ހަބަރު

ދީނާ ގައުމީ ސަލާމަތު ވަކި ނުކުރެވޭނެ: ޖަމީލް

Oct 27, 2019
2

ރާއްޖޭގެ ގައުމީ ސަލާމަތް ގުޅިފައިވަނީ ދީނާ ކަމަށާއި، ދީނާ ގައުމީ ސަލާމަތާ ވަކި ނުކުރެވޭނެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިސްލާމް ދީނަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައި ދީނީ އިލްމުވެރިންގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި އާއްމުން ނުކުމެ ދަނީ މުޒާހަރާ ކުރަމުންނެވެ. އަދި 100 އަށް ވުރެ ގިނަ ކައުންސިލްތަކުންވެސް ވަނީ އެމްޑީއެން އުވާލުމަށް ސަރުކާރަށް ގޮވާލައި ބަޔާންތައް ނެރެފަ އެވެ.

ނަމަވެސް، އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ބުނެ، އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑު ކުރުން ފިޔަވައި އަދި މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާއިރު، އެ ރިޕޯޓާ ދެކޮޅަށް އިސްވެ އަޑުއުފުލާ މީހުނާ ދެކޮޅަށް ގައުމީ ސަލާމަތް ރައްކާތެރިކުރަންކަމަށްބުނެ ސަރުކާރުން ދަނީ އިންޒާރުތައް ދެމުންނެވެ.

އެކަމާ ގުޅިގެން މިހާރު އިދިކޮޅާއެކު މަސައްކަތް ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމީ ސަލާމަތަށް ހުރި އެންމެ ބޮޑު ނުރައްކަލަކީ އިސްލާމްދީނަށް ފުރައްސާރަކުރުން ކަމަށެވެ.

"ރައީސް ސޯލިހު އިސްކުރައްވަންވީ ދީން ރައްކާތެރިކުރުން. އިލްމުވެރިންނާއި ކައުންސިލްތަކަށް ފިޔަވަޅު އެޅުމެއް ނޫން. ދީނާއި ގައުމީ ސަލާމަތާ ވަކި ނުކުރެވޭނެ،" ޖަމީލް ވިދާޅުވި އެވެ.

އެމްޑީއެން އުވާލަން ގޮވާލައި ގިނަ އެއްވުންތަކެއް ބާއްވަމުންދާ ދަނޑިވަޅެއްގައި، ފުލުހުން ރޭ ބުނެފައި ވަނީ އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ ކުއްލި އެއްވުމެއްގެ ގޮތުގައި ނުބެލެވޭ، ރާވައިގެން ބާއްވާ އެންވުންތަކަށް ގާނޫނުގައި ބަޔާން ކުރާ ނޯޓިސް ދިނުމެއް ނެތި ބާއްވަމުންދާ ކަމަށެވެ. އެފަދަ އެއްވުންތަކަށް ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ރޭ ބުންޏެވެ.