ހަބަރު

ފިޔަވަޅު ނޭޅުމުން ރިޕޯޓް ނެރުނު މީހުނަށް ހިތްވަރު ލިބިއްޖެ: ޖަމީލް

Oct 31, 2019
8

އިސްލާމް ދީނަށާއި ރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރެސީ ނެޓްވާކް (އެމްޑީއެން) އަށް ފިޔަވަޅު އެޅުން ލަސްވާތީ، އެ ރިޕޯޓު ނެރުނު ފަރާތްތަކަށް ހިތްވަރު ލިބިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އިސްލާމްދީނާ މާތް ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން ނެރުނު ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް 115 ކައުންސިލަކުން ވަނީ ގޮވާލާފަ އެވެ. އަދި ވަރަށް ގިނަ ރަށްރަށުގައި އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ދަނީ މުޒާހަރާ ކުރަމުންނެވެ. އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން އެ ޖަމިއްޔާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާއިރު އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމުގައި ސަރުކާރު ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެމްޑީއެން މައްސަލާގައި ސަރުކާރަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލް މިއަދު ވިދާޅުވީ އެމްޑީއެންއާ މެދު ފިޔަވަޅު އެޅުން ލަސްވުމުން އެ އަމަލުކުރި ފަރާތްތަކަށް ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށެވެ.

"ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް. ގާނޫނީ ކުށަކަށް ޒިންމާކުރުވުން ލަސްވުމުން މި ޒާތުގެ ލާދީނީ އަމަލްތައް ފެތުރުމުގެ ބިރު ބޮޑު. މިއީ ގައުމިއްޔަތަށް އޮތް ނުރައްކަލެއް،" ޖަމީލް ވިދާޅުވި އެވެ.