ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހިސާން ބިލު: ބަދަލެއް އޮތިއްޔާ ހިއްސާ ކުރާނެ

ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު މާއްދާތަކެއް އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށައެޅުއްވި އަދި "ހިސާން ބިލް" ގެ ގޮތުގައި މަޝްހުރު ވެފައިވާ ބިލާ ދެކޮޅު ހެދުން ބޮޑުވެފައިވާއިރު އެ ބިލަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ހިސާން ބިލު" ގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.

ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ

މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.

މިއީ ދީނާ ހިލާފު ވާހަކަތަކަށް ފުރުސަތު ދީ އެފަދަ ވާހަކަތައް ފަތުރާ، ދައްކަމުންދާ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރާ ކަމެއް ކަމަށް ބުނެ އެތައް ބަޔަކު ދަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. ބިލާ ދެކޮޅަށް ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ތެދުވެފައެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި އޮތް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީވެސް ހިމެނެއެވެ.

ބިލާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ރައީސް ސޯލިހް ވިދާޅުވީ ބިލް ހުށައެޅި މަގުސަދަކީ ހިޔާލު ފާޅު ކުރަން ހުރަސް އެޅުން ނޫން ކަމަށެވެ. ނަމަވެސް ބިލްގައި ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން އެނގިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ކޮމެޓީން ރިއާޔަތް ކުރާނެ ކަމަށާ އަދި މިހާރު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ބިލަށް ގެނަންޖެހޭ ބަދަލެއް އޮތްނަަމަ ސަރުކާރުން ވެސް ކޮމެޓީއާ ހިއްސާ ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކަށް ވެފައި އޮތީ މީހުންގެ ތެރޭގައި ނަފްރަތު އުފެދި އޭގެ ސަބަބުން މީހުންގެ ފުރާނައަށް މުދަލަށް، އެއްޗެއްސަށް ގެއްލުވާ ހިސާބަށް ދިޔަ ނުދިއުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުން. އެއްވެސް ހާލެއްގައި އޭގެ ބޭނުމަކަށް ވެފައި މިއޮތީކީ އެއްވެސް ފަރާތަކުން ފާޅުކުރާ ހިޔާލުތަކަކަށް ހުރަސް އެޅުމެއް ނޫން. އެ ގޮތުން ސަރުކާރުން ހުށައަޅާފައި އޮތް ބިލެއް އެއީ،" ރައީސް ވިދާޅުވިއެވެ.

"ހިސާން ބިލާ" ބިލާ ދެކޮޅަށް ސޯޝަލް މީޑިއާގައި ވަރުގަދަ ކެންޕެއިނެއް ވެސް ވަނީ ފަށާފަ އެވެ. އެ ކެންޕެއިނަކީ އިލްމުވެރިންނާއި ދީނީ އިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަމިއްޔަތުއް ސަލަފުން އިސްނަގައިގެން ކުރިއަށް ގެންދާ ކެންޕެއިނެކެވެ. އިއްޔެ ހަވީރު ފެށި މި ކެންޕެއިންގައި ހޭސްޓެގެއްގެ ގޮތުގައި ބޭނުން ކުރަނީ #ބޭންސެކިއުލާބިލް އެވެ.

އެ ކެންޕެއިންގައި ވަރަށް ގިނަ އަދަދެއްގެ އިލްމުވެެރިންނާއި އާންމުން ގެންދަނީ ބައިވެރިވަމުންނެވެ.