ދީނަށް ފުރައްސާރަ ކުރުން

ދީނީ ފުރައްސާރަ ހުއްޓުވާ ބިލުގެ ބަހުސް ފަށައިފި

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް މިއަދު ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 617 މާއްދާގެ ދަށުން މިހާރު ވެސް ކުށެކެވެ. ހިސާން ހުށަހެޅުއްވި ބިލުގައި އެދިވަޑައިގެންނެވީ އެ މާއްދާއަށް އިތުރު ބައިތަކެއް އިތުރު ކުރުމަށެެވެ.

އެ މާއްދާއަށް އިސްލާހު ގެންނަނީ އިސްލާމް ދީނާ ދެކޮޅު އަމަލުތައް އިތުރަށް ތަފްސީލުކޮށް އެ ކުށުގެ އަމަލުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނައި އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާން ކުރުމުގެ ގޮތުން ކަމަށް ހިސާން ހުށަހެޅުއްވި ބިލުގައި ބުނެފައި ވެއެވެ.

ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން މުއާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ ޢާންމުންގެ ކުރިމަތީގައި، އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ކުރުމާއި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި އަދި އެކިއެކި ލިޔުންތައް ތައްޔާރުކޮށް ބެހުމާއި، ވިއްކުމާއި، އުފެއްދުމަކީ ޖުނަހްގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ.

ބިލުގައި އިތުރު ކުރަން ހުށަހެޅި މާއްދާ

މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫންވެސް ގޮތަަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުން

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ހިސާން ބިލެއް މަޖިލީހެއް ހުށަހެޅުއްވީ ދީނާ ގުޅުވައި ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެންނަން ބިލެއް ހުށަހެޅުމުން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައި ވަނި ކޮށެވެ. އެ ބިލުގައި ދީނާ ގުޅުވައިގެން ނަފުތަރު އުފެއްދުމާއި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެކޭ ބުނެ ވާހަކަ ދެއްކުން ކުށަކަށް ހަދަން އޮތީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ ބިލު މަޖިލީހުގެ ތަޅުމުން ފާސް ނުވެ ބިލު އަލުން އިސްލާހު ކުރަން ޖުޑިޝަރީ ކޮމިޓީއަށް އޮތީ ފޮނުވާފަ އެވެ.

"ހިސާން" ބިލުގެ ގޮތުގައި މަޝްހޫރުވި އެ ބިލާ ދެކޮޅުކަން ރާއްޖޭގެ ގިނަ ޖަމިއްޔާތަކުންނާއި ކައުންސިލްތަކާއި ގިނަ ސިޔާސީ ޕާޓީތަކުން ހާމަ ކޮށްފައިވާ އިރު އެ ބިލު ހުށަހެޅި ގޮތަށް ފާސްކުރަން ބޭނުންނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.