ހަބަރު

އެމްޑީއެނަށް ފިޔަވަޅު ނާޅާ ސަރުކާރު އޮތީ ފިލާ: ޝިޔާމް

Oct 22, 2019
1

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ވާހަކަތައް ހިމެނި މައްސަލާގައި އެ ޖަމިއްޔާއަށް އެކަށީގެންވާ ފިޔަވަޅެއް ނާޅާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ފިލައިގެން އުޅޭކަމަށް، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މާފަންނު މެދު ދާއިރާގެ ގެ މެންބަރު އިބްރާހިމް ރަޝީދު ހުށަހަޅުއްވި ދަނޑުވެރިކަމާ ބެހޭ ފުޑްސެކިއުރިޓީގެ ގަރާރަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަލާލު ގޮތުގައި ރައްކާތެރިކަމާއެކު ކާބޯތަކެތި ފޯރުކޮށްދީ، ގައުމު ތަރައްގީ ކުރެވޭނީ ދިވެހި ގައުމިއްޔަތު ދަމަހައްޓައިގެން ކަމަށެވެ.

ނަމަވެސް، ދިވެހި ގައުމިއްޔަތު ނަގާލައި، އިސްލާމް ދީނަށް އުޅުނު ނުދިނުމަށްޓަކައި އެމްޑީއެނުން ނެރުނު ރިޕޯޓަށް ފިޔަވަޅު އެޅުމަށް މި ސަރުކާރުން ނުކުޅެދިފައިވާކަމަށް ޝިޔާމް މިއަދުވެސް ތަކުރާރުކުރެއްވި އެވެ.

"ސަރުކާރުން އުޅެނީ ރައްޔިތުންނަށް ފިލައިގެން. ރައީސް އުޅުއްވަނީ ރައްޔިތުންނަށް ފިއްލަވައިގެން. ދިވެހި ރައްޔިތުންނަށް ކާ އެތިކޮޅު ސެކިއޯ ކުރެވޭނެ ގައުމިއްޔަތާއި 800 އަހަރު ވަންދެން ދިވެހިން ގަބޫލުކުރަމުން އައި ގަބޫލުކުރުންތައް ދަމަހައްޓައިގެން. ކާ އެތިކޮޅު ރައްކާތެރިކުރުމަށްވުރެ އިސްލާމް ދީނަށް އުޅުނަ ނުދިނުމަށްޓަކައި ނެރުނު ރިޕޯޓަކާމެދު ފިޔަވަޅު އެޅުން މިއަދު މާ މުހިންމު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ މައުލޫން ބޭރުން ދޮގު ވާހަކަތައް ދައްކާ ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައިފަ އެވެ.

ނަމަވެސް، ޝިޔާމް ވަނީ ދޫނުކުރައްވައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވައިފަ އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި، މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކުގައި ރައްޔިތުން ނުކުމެ މުޒާހަރާކުރަމުންދާއިރު، ސަރުކާރަށް ގޯސްވަނީ އެމްޑީއެނާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލާ މީހުން ކަމަށެވެ.

"މިއުޅެނީ އެމްޑީއެން ކިޔާ ދަތްޖާލަކު އަރައިގެން. އެ ދަތްޖާލު މަތަ ކުރަންވީމަ ފިލާ އޮންނަތަން މި ފެންނަނީ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ އެމްޑީއެނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި މި ސަރުކާރުން ދަނީ އެ ޖަމިއްޔާއާ ދެކޮޅަށް އަޑުއުފުލާ މީހުންނާމެދު ފިޔަވަޅު އަޅަމުންދާ މަންޒަރު ކަމަށެވެ.

"ކޮންކަހަލަ ނުކުޅެދޭ ސަރުކާރެއްތޯ މިއީ؟ މުޅި ރާއްޖޭގައި މުޒާހަރާ ކުރަމުންދާއިރު، ތަހުގީގު ކުރާ ކަމަށްބުނެ އުޅެނީ ފިލައިގެން. ކޯޗެއްތޯ ތަހުގީގުކުރަން އޮތީ؟ ތަހުގީގު ކުރާނެ އެއްޗެއް ނޯންނާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމްގެ ވަގުތު ހަމަވުމުން، އެހެން މެންބަރަކަށް ފުރުސަތު ދިނުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ނެރުނު ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓް ނެރުމާ ގުޅިގެން އެ ރިޕޯޓްގައި ހުރި ދިނާއި ހިލާފު ބަހުރުވަ މި ސަރުކާރުގެ އިތުރުން ހުރިހާ ސިޔާސީ ޕާޓީތަކުންވެސް ކުށްވެރިކޮށްފައިވާކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި، އެ ރިޕޯޓުގައި ފާހަގަކޮށްފައިހުރި އެހެން ވާހަކަތައް ފާހަގަނުކޮށް، އެ ރިޕޯޓުގެ އަސާސް ގެއްލިފައިވާކަމަށެވެ.

"އެ ރިޕޯޓުގައި ހުރި އެހެން ވާހަކަތަކެއް ފާހަގަނުކުރެވޭ. ސީރިއާއަށް ދިވެހިންގެ ބަޔަކު ދަނީ ކޮން ބަޔަކު މެދުވެރިވެގެންތޯ. އެ ރިޕޯޓާ ދެކޮޅަށް އެންމެ އަޑުހަރުކޮށް ވާހަކަ ދައްކަމުންދާތަން މި ފެންނަނީ ސީރިއާ މީހުން ފޮނުވާކަމަށް އެ ރިޕޯޓުގައި ތުހުމަތުކޮށްފައިވާ މީހުން. އެހެންވެ އެ ރިޕޯޓުގެ އަސްލު އަސާސީ ވާހަކަ ގެއްލިދަނީ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީއެންގެ ރިޕޯޓު މިހާރު ބަޔަކު ބޭނުންކުރަމުންދަނީ މި ސަރުކާރަށް ހަމަލާއެއްގެ ދިނުމަށް ހަތިޔާރެއްގެ ގޮތުގަ އެވެ.

އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ޔޫތް މިނިސްޓްރީން ވަނީ އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފަ އެވެ.

ނަމަވެސް އެ ރިޕޯޓުގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލާގައި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން ލަސްވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ބައެއް ރަށްރަށުގައި މުޒާހަރާ ކުރަމުންނެވެ.