ދީނަށް ފުރައްސާރަ ކުރުން

ދީނީ ފުރައްސާރަ ހުއްޓުވާ ބިލު ކޮމިޓީއަށް

ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލު ކޮމިޓީއަށް ފޮނުވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު އިތުރަށް ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވުމާ ގުޅޭ ގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ފެންނަ ކަމަށް 43 މެމްބަރަކު ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ބިލު ބަލައިގަތުމަށް ފަހު ބިލު ދިރާސާ ކުރަން ފޮނުވީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 617 މާއްދާގެ ދަށުން މިހާރު ވެސް ކުށެކެވެ. ހިސާން ހުށަހެޅުއްވި ބިލުގައި އެދިވަޑައިގެންނެވީ އެ މާއްދާއަށް އިތުރު ބައިތަކެއް އިތުރު ކުރުމަށެެވެ. އެގޮތުން މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫން ވެސް ގޮތަަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށް ހަދަން ބިލުގައި ހިމަނައިފައި ވެއެެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ހުށަހެޅި ބިލު ކޮމިޓީއަށް ފޮނުވި އިރު ދީނާ ގުޅުވައިގެން ނަފްތަރު އުފައްދުން ހުއްޓުވަން ހަމަ ހިސާން ސްޕޮންސާ ކުރައްވައި ހުށަހެޅި "ހިސާން ބިލު" ވެސް މިހާރު އޮތީ ޖުޑިޝަރީ ކޮމިޓީގަ އެވެ.

މީހުނާ ދިމާއަށް "ލާދީނީ އޭ" ކިޔުން ހުއްޓުވަން ހިސާން ހުށަހެޅުއްވި ބިލާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އިރު ޖުޑިޝަރީ ކޮމިޓީން ބިލު ފުރަތަމަ ފާސްކުރި ގޮތަށް ބިލު ފާސްކުރަން މަޖިލީހުގެ ތަޅުމުން ރުހުމެއް ނުލިބުނެ އެވެ. އެހެންވެ އެ ބިލު އަލުން ދިރާސާކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ އެވެ.

ހިސާން މިއަދު މަޖިލީހުގައި ވިދާޅުވީ އޭނާ ހުށަހެޅުއްވި ދެ ބިލުގެ މަގްސަދަކީ ވެސް އިސްލާމް ދީން ހިމާޔަތްކޮށް ދީނުގެ މެދުމިނުގެ އަދި ހަރުދަނާ އުސޫލުތައް ނެގެހެއްޓުން ކަމަށެވެ.