ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަށަވަރުކޮށް ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވާ މިއަދު ނެރުއްވި ބަޔާނެއްގަ އެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާ އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.
"އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާ ކުރުން މަތީ ދެމި ހުރުން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ.
މި މައްސަލަ ބަލައި، ދިވެހި މުޖްތަމައުގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަން،އިބްރާހިމް މުހައްމަދު ސޯލިހު | ރައީސުލްޖުމްހޫރިއްޔާ
"އެހެން ކަމުން މި މައްސަލަ ބަލައި، ދިވެހި މުޖްތަމައުގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނަމެވެ." ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އަދި ދީނީ ޝިއާރު ފާޅުކުރުމާއި، ގާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގުތަކުގެ ބޭނުން ހިފުމުގައި މުޅި މުޖްތަމައުގެ މަސްލަހަތު އިސްކޮށް އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ޚިލާފުނުވުމަށް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.