ހަބަރު

އިލްމުވެރިންނަށް އިންޒާރު ދިނުމުން ޖަމީލްގެ ހިތްހަމަނުޖެހުން

Oct 16, 2019

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާއިން ވާހަކަ ދައްކާނަމަ، ފިޔަވަޅު އަޅާނެކަމަށް ސަރުކާރުން އިންޒާރު ދިނުމުން، އެކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު އިއްޔެ މުވައްޒަފުންނަށް އެންގުމުގައި ބުނެފައިވަނީ "މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުން ނެރެފައިވާ ލިޔުމެއްގައި ހިމެނޭ ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ޚިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ.

"ވީމާ ދަންނަވަމެވެ. ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަޚްލާޤީ ކޯޑްގައިވާ ހަމަތަކާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރ. ހަސަން ހަމީދުގެ އެންގެވުމުގައިވެއެވެ.

އެމްއެންޔޫއިން އެތަނުގެ ލެކްޗަރާއިންނަށް މިފަދަ އެންގުމެއް އަންގާފައިމިވަނީ އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިން އިއްޔެ ގޮވާލާފައިވަނިކޮށެވެ.

އެ އެންގުމާ ގުޅިގެން މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު އިދިކޮޅުގެ އިސް ސަފުގައި މަސައްކަތް ކުރައްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިލްމުވެރިންނަށް ދިން އިންޒާރަކީ މި ސަރުކާރަށްވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަޖަމު ނުކުރެވޭ ކަމުގެ ހެއްކެއް ކަމަށެވެ.

"ގައުއުމީ ޔުނިވަސިޓީތަކަށް ސަރުކާރުގެ ކޮންޓްރޯލް އޮތުމުގެ ގެއްލުން މިފެންނަނީ. ހިޔާލްތަކަށް ފުރުސަތު ނުދީ ހުދުމުހުތާރު މިވީ މާ އަވަހަށް،" ބިރު ދައްކައިގެން ވެރިކަން ކުރެވުނު ޒަމާން މާޒީވެއްޖެކަން ފާހަގަކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

އެމްޑީއެނާމެދު ފިޔަވަޅު ނާޅާ، އިލްމުވެރިންނަށް ސަރުކާރުން އިންޒާރުދިން މައްސަލާގައި ސަރުކާރަށް ވަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފަ އެވެ.