ހިޔާލު ފާޅު ކުރެވޭނީ އިސްލާމް ދީނުގެ ހުދޫދުގެ ތެރޭގައި ކަމަށާއި އެ ނޫން ގޮތަކަށް ހިޔާލު ފާޅު ކުރަން ފުރުސަތު ނުދެވޭނެ ކަމުގައި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނުގެ ދިފާއުގައި ހިސާން މަޖިލީހުގައި މިއަދު ވާހަކަފުޅު ދެއްކެވި ނަމަވެސް މަޖިލީހުގެ މިދިޔަ ދައުރުގައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހިސާން ހުށަހެޅުއްވި ބިލާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ހިސާނަށް އަމާޒުވި އެވެ. މިދިޔަ ދައުރަށް ހިސާން ހުށަހެޅުއްވި ބިލަކީ ނަފްރަތު އުފެއްދުން ހުއްޓުވުމާއި "ލާދީނީއޭ" ކިޔުން ހުއްޓުވަން ހުށަހެޅުއްވި ބިލެކެވެ. އެ ބިލް މިހާރު އޮތީ ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވާލި ގޮތަށް ހުއްޓިފަ އެވެ.
"ހިސާން ބިލު"ގެ ގޮތުގައި މަޝްހޫރުވި ބިލާ ގުޅިގެން އައި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ވެސް މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފަ އެވެ.
ގާނޫނުލް އުގޫބަތަށް އިސްލާހު ގެނައުމަށް ހިސާން ހުށަހެއްވި ބިލުގެ ބަހުސްގެ މިއަދު މަޖިލީހުގައި ފަށަމުން އޭނާ ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތައިން މުސްލިމު ގައުމަކަށްވާއިރު މުޅި ދައުލަތް ތަރުތީބު ވެގެން ދާން ޖެހޭނީ ވެސް އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށެވެ. އަދި އެކަން ގާނޫނު އަސާސީގެ އެކި މާއްދާތަކުގައި ވެސް ކަނޑައަޅައި ބަޔާން ކޮށްފައިވާ ކަމަށެވެ.
ހަމަ އެހެންމެ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވެސް އޮންނަން ޖެހޭނީ އިސްލާމް ދީނުގެ ހުދޫދުތަކުގެ ތެރެއަށް ފެތޭގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދީނަށް ކުޑައިމީސް ވާގޮތަށް ވާހަކަތައް ދައްކައި ދީނީ ޝިއާރުތަކާއި ބައެއް ތަސައްވަރުތަކަށް އިހާނެތިކޮށް ވާހަކަތައް ދައްކާތަން މަދުން ނަމަވެސް ފެންނަމުންދާކަން ފާހަގަ ކުރެއްވި އެވެ.
ހިސާން ވިދާޅުވީ އެގޮތަށް ކަންކަން ހިނގަން ޖާގަ ނުދެވޭނެ ކަމަށާއި އިސްލާމީ މުޖުތަމައެއްގައި އެފަދަ ވާހަކަތައް ހެދުން ކުށަކަށް ވާން ޖެހޭ ކަމަށެވެ. ބިލު ހުށަހެޅީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް ދީނާ ގުޅޭ ގޮތުން ވާހަކަތައް ދެއްކޭނެ ހަމަަތައް ބަޔާންކޮށް ފިތުނަ އުފެއްދުމަށް އޮތް ޖާގަ ބަންދުކުރުމަށް ކަމަށް ވެސް ހިސާން މިއަދު ވިދާޅުވި އެވެ.
ދީނަށް ފުރައްސާރަ ކުރަން ހުއްޓުވަން ހުށަހެޅި ބިލާއި "ހިސާން ބިލު" ވަރުން އަޅުވައި އެ ދެ ބިލުގެ މަގްސަދު ވެސް ހިސާން މިއަދު ސާފު ކޮށްދެއްވި އެވެ.
"އެ ބިލުގެ މަގުސަދާއި، މި ބިލުގެ މަގުސަދަކީ ވެސް، އިސްލާމް ދީނުގައި، އެފަދަ ކަންކަމުގައި ކަނޑައަޅާފައި ހުރި މެދުމިނުގެ އަދި ހަރުދަނާ އުސޫލުތައް ނެގެހެއްޓުން،" ހިސާން ވިދާޅުވި އެވެ.
ދީނަށް ފުރައްސާރަކުރުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް ހިސާާން ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫންވެސް ގޮތަަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް ވާނެ އެވެ.