޔާގެ މައްސަލާގެ ފުލުހުން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.
ރާއްޖެއިން ބޭރުގައި މިހާރު ހުރި ޝަހިންދާ މިއަދު ބުނީ އެމްޑީއެންއަށް ކުރިމަތިވެފައިވާ ޕްރެޝަރުގެ އަސްލަކީ އެ ރިޕޯޓުގައި ބޭނުން ކޮށްފައިވާ ބަހުރުވަ ނޫން ކަމަށެވެ. ހަގީގީ މައްސަލައަކަށް ވެފައި ވަނީ ދީނީ ހައްދުފަހަނަ އަޅާފައިވާ މިންވަރު އެ ރިޕޯޓުގައި ހާމަކޮށްފައި އޮތުން ކަމަށެވެ.
"އެ ރިޕޯޓާއެކު ޓެރަރިޒަމާ ދެކޮޅަށް ފާސްކުރި ގާނޫނޫގެ ސަބަބުން އެމީހުން ތިބީ ބިރުން. ދެން އެންމެނަށް ވެސް އެނގޭނެ އަނިޔާވެރިކަން އިސްކުރާ މީހަކު މާޔޫސްވީމަ އަމަލު ކުރާނެ ގޮތް،" ޝަހިންދާ ބުންޏެވެ.
އޭނާ އިތުރަށް ތުހުމަތު ކުރި ގޮތުގައި، އަމިއްލަ ޖަމާއަތަކަށް ސަރުކާރުން އެޅި ފިޔަވަޅަކީ ވަރަށް ނުރައްކާތެރި ފާލެއް ކަމަށާއި، އެއީ ސަރުކާރުގެ ތެރޭގައި ތިބި ހައްދުފަހަނަ އަޅާފައިވާ ބަޔަކު ރުއްސަން ކުރި ކަމެއް ކަމަށެވެ.
"އޭގެ އިތުރުން، އެ ފިޔަވަޅު އަޅާފައިވަނީ އޮންނަ އުސޫލުތަކުގެ ބޭރުން ޖަވާބުދާރީވާނެ ފުރުސަތެއް ވެސް ނުދީ،" މި ސަރުކާރާމެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރި ކަމަށް ފާހަގަ ކުރަމުން ޝަހިންދާ ބުންޏެވެ.
އޭނާ އިތުރަށް ބުނި ގޮތުގައި، މިހާރު އުފެދިފައި އޮތް މައްސަލަ އިހުލާސްތެރި ކަމާއެކު ބަލައި، ޑިމޮކްރަސީ އާއި ހެޔޮ ވެރިކަމެއްގެ އަސާސްތަކުގެ ތެރެއަށް ސަރުކާރު ރުޖޫއަވާނެ ކަމަށް އޭނާ އުއްމީދު ކުރެ އެވެ.
އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.
އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އާންމުން ގެންދަނީ އެ މައްސަލާގައި ތަހުގީގު ކުރަން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރަމުންނެވެ.