ޑރ. މުހައްމަދު ޖަމީލް އަހުމަދު

ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭ

ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތަކުގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައި ނުގަނެވޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަ ކޮށްފައި ވެއެވެ. އެކަމާ ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ވަރަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. މި މައްސަލަ ތަހުގީގު ކުރަން އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހުންގެ އިދާރާއަށް ހުށައަޅާފަ އެވެ.

އެމްޑީއެންގެ ރިޕޯޓާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށް އަދި ރިޕޯޓް ކުށްވެރިކުރައްވާ ޖަމީލް ވިދާޅުވީ ކޮންމެ ފަހަރަކު ބުރަ މަސައްކަތުން ސަރުކާރު ގެންނަނީ "ހެޔޮ ގޮތް" ހޯދަން ކަމަށާ އެ ގޮތް އޮތީ އިސްލާމް ދީނުގައި ކަމަށެވެ.

ނަމަވެސް ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭނެ ކަމަށެވެ. ޖަމީލް ވަނީ ސަރުކާރުން ފިޔަވަޅު ނޭޅިނަމަވެސް ދީނުގެ ދިފާއުގައި ދިވެހިން ތެދުވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ލާދީނީ ފިކުރު ފަތުރަން ހިތްވަރުދީ މަސައްކަތްކުރާ ނެޓްވޯކްތައް ތަހުގީގުކޮށް ފިޔަވަޅު އަޅަން ސަރުކާރު ނުކުޅެދިފައިވުން ބަލައެއް ނުގަނެވޭނެ. ދީނުގެ ދިފާއުގައި ދިވެހިން ތެދުވާނެ،" ޖަމީލް ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާފައިވާ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ޚިލާފު ވާހަކަތައް ހިމަނާފައި ވެއެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައި ވެއެވެ. އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާޢާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ދީނީ އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންނާއި އާންމުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.