މުސްލިމަކާ ދިމާއަށް ކާފަރެކޭ ބުނުން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅި ބިލުގެ ފުރަތަމަ ކިއުން އިއްވައި އެ ބަހުސް ތަޅުމުގައި މިއަދު ފަށައިފި އެވެ.
ތައާރަފު ކުރުމުގައި ހިސާން ހުށަހެއްޅުވުމުގެ ސަބަބުނު "ހިސާނު ބިލު" ގެ ގޮތުގައި މަޝްހޫރުވެފައި ބިލުގައި ހިމަނާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރާށެވެ.
އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
އަދި އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން، އެގޮތަށް ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. "ހިސާންބިލް" ގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ.
"ހިސާން ބިލު" މަޖިލީހުގައި އިއްވުމުގެ ކުރިން އެ ބިލާ ދެކޮޅަށް ދީނީ އިލްމުވެރިންނާއި އަދި އިދިކޮޅު ޕީޕީއެމް / ޕީއެންސީ އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ތެދުވެފަ އެވެ. އަދި މާލޭ ސިޓީ ހިމެނޭ ގޮތަށް ގިނަ ކައުންސިލްތަކުން ވަނީ އެ ބިލާ ދެކޮޅަށް ތެދުވެފައިވާއިރު އާންމު ގިނަ ރައްޔިތުން ވެސް އެ ބިލާ ދެކޮޅެވެ.
ޕީޕީއެމް / ޕީއެންސީން ބުނީ "ހިސާނު ބިލު" ގެ ސަބަބުން އިސްލާމް ދީން ރާއްޖޭގައި ފެތުރުމަށާއި ދީނުގެ ސައްހަ މައުލޫމާތު ފޯރު ކޮށްދިނުމަށް ގިނަ އުނދަގޫތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އަދި ދީނާ ނުގުޅޭ ފިކުރުތައް ގިނަވެ އެފަދަ ފިކުރުތައް ފެތުރުމަށް ބިލްގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށެވެ.